މުނިފޫހިފިލުވުން / އަމީތާބް ބައްޗަން

އަމީތާބާ އެކު ދިލިޕް ފިލްމެއް ޑައިރެކްޓްކުރަން އުޅުނު

ސަނީއާ އެކު "ކަލިންގާ" ކިޔާ ފިލްމެއް ވެސް ދިލިޕް ޑައިރެކްޓްކުރަން ފެށި

އަމީތާބް ބައްޗަންއާ އެކު ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު ފިލްމެއް ޑައިރެކްޓްކުރަން އުޅުނު ކަމަށާއި އެކަމަކު އެ ފިލްމު ފަހުން ޖެހުނީ ހުއްޓައިލަން ކަމަށް ރިޕޯޓެއް ބުނެފި އެވެ.

މުސްކުޅި ބަލީގައި މިހާރު އުޅޭ 98 އަހަރުގެ އެކްޓަރާ ބެހޭ ގޮތުން ޕިންކްވިލާ އިން ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަމީތާބާ އެކު ދިލިޕް 90 ގެ އަހަރުތަކުގެ ތެރޭގައި ހަދަން އުޅުނީ އަމިއްލަ އަށް ސްކްރީންޕްލޭ ވެސް ލިޔުނު "ބާބާ ޖާނީ" ކިޔާ ފިލްމެކެވެ. އޭގައި އަމީތާބް ކުޅެން އޮތީ ކަޝްމީރުގެ ޕަންޑިތެއްގެ ރޯލެވެ. އެ ފިލްމަށްވި ތައްޔާރީތަކުގެ ތެރެއިން ފިލްމުގެ ޕޯސްޓަރެއް ވެސް ހެދި ކަމަށާއި އެކަމަކު ފަހުން އޭގެ އެއްވެސް މަސައްކަތެއް ނުކޮށް ހުއްޓައިލަން ޖެހުނީ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

އަމީތާބް ހިމަނައިގެން ފިލްމެއް ޑައިރެކްޓްކުރުމުގެ ފުރުސަތު ނުލިބުނަސް އޭނާއާ އެކު ދިލިޕް ވަރަށް ކާމިޔާބު ފިލްމެއް ކުޅުނެވެ. އެއީ 1982 ގެ "ޝަކްތީ" އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އަމީތާބްގެ ދަރިފުޅު އަބީޝެކް ބައްޗަން ބޮލީވުޑަށް ތައާރަފުކުރަން އެންމެ ފުރަތަމަ ޕްލޭންކުރި ފިލްމު "އާޚިރީ މުގާލް" އަކީ ދިލިޕާ އެކު ކުޅެން އޮތް ފިލްމެކެވެ. އެކަމަކު އެ ފިލްމު ވެސް ނެހެދި، އަބީޝެކް ބޮލީވުޑަށް ނުކުތީ 2000 ވަނަ އަހަރު ޖޭޕީ ދައްތާ ގެނެސްދިން "ރެފިއުޖީ" އިންނެވެ. އެއީ ކަރީނާ ކަޕޫރް ވެސް ތައާރަފުވި ފިލްމެވެ.

ހިންދީ ސިނަމާގައި 1950 އާއި 1960 ގެ އަހަރުތަކުގައި ވަރަށް ގަދައަށް ފިޔަޖެހި ދިލިޕް އަމީތާބާ އެކު ފިލްމެއް ޑައިރެކްޓްކުރަން މަސައްކަތްކުރުމުގެ ކުރިން ސަނީ ޑިއޯލްއާ އެކު ވެސް ފިލްމެއް ހަދަން އުޅުނު ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އެއީ އޭނާ އާއި ސަނީ އެކީގައި ކުޅެން އުޅުނު 1996 ގެ "ކަލިންގާ" އެވެ. މިއުޒިކް ޑައިރެކްޓަރުންނަށް ކަލިއަންޖީ އާނަންދުޖީ ހަމަޖައްސައިގެން މަސައްކަތް ފެށި ފިލްމުގެ ޝޫޓިން ހަފުތާއެއްހާ ދުވަހަށް ކުރިއަށް ގެންދެވުނުތަނާ ދިލިޕްގެ ޑައިރެކްޝަނުގެ ވައްޓަފާޅިއާ ދޭތެރޭ ސަނީ ހިތްހަމަނުޖެހިގެން "ކަލިންގާ" ދޫކޮށްލީ އެވެ. އޭގެ ފަހުން އާ އެކްޓަރަކު ހިމަނައިގެން އޭގެ މަސައްކަތް ކުރި ނަމަވެސް މަސް ދުވަހުގެ ޝޫޓިން އަށް ފަހު، ފިލްމުގެ މަސައްކަތް ޖެހުނީ އެއްކޮށް ހުއްޓައިލާށެވެ. އޭރު ފިލްމުގެ 70 ޕަސަންޓް އޮތީ ޝޫޓްކޮށް ނިމިފަ އެވެ.

ޕިންކްވިލާ އިން ބުނީ "ކަލިންގާ" ހުއްޓައިލަން މަޖުބޫރުވީ އޭގެ ބަޖެޓް އަތްނުފޯރާ ހިސާބަށް ދާން ފެށުމުން، ލިބެން ފެށި ގެއްލުންތަކާ ހެދި އެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ހަދަން އުޅުނު ދެ ފިލްމުގެ މަސައްކަތް ވެސް ފަނުފުލުން ދިޔަޔަސް ދިލިޕަކީ އެކްޓަރެއްގެ ގޮތުގައި ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. އޭނާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އައިކޮނިކް ފިލްމު މުގްލޭ އާޒަމް (1960) އެވެ.

ދިލިޕަކީ ކުރީގެ ބަތަލާ ސާއިރާ ބާނޫ، 76، ގެ ފިރިމީހާ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454