ވިޔަފާރި / ދައުލަތުގެ ބަޖެޓް 2017

އަންނަ އަހަރަށް ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދިޔައިރު އަންނަ އަހަރުގެ ބަޖެޓު ފޮތް މެމްބަރެއްގެ މޭޒުމަތީގައި ބާއްވާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

17 ނޮވެމްބަރ 2016 - 19:14

3 comments

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓަށް މާ ބޮޑެތި ބަދަލުތަކެއް ގެނައުމަކާ ނުލާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިއަދު ހަވީރު ފާސްކޮށްފި އެވެ.

މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި ބަޖެޓަށް ގެނައި ބަދަލުތަކާ އެކު ވޯޓަށް އެހުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެންބަރުންގެ ތެރޭން 15 މެންބަރުން ތާއީދު ކުރެއްވި އެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމް އާއި އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ މެމްބަރުން ހިމެނިވަޑައިގަންނަވާއިރު، އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރަކު ވެސް ބަޖެޓު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އެއީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

އޭޑީސީއާ މެދު ގޮތެއް ނިންމުން މުޅި މަޖިލީހަށް

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދިގުދެމިގެން ދިޔަ ކޮމިޓީ ބައްދަލުވުމުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ ކަންކަން ފާސްކުރުމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ތާއީދު ކުރެއްވި ހުށަހެޅުއްވި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރޭން 14 މެމްބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އާމްދަނީ އިތުރު ކުރުމަށް އެކި ޓެކްސްތައް ބޮޑުކޮށް، ބައެއް އާ ފީތައް ނަގަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެއީ މައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ނެގުމުގެ އިތުރުން، ބިން ހިއްކައި ގެސްޓްހައުސް ފަދަ ތަންތަން ހަދަން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި މާލޭގައި ދުއްވާ އެއްގަމު އުޅަނދުން ކޮންޖެސްޝަން ފީއެއް ނެގުމާއި ދުންފަތުގެ ބާވަތްތަކާއި ފިޒީ އަދި އެނާޖީ ބުއިންތަކުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއި ޓެކްސީގެ އިތުރު 400 ލައިސަންސް ވިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް 60 ޕަސެންޓަށް ބޮޑުކުރުމާއި އެސްއީޒެޑްގެ އިކުއިޒިޝަން ފީ ނެގުން ހިމެނެ އެވެ.

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވޯޓު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ މައްސަލަ ބޮޑުވެފައިވާ އޭޑީސީ ވެސް ހިމަނައިގެން ކޮމިޓީން ބަޖެޓު ފާސްކުރިޔަސް، އެކަމާ މެދު ގޮތްތަކެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ގިނަ ކަންކަން ވަކި ގާނޫނުތަކެއް ހަދައިގެން ނުވަތަ ގާނޫނުތަކެއް އިސްލާހުކޮށްގެން ނޫނީ ނުކުރެވޭއިރު، އޭޑީސީއާ މެދު ވެސް އެ އުސޫލުން މަޖިލީހުން ގޮތްތަކެއް ނިންމާނެ ކަމަށެވެ.

"އެ މަރުހަލާގައި، ދިވެހިންގެ އަތުން [އޭޑީސީ] ނަގާނީތޯ ނުވަތަ ނަގާނީ ކިހާ މިންވަރެއްތޯ ނިންމޭނެ،" ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ވިދާޅުވި އެވެ.

އޮފީސްތަކުގެ ބަޖެޓު ކުޑަ

އާމްދަނީއާ ގުޅޭ ކަންކަން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފަހު، ދައުލަތުގެ މުއައްސަސާތަކާއި އޮފީސްތަކުގެ ބަޖެޓު ވެސް ވަނީ ހަމަ އެ ގޮތަށް ފާސްކޮށްފަ އެވެ. ރިޔާޒް ރަޝީދު ހުށަހަޅުއްވައި އާމިރު ތާއީދު ކުރެއްވި އެ ހުށަހެޅުން ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރެއިން 14 ބޭފުޅެއްގެ ތާއީދާ އެކުގަ އެވެ.

އޮފީސްތަކުގެ ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރިއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު 11 ޕަސެންޓަށް ވުރެ ކުޑަކޮށް، އަހަރުން އަހަރަށް ރިކަރަންޓް ހަރަދު ކުޑަކޮށް ހުށަހެޅި ފުރަތަމަ ބަޖެޓަކަށް އެ ބަޖެޓު ވަނީ ހަދައިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ހާއްސަކޮށްފައި ވަނީ 13.6 ބިލިއަން ރުފިޔާ (ބަޖެޓުގެ 49.3 ޕަސެންޓް) އެވެ. އޭގެ ތެރޭން މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށް ކުރާ ހަރަދު އަންނަ އަހަރު ވެސް ހުންނާނީ 6.9 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި ސަބްސިޑީ އާއި އެ ނޫން ވެސް އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ 3.5 ބިލިއަން ރުފިޔާ އިން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ އަށް ދަށްވާނެ އެވެ.

އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ ދަށްކުރާއިރު، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް އަންނަ އަހަރު ދޭން ހުށަހަޅާފައި ވަނީ 731 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ ވަރަށް ބޮޑުތަން ކުޑަ އަދަދަކަށް ވިޔަސް، އާސަންދައިގެ ދަށުން ދޭ އެއްވެސް ހިދުމަތަކަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ މަޖިލީހުގެ ކޮމިޓީގައި ކުރިން ދީފަ އެވެ.

މީގެ އިތުރުން، ބަޖެޓު ކުޑަކޮށްފައިވާތީ ބައެއް މުއައްސަސާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ ހިމެނުނަސް، ކޮމިޓީން ވަނީ ޝަރުއީ ދާއިރާގެ ބަޖެޓު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް 367 މިލިއަން ރުފިޔާގައި ބަހައްޓަން ކުރިން ފާސްކޮށްފަ އެވެ.

އާސަންދަ އާއި އާމްދަނީއާ ގުޅޭ ރެކޮމެންޑޭޝަންތަކެއް

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި އިދިކޮޅު ބޭފުޅުން ވެސް ގިނަ އަދަދެއްގެ ރެކޮމެންޑޭޝަންތަކެއް ބަޖެޓަށް ހުށަހެޅުއްވައި ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ އާސަންދަ އާއި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ މުހިއްމު ރެކޮމެންޑޭޝަނެއްގެ އިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ކުރާ ހޭދަ އުސޫލުތަކެއްގެ ތެރޭން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ކަންތައްތަކެކެވެ.

ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު ބައެއް މެމްބަރުން ވެސް ހުށަހަޅުއްވައި އަދި ތާއީދުކުރެއްވި އެއް ރެކޮމެންޑޭނަކީ އާސަންދައިގެ ބަޖެޓު ކުޑަކޮށްފައި ވިޔަސް، އޭގެ ދަށުން މިހާރު ލިބޭ އެއްވެސް ހިދުމަތެއް އުނިވިޔަ ނުދިނުން ސަރުކާރުން ކަށަވަރުކުރުމެވެ.

ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ނިހާން އެހެން މެމްބަރަކާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ދައުލަތަށް އާމްދަނީ ހޯދަން ހުށަހަޅާފައިވާ ކަންކަން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ތަންފީޒުކުރަން ފެށުމާއި އިންކަމް ޓެކްސް ނަގަން ފެށުމާއި އުވާލަން ހުށަހަޅާފައިވާ ކުންފުނިތައް އުވާލުމަށް ވެސް ބަޖެޓަށް ރެކޮމެންޑޭޝަނެއް ލި އެވެ. އަދި ސަރުކާރުގެ މަޝްރޫއުތައް ބޭރުގެ ފަރާތްތަކާ ހަވާލުކުރުމުގެ ބަދަލުގައި ސަރުކާރުގެ ކުންފުނިތަކުގެ ކޭޕިސިޓީ ހުރި ވަރަކުން އެ ފަރާތްތަކަށް ދިނުމާއި ދައުލަތުގެ ތަންތަން ދިވެހި ކުންފުނިތަކުން އިންޝުއަކުރުން ފަދަ ކަންކަން ކުރުން ވެސް ބަޖެޓު ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

އެކަމަކު، ބަޖެޓާ އެކު ފާސްކުރާ ރެކޮމެންޑޭޝަންތަކަށް އަމަލުކުރުން ލާޒިމެއް ނުވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ކޮމިޓީން ބަޖެޓު ދިރާސާކޮށް ނިންމާފައި ވާއިރު، ކޮމިޓީގެ ރިޕޯޓު އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އަދި އެ ދުވަހު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުކްވެލް

17 November 2016

ބަޖެޓް ކޮމެޓީން ފާސް ކުރިއިރު އިދިކޮޅު އެމްޑީޕީން މަމެންގެ ބަޖެޓަށް ވޯޓް ނުދޭއިރު އެމެންގެ ހުށައެޅުން ކަމުގައިވާ އިންކަމް ޓެކްސް ނަގަން އެ ޓެކްސް އަންނަ އަހަރު ތައާރަފް ކުރުން އެ ރިކޮމެންޑޭޝަން އެއް ގޮތަކަށް ވެސް މަޖްލީހުގެ ތަޅުމުން ފާސް ވެގެން ނުވާނެއެވެ. މިހެން ވެއްޖެނަމަ އެމެންނަށް އެ ލިބުނީ ވަރަށް ރަނގަޅު ޓޫލް އެއް މަމެންގެ ސަރުކާރުގެ ކާމިޔާބީ އަކީ އެއީ އެމެންގެ ތިއަރީ ކަމަށް ރައްޔިތުންނަށް ދައްކާ އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުން. އެކަން ޖެހޭނީ އުވާލަން އެވެ. މަމެން އާމްދަނީ ހޯދާނަން މާލެ ސަރަހައްދުން ބިން ތައް ހިއްކައިގެން އިންކަމް ޓެކްސް އަށް ވުރެން މާ ބޮޑަށް މައްޗަށް.

The name is already taken The name is available. Register?

ސައްދާމް

17 November 2016

ބަޖެޓް ފާސް ކުރާއިރު ކުރިއަށް ދިޔަ އަހަރު އެތައް ބިލިއަނުން ގައުމަަށް ދިން ގެއްލުން ވެސް ހިމަނާލިނަމަ........ ފުރިހަމަ ވާނެ........

The name is already taken The name is available. Register?

ޕިސްޕިސް

18 November 2016

އަދި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާށޭ ކިޔާފައި 10 ދުވަސް ވަންދެން އިސްރާފުކުރާ ފައިސާގެ ވާހަކަވެސް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454