އޭޑީކޭ ފުލުހުންގެ ބެލުމުގެ ދަށުގައި. އެ ސަރަހައްދުގައި ހަތިޔާރާ އެކު ސިފައިން ވެސް ހަރަކާތްތެރިވޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މެއި 2021 - 10:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމު ވެގެން ކަމަށާއި އެފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު، ފުލުހުން ގެންދަނީ އިންތިޒާމްވެ ބޭރުގެ މާހިރުންގެ ފަންނީ ލަފައާ އެއްގޮތަށް ކަމަށެވެ. އެހެންވެ، އެ ކަހަލަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅޭނެ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ އެދިވަޑައިގަތެވެ.
"މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން. މި ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް ވަރަށް ގިނަ މައުލޫމާތު ވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާ ނަމަ ފުލުހުންނާ ސީދާ ހިއްސާ ކޮށްދެއްވުމަށް އިލްތިމާސް ކުރަން،" އޭނާގެ ޓްވީޓުގައި ވެ އެވެ.
އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން. މިހަމަލާއާއިގުޅޭ ކުޑަ މައުލޫމާތެއްވިޔަސް، ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާނަމަ ފުލުހުންނާއި ސީދާ ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރަން.
— Mohamed Hameed (@M_Hameedh) May 23, 2021
ތަހުގީގަށް ހުރަސްއެޅޭ ކަންކަން ނުކުރަން ސީޕީ އެދިވަޑައިގެންނެވިއިރު އެމްޑީޕީގެ ސަޕޯޓަރުން ވަނީ ނަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިންގައި، ހަމަލާ ދިނުމަށް ފަންޑުކުރި މީހުންނާއި އެ ކަމުގެ އަޑީގައި ތިބި މީހުން ހޯދައިދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދެން.
— Mohamed Hameed (@M_Hameedh) May 23, 2021
ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އީއައިޑީ ގޮއްވާލައި ދިން ހަމަލާގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު، އިތުރު ފަރުވާ އަށް މި މަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު ވަނީ ޖަރުމަނަށް ގެންގޮސްފަ އެވެ.
އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެ އެންމެންގެ ބަންދަށް ވެސް 15 ދުވަސް ޖަހައި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. އެ ކަމުގައި އޮސްޓްރޭލިއާ ފުލުހުންގެ އެހީތެރިކަން ވެސް ރާއްޖެއަށް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮފީބޯ
23 May 2021
އަހަރެން ކާން ރެސްޓޯރަންޓަކަށް ވަންނަތަނާ އެތާ ބޮޑުކައްކާ މަކައިރިއަށް އައިސް އެމީހުންގެ ބަދިގެތެރޭ ހުރިހާކަމެއްވެސް ކުރިޔަށްދަނީ ވަރަށް ސާފުތާހިރުކޮށޭ ބުނާ ހިސާބުންވެސް މަގޭ ބޮލުގަ ރިއްސާލާނެ. އެހެން ބުނަންޖެހޭ ސަބަބު ފުރަތަމަ މަށަށް ވިސްނޭނީ. އެއީ އެހެން ނުބުންޏަސް އެކަން އޮންނަންޖެހޭނެގޮތް. އެހެން ކައްކާ ބުނަންޖެހޭނީ ރެޕިއުޓޭޝަން ވަރަށް ގޯސްވެގެން. އެކަމަކު ސީޕީއަށް އަދި ލިބުނީ 2 އަހަރު. މަގޭ އުއްމީދު އެބަ އޮތް ކަންކަން ރަނގަޅު ކުރާނެކަމަށް.
އެދުރުކަލޭގެފާނު
23 May 2021
ތިޔަހެން އިންތިޒާމުން ދިޔައެއްވެސް ތަހްޤީގެއް ނިމުނުތަނެއް ދިވެހީން ލޯ ނުދެކެއެވެ. އަލްމަރުހޫމް އަފްރާޝީމް، ނޫސްވެރިޔާ ރިލްވާން އަދިވެސް މިފަދަ އެތެއްކަމެއް ތިޔަ އިންތިޒާމުގައި ތާށިވެ ނިމިއްޖެއެވެ. ރިޔާސީ ވާޢުދޭ ކިޔުއްވައިގެން މަރުގެ މައްސަލަތަށް ބަލައިދޭން އަހްދާއި ވަޢުދުވިއެވެ. އެވެސް އާއްވަށް ވެގެން ހިނގަޖެއެވެ. ތިޔަ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ލައްވައިގެން ރައީސް ސާލިޙް މިޤައުމު ބޮއްސުން ލައްވައިފިއެވެ.
ރަދީފުމީހާ
23 May 2021
މައްސަަލައިގެ އެއްމެ ފުނަށް ވާސިލުވުމަށް އިންތިޒާމް ވެގެން ކުރިއަށް ދާނަމަ ނިކަން ރަގަޅު. އެހެނަސް މައްސަލަ އޮއްބާލަން އިންތިޒާމް ކުރެވިގެން ކުރިއަށް ދާނަމަ އިންތިހާއަށް ކަންބޮޑުވުން އެބައޮތް.
މހމމ
23 May 2021
ލުކްސް ލައިކް އަ ފޮޓޯ އޮޕް!