ގާޒާ އަށް ދޭ ހަމަލަތަކުގައި އިމާރާތެއް ބިމާ ހަމަކޮށްލައިފައި -- ފޮޓޯ: އޭއެފްޕީ
20 މެއި 2021 - 10:53
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި، ފަރަންސޭސި ވިލާތުން އިސްނަގައިގެން ސަލާމަތީ މަޖިލީހަށް ފޮނުވާފައިވާ ގަރާރު ވެސް ވީޓޯ ކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
މިގަރާރު އެކުލަވާލައިފައި ވަނީ، މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އާއި ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން އާއި ޖޯޑަންގެ ރަސްގެފާނު އަބްދުﷲއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ. ތިން ގައުމުގެ ވެރިންގެ މަހާސިންތާގައި ޖޯޑަންގެ އަބްދުﷲ ރަސްގެފާނު ބައިވެރިވެވަޑައިގަތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިސްރުގެ ރައީސް މިހާރު ހުންނެވީ ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގަ އެވެ.
މި ތިން ގައުމުން އެކުލަވައިލި ގަރާރުގެ ދެލިކޮޕީ، ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ސަފީރުންނަށް ރޭގައި ފޮނުވައިފި އެވެ. މި ގަރާރާ މެދު ބަހުސްކުރާނީ މިހާރު ކުރިއަށްދާ ސިއްރު މަޝްވަރާތަކުގެ ތެރެއިންނެވެ. އެހެންކަމުން، މި ގަރާރަށް ވޯޓަށް އަހާނެ ދުވަހެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، މި ތިން ގައުމާ ގުޅުން ހުރި ޑިޕްލޮމޭޓުން ވިދާޅުވި ގޮތުގައި މަސައްކަތްކުރަމުން ދަނީ ވީ އެންމެ އަވަހަކަށް ގަރާރަށް ވޯޓަށް އެހުމަށެވެ.
ގަރާރާ ބެހޭ ގޮތުން ރަސްމީ ގޮތެއްގައި އަދި މަޝްވަރާތައް ނުފެށި އުޅެނިކޮށް، ގަރާރު ވީޓޯ ކުރާނެ ކަމަށް އެމެރިކާއިން ބުނުމާ ގުޅިގެން، މި ގަރާރު ފާސްނުވާނެ ކަމުގެ ޔަގީންކަން ލިބުނީ އެވެ. އެމެރިކާއިން ބުނި ގޮތުގައި ހަމަލާތައް ހުއްޓައިލުމަށް އިޒްރޭލަށާއި ފަލަސްތީނަށް ގޮވާލާފައިވާ އެ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފިއްޔާ، ގާޒާގެ ހަމަނުޖެހުމަށް ހައްލެއް ހޯދުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް ފަނުފުލުން ދާނެ އެވެ.
ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރިއާސަތު ބަލަހައްޓަވާ، ޗައިނާގެ ސަފީރު ޝަންގް ޖުން އިއްޔެ ވިދާޅުވީ، އެފަދަ ގަރާރެއްގެ ދެލިކޮޕީ މިހާރު ތައްޔާރުވެފައިވާ ކަން، އދ.ގައި ހުންނަވާ ފަރަންސޭސި ސަފީރު ނިކޮލަސް ޑި ރިވޭރް އަންގަވާފައިވާ ކަމަށެވެ. ޖުން ވިދާޅުވި ގޮތުގައި ތިން ގައުމުން އެކުލަވައިލި ގަރާރުގެ ދެލިކޮޕީ ނިމިފައިވާ ކަން ފަރަންސޭސި ސަފީރު އެންގެވީ، މިހާރު ކުރިއަށްދާ ސަލާމަތީ މަޖިލީހުގެ ސިއްރު މަޝްވަރާތަކުގެ ތިން ވަނަ ބުރުގެ ވާހަކަތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު އެވެ.
މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން، ސަލާމަތީ މަޖިލީހުން ފާސްކުރުމަށްޓަކައި، ހަމަލާތައް ހުއްޓައިލުމަށް ގޮވައިލާ ބަޔާނެއްގެ ދެލިކޮޕީ ތައްޔާރުކުރި އެވެ. ނަމަވެސް އެ ތިން ފަހަރުވެސް އެބަޔާން ފާސްނުވީ އެމެރިކާއިން އެ ބަޔާނަށް ދެކޮޅު ހެދުމުންނެވެ.
އެންމެ ފަހުން ސަލާމަތީ މަޖިލީހަށް ހުށަހެޅީ، ޗައިނާ، ޓިއުނީޝިއާ އަދި ނޯވޭ ގުޅިގެން އެކުލަވައިލި ބަޔާނެއްގެ ދެލިކޮޕީ އެވެ. އެ ދެލިކޮޕީ އަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ މެންބަރު 15 ގައުމުގެ ތެރެއިން އެމެރިކާ ފިޔަވައި، އަނެއް 14 ގައުމު އެއްބަސްވެ އެވެ. ސަލާމަތީ މަޖިލީހުން އާންމުކުރާ ނޫސް ބަޔާންތަކާއި ރިއާސަތުން ނެރޭ ބަޔާންތައް، އާންމުކުރެވޭނީ ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވުމުންނެވެ.
މިއާ ހިލާފަށް ސަލާމަތީ މަޖިލީހުން ފާސްކުރާ އަދި އެއާ އެއްގޮތަށް މެމްބަރު ގައުމުތަކުން އަމަލުކުރުން ލާޒިމްވާ ގަރާރުތައް ފާސްކުރުމަށް ހުރިހާ ގައުމުތަކުގެ ތާއީދު ބޭނުމެއް ނުވެ އެވެ. ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްވާނީ، މަދުވެގެން ނުވަ މެމްބަރު ގައުމުގެ ތާއީދު ލިބި، ދާއިމީ އެއްވެސް މެންބަރު ގައުމަކުން ވީޓޯ ނުކުރާ ނަމަ އެވެ.
މި މައްސަލައިގައި މީގެ ކުރިން ހުށަހެޅުނު ބަޔާންތަކަށް އެމެރިކާއިން ދެކޮޅު ހެދި ފަދައިން، ފަރަންސޭސި ވިލާތާއި މިސްރު އަދި ޖޯޑަން ގުޅިގެން މި ތައްޔާރުކުރި ގަރާރު ވެސް އެމެރިކާއިން ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ.
އިޒްރޭލުން ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ 227 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 64 އަށް ވުރެ ގިނަ ކުޑަކުދިންނާއި 38 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ގެދޮރު ހަލާކުވުމުގެ ސަބަބުން ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ 50 ހާހަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.
ހާލުގައި ޖެހިފައިވާ ގިނަ މީހުން ވަގުތީ ގޮތުން ތިބީ މަދަރުސާތަކާއި، ޕާކުތަކުގައި ހަދާފައިވާ ވަގުތީ ޖިފުޓިތަކުގަ އެވެ. ގާތްގަނޑަކަށް 1000 ކުދިންގެ ޖާގައިގެ މަދަރުސާތަކުގައި ވެސް 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އެބަދެ އެވެ. މިތަންތަނުގައި މީހުން ތޮއްޖެހިފައި ތިބުމުގެ ސަބަބުން، ކޮރޯނާގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިގެން ދިޔުމުގެ ބިރުވެރިކަން އެބަ އޮތް ކަމަށް، ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Happy 123
21 May 2021
ޢެމެރިކާ އަދި އިޒްރޭލް ތި ދުނިޔޭގެ އެންމެ ބޮޑު ދެ ޓެރޮރިސްޓް ޖަމާއަތް?
މުޙުއްމާ
20 May 2021
އެމީހުން ބޭނުންވާގޮތް ނުވަންޏާ ހިއުމަން ރައިޓްސް އެއީ އޮންނަ އެއްޗަކަށް ނުވޭ. ޔޫއެން އަކީ ޑިމޮކްރެޓިކް ތަނެއް ނުން. ވީޓޯ ކުރީމަ ކިތަންމެ މުހިއްމު އެއްޗެއް ވެސް ފާހެއް ނުވާނެ ދެންތިބި ހުރިހާ މެމްބަރުން އެއްކޮޅަށް ވޯޓް ދިނަސް.
ފޫހި
20 May 2021
ހުރިހާ މުސްލިމުން އެމެރިކާ ވީޓޯކޮށް ބޯއިކޮޓް ކުރާނަން. އޭރުން އިންސާފު ލިބޭނީ. ދުނިޔޭގެ ބާރު އެންމެ ގައުމެއް އެދޭގޮތަށް ވަނީ އެމެރިކާގެ ފީކުދާނު ޔޫ އެން ގެ ސަބަބުން.
ދިވެހި ލޮބުވެތި ވަތަން
20 May 2021
އެންމެ ފުރަތަމަ ވިސްނަންވީ މިގައުމައް .ދެން އިންޑިޔާ އައް. އިންޑިޔާ ގަ އެމަރުވަނީ އެތައްގުނަ ދުވާލަކު. އިންޑިޔާ މައިތިރި ނުވާހާ ހިންދަކު، އަހަރުމެންނަކައް ހަމައެއް ނުޖެހެވޭނެ. ވެކްސިން ގަނޑެއްވެސް ދިއްކޮއްލަނީ ހަމަ އިންޑިޔާ! ދިވެހިން މަރުވުން ވެ މަދުވާނީ ވެކްސިން ޖެހިގެން. މިތާ މަރުވެސް ވަނީ ހަމަ މުސްލިމުން!
އަޚުން
20 May 2021
މުސްލިމުން ނަކީ އަޚުންތަކެއް ކަމަށް އެއޮތީ މާ މަތިން އަންގަވާފަ. އެހެންވީމާ، އަހަރެމެންނޭ އިންޑިޔާއެކޭ ނުކިޔޭނެ. މުސްލިމަކަށް ދެރަގޮތެއްވަންޏާ އެވަނީ އަހަރެމެންނަށް
ވީޓޯ
20 May 2021
ވީޓޯކުރުމުގެ ބާރު ފަސް ޤައުމަކަށްދީގެން ޔޫއެންގައި ޤައުމުތައް ބައިވެރިވެގެން ތިބުމީ، ދުނިޔެއިން އަޅުވެތިކަން ފިލައި ނުދާކަން އަންގައިދޭ ދަލީލެއް. އަދި މިއަދުން ވެސް އިންސާނުންތިބީ އަޅުވެތިކަން ޤަބޫލުކޮށްގެންކަން ދޭހަވާ ދަލީލެއް. މިފަދަ "ނިކަމެތި" ހާލެއްގައި ތިބުމަށް އެދެވުމަކީ ދުނިޔެއިން ޖާހިލުކަން ފިލާނުދާކަމުގެ ހެއްކެއް.
އެމްސް
20 May 2021
2 ވަނަ ބޮޑު ހަނގުރާމައިގަ ހިޓްލަރ ނިކުތީ ޔަހޫދީންނާއިވެސް ދެކޮޅަށް، އެމެރިކާ ނިކުތީ ހިޓްލަރާއި ދެކޮޅަށް! އިޒްރޭލު އުފަން ކުރުވީ އިނގިރޭސިން! އިނގިރޭސީންނާއި އެމެރިކާ އަބަދުހެން ކުޅެނީ އެއްކޮޅަކަށް!
ހަސަނަނާ
20 May 2021
ނިކަމެތި ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅީމަ ހުރިހާ މައްސައެއް ހައްލުވޭ! ބާރުގަދަ މީހުނަށް ފިޔަވަޅުއަޅައި ފިއްޔާ ފަނުފުލުންދަނީ! ސަދޫމް!
ވެއްޖެ
20 May 2021
ތިޔަ ވީޓޯކުރުމުގެ ބާރު ދީފަ އޮތުމަކީ ކިހާ ބޮޑު އުނދަގުލެއް. 100 ގައުމު އެއްކޮޅަސް އެންމެ ވީޓޯއަކުން އެނިންމުން ނައްތާލުމަކީ ޚުދުމުޚުތާރުކަން، އަނިޔާވެރިކަން، ބޭއިންސާފު.