މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު، މަގާމުގެ ހުވާ މިއަދު ކުރެއްވުމަށް ފަހު، އާ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަނީ.
17 މެއި 2021 - 12:27
ހަތަރުވަނަ ދައުރަށް މާލޭގެ ރައްޔިތުން އިންތިހާބުކުރި އާ ސިޓީ ކައުންސިލް، ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ވާނީ އެ ރައްޔިތުންގެ ހިދުމަތުގެ ގޯއްޗަކަށް ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޭޔަރު ކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ކައުންސިލްގެ ހަަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، އެންމެންނާ މެދު ހަމަހަމަކަމާއި ތެދުވެރިކަމާ އެކު އަމަލުކުރުމަށް އާ ކައުންސިލަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ސިޓީ ކައުންސިލުން ފެނުނު މަންޒަރުތަކާ ހިލާފަށް މިފަހަރުގެ ކައުންސިލް ވާނީ ސިޔާސީ ޖަގަހައެއް ގޮތުގައި ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އާ ކައުންސިލް ފެންނާނީ ހިދުމަތުގެ ގޯއްޗެއްގެ ގޮތުގައި ކަމަށާއި ބޮޑެތި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ހިންގުމާއި "ރައްޔިތުން އެދޭ އަމާޒަށް" ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހަގީގަތަކަށް ހެދުމުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
ސްޓްރެޓެޖިކް އެކްޝަން ޕްލޭން، މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު އޭގައި ވަނީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް ކުރިއަށް ގެންދާނެ މަސައްކަތްތައް، ވަކިން ހާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަސް އަހަރުގެ ތެރޭގައި ކައުންސިލުން ކުރާނެ މަސައްކަތް ހިމަނައިފަ އެވެ.
އެހެންވެ، މޭޔަރު މުއިއްޒު ވަނީ، ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެކަން ކޮށްދޭން ޖެހެނީ ކައުންސިލަރުންގެ ބަދަލުގައި މާލޭގެ ރައްޔިތުންނަށްޓަކައި ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ މޭޔަރު ޑރ. މުއިއްޒާއި ކުރީގެ މޭޔަރު ޝިފާ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް އިންތިހާބު ކޮށްފައިވާ މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެއްބާރުލުންދޭހާ ހިނދަކު ސިޓީ ކައުންސިލް ވާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށެވެ.
"...ފައިދާ ވަނީ ރައްޔިތުންނަށް. އަޅުގަނޑުމެން ހުށަހަޅާނީ، މިނިސްޓްރީތަކާއި އޮފީސްތަކަށް ދާނީ ރައްޔިތުން އަޅުގަނޑުމެންނަށް ހަވާލުކުރި ކަންތައްތަކާއިގެން. އެހެންކަމުން ދެއްވާ އެއްބާރުލުމަކުން އުފާވެރިކަން ލިބިގެން ދާނީ މާލޭގެ ރައްޔިތުންނަށް،" މި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު މުއިއްޒު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަކީ އިންސާނީ ހައްގެއް ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ގުޅީފަޅުގައި ޕޯޓު އެޅުން ހުއްޓައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ. މިދިޔަ މަހުގެ 10 ގައި ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ވެސް މާލޭގެ ރައްޔިތުން ގުޅީފަޅުގައި ޕޯޓު އަޅަން ބޭނުން ނުވާކަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ގުޅީފަޅު ހިއްކުމަށް ފަހު، އެއީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން އޮތް ތަނަކަށް ވާން ޖެހޭ ކަމަށެވެ.
ގުޅީފަޅުގައި ޕޯޓު ހެދުމުގެ ބަދަލުގައި އެ ތަން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ތަނަކަށް ބަދަލުކުރުމަކީ މުއިއްޒުގެ ކެމްޕެއިންގައި ވެސް އެންމެ ގަދައަށް ވަކާލާތު ކުރެއްވި އެއް ކަންތަކެވެ. އޭނާގެ އެ ވިސްނުން ސަރުކާރަށް ރަސްމީކޮށް ހުށަހެޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި ޕޯޓް އަޅަން އޮތް ތަނަކީ ތިލަފުއްޓެވެ.
ފައިދާ ވަނީ ރައްޔިތުންނަށް. އަޅުގަނޑުމެން ހުށަހަޅާނީ، މިނިސްޓްރީތަކާއި އޮފީސްތަކަށް ދާނީ ރައްޔިތުން އަޅުގަނޑުމެންނަށް ހަވާލުކުރި ކަންތައްތަކާއިގެން. އެހެންކަމުން ދެއްވާ އެއްބާރުލުމަކުން އުފާވެރިކަން ލިބިގެން ދާނީ މާލޭގެ ރައްޔިތުންނަށް،"---ޑރ. މުއިއްޒު
ރައީސް އަބްދުﷲ ޔާމީންްގެ ވެރިކަމުގައި ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީ ކުރަން ފެށި، ހިޔާ ފްލެޓް ލިބުނު މީހުންނަށް ވެސް އެ ތަންތަނަށް އަވަހަށް ދިނުމަށް މުއިއްޒު މިއަދު ގޮވާލެއްވި އެވެ. އަދި ހިޔާ ފްލެޓްތަކުގެ ފިނިޝިން މަަސައްކަތްތަކަށް ރައްޔިތުންގެ އަތުން ހަރަދުކުރަން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މުއިއްޒު ވަނީ ރައްޔިތުންގެ އަތުން ހަރަދުވާ މިންވަރުގެ އެވްރެޖެއް ހެދުމަށް ފަހު، އެއީ ލިބޭ ފްލެޓުގެ އަގުން އުނިވާނެ އެެއްޗަކަށް ހެދުމަށް ވެސް ސަރުކާރަށް ގޮވާލައިފަ އެވެ.
މޭޔަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން ބޭއްވި، އާ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި މުއިއްޒު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވަމުންދާތީ މާލޭގެ ރައްޔިތުންގެ ނަމުގައި އެކަން ކުށްވެރި ކުރައްވައިފަ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އަމާންކަން ލިބުމަށް އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންނަޒަރ
17 May 2021
މުޢިއްޒު ގެ ވިސްނުން ރަނގަޅު. ތިލަފުއްޓަށް ޕޯރޓް ބަދަލު ކުރުމުން ވިޔަފާރި ވެރިންނަށް ފަސޭހަވާނެ. ޢެހެނީ އެތާ އެވެރިންގެ ގުދަންތަައް ހުރީމަ
މުހުސިނާ
17 May 2021
މިފަހަރު ތިކައުންސިލް ގެ މެޖޯރިޓީ އަކީ ޕ.ޕ.މ. އެހެންވީމާ ތިތަން ވާނީ ބޮޑު މުސާރަލިބޭ ބޮޑު ސިޔާސީ އައްޑާ އަކަށް. މުޅިންވެސް ކުރާނީ ޕ.ޕ.މ ގެ ކަންތައްތައް. ރައްޔިތުންނަށް ފައިދާވާނެ އެއްކަމެއްވެސް ނުކުރާނެ. ވަރަށް ރަނގަޅަށް ކުރާނެ ކަމެއް އެބައޮތް. އެއީ ބޮޑުކޮށް ސަރުކާރަށް ޖެއްސުން ކުރުން. ބަލަންތިބޭތި!
ދަރުބާރު
17 May 2021
މު އިޒް މޮޅު ވާހަކަ ދަ އްކާނެ ކަމެ އއްނެތެވެ. އަމަލާ އި ބަސް ދިމާވޭތޯ ބަލާށެވެ. މީހުން ބުނެ އުޅޭ މަޒީ އަކީ މީހާގެ ސިފަ ރަމްޒުކޮ އްދޭ ގޮތެވެ. އެހެންކަމުން މު އިޒް ފުލެޓްތަކަށް ހެދިގޮތަކީ ހަ އްގްވެރީން ހަ އްގުން މަޚްރޫމްކޮށް އެމީހުންގެ ހަ އްގު ނިގްޅަ އިގަން ދުވަސްކަށް ރަ އްޔިތުން ގަބޫލު ކުރެ އެވެ.
ނަސްރު45
17 May 2021
ޢިއްޒަތްތެރި މޭޔަރ މަރުހަބާ، މާލޭ، ހުޅުމާލެ، ވިލިމާލޭގައި އިމާރާތް ކުރުމުގެ އުސްމިންތަށް މުރާޖާ ކުރައްވާ، ބޯހިޔާ ވަެހި ކަމަަށް ލުޔެއް ހޯދާދިނުމަށް އުސް ކުރެވޭނެ އުސޫލު ތަކެއް ހަދާ ދެއްވާ. ޅިބިފައިވާ ކުދި ގޯތި ތަށް ބިމުގެ ކުޑަ މިނާއި، މަގުގެ ހަނި ކަމަށް ހަމަ އެކަނި ނުބަލާ ރަންގަޅު ފެންވަރުގާ ހަދާނަމަ އެކަން ކުރެވޭން ޖޭހޭ.
މުހައްމާ
17 May 2021
މުއިޒުމެން ބޭނުންވީމަ ވެރިކަމުން ވަކިވެގެން ދަމުން ވެސް ދިޔައީ އިންތިހާބުވި ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ފުލެޓުތައް ޕާޓީގެ މީހުނަށް ބަހާލާފަ. ދެން ފުލެޓުނިމިފަ ހުންނާނެކަމަށް ބުނެފަ ރައްޔިތުންގެ މެދުގަ ފިތުނަ ވެސް އުފެއްދި... އެކަމު އެތަނެއް އަދިވެސް ނުނިމެ ނޫންތޯ.. ދެން ކޮބައިތޯ މަނިކުފާނަށް އޮތް އިތުބާރަކީ.. ކީއްވެތޯ ވަހީދުގެ ވެރިކަމުގަ ހުޅުމާލޭގަ އެޅި ފުލެޓުތައް 5600 ރުފިޔާ އަށް ނުދިނީ... މިކަމުން އެބަ އިނގޭ އިހުލާސްތެރިކަން ދެއްތޯ.
ފޮނިޓައްޕު ހަސަނު
17 May 2021
ތި މުއިޒު ނޫންތަ އަރަބިއްޔާ ފްލެޓާޢި ގާކޮށީ ފްލެޓަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓްގެ އަދަދު ބޮޑުކޮށް އެ ފްލެޓްތަކަށް ހޮވުނު މީހުންނަށް އެފައިސާ ނުދެއްކުމުން މޭޒު ދަށުން އެ ފްލެޓްތައް ރައްޓެހިންނަށް ވައްކީ ހުސް ކުރީ. މާކަ ތާހިރު މީހަކަށް ހެދޭނެ ކަމެއް ނެތް.
ސިރު
17 May 2021
މިއީ 7 އަހަރު ވަންދެން ހައުސިންގ މިނިސްޓަރީ ހިންގި މުއިއްޒު ތަ.
ހަސަނު1
17 May 2021
އަހަރެންގެ ހަނދާނުން އަދި ނުފިލާ ޕީޕީއެމް ސަރުކާރެއް އޮވެ އިނދިކޮޅު ކައުންސިލެއް އޮވެ ކަންވީގޮތެއް.. ޖެއްސުން ކުރުމާއި، ބާރުތައް ނެގުމާއި، ބަޖެޓް ނުދިނުން ފަދަ އެތަށް ކަމެއް.. މިފަހަރު ބޫޓު އޮތީ އަނެއްފައިގައި. ކިހާވަރަކުން ދާނެބާ؟
އާމޭޔަރަށް
17 May 2021
ސަލާމަށްފަހު ދަންނަވަމެވެ. މާލޭ ރައްޔިތުންގެ ދަރިންގެ ދަރިންނަށްޓަކައި މާލޭ އޭރިޔާގެ ބިން ރައްކާތެރި ކޮށްދެއްވާށެވެ. އަތޮޅުތެރޭ އެންމެން ދަފްތަރުގައި ޖައްސުވައިގެން މާލޭ އޭރިޔާއިން ފްލެޓް ބެހުން ހުއްޓުވައި ދެއްވާށެވެ. ރާއްޖެތެރެ ތަރައްޤީ ކުރެެއްވުމަށް ބާރު އަޅުއްވައި ދެއްވާށެވެ.
މޫސަބެ
17 May 2021
ކޮބާހޭ ކުރިން ދިވެހި ދައުލަތުން ނެރުނު ފުލެޓު ލިސްޓު. އަސްލަމް އެހުރީ އެވެސް ކާލައިގެން. މުއިޒު އެކަމައް ގޮތެއް ފާސްކުރޭ