29 މެއި 2021 - 09:25
މި މަހުގެ 13 ގައި ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަކީ ކަމުދާ ފިލްމެއް ނޫން ކަމަށާއި ބޮލީވުޑަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރަނގަޅު ސްކްރީން ރައިޓަރުން ނެތުން ކަމަށް ސަލްމާންގެ ބައްޕަ ސާލިމް ޚާން ބުނެފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކުރީގެ ސްކްރީންރައިޓަރު/އެކްޓަރު ބުނީ "ރާދޭ" އަކީ ކަމުދާ ފިލްމެއް ނޫންކަން އެ ފިލްމަށް ލިބުނު ރިވިއުތަކުން ވެސް އޮތީ އެނގެން ކަމަށެވެ. އެހެންވެ އެކަމާ ދޭތެރޭ ފުންކޮށް ވިސްނައި، ފިލްމުތަކުގެ ސްކްރިޕްޓަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް 85 އަހަރުގެ ސާލިމް ބުންޏެވެ. "ރާދޭ" އަށް ފާޑުކީ ވަރަށް ގިނަ ކްރިޓިކުންނާއި ފިލްމު ބެލި މީހުން ވެސް ބުނެފައިވާ ގޮތުގައި އެ ފިލްމަކީ ސަލްމާން 2009 ގައި ކުޅުނު "ވޯންޓެޑް" އަށް ބަދަލުތަކެއް ގެނެސްގެން އަލުން ގެނެސްދީފައި އޮތް ފިލްމެކެވެ. އެހެންވެ އޭގައި މާ ޝައުގުވެރި ކަންތައްތަކެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ފިލްމެއް ފުރިހަމަ އަދި މޮޅު ފިލްމަކަށް ވަނީ ވެސް އޭގެ ކޮންޓެންޓް ރަނގަޅުވެ، ސްކްރީންޕްލޭ ވަރުގަދަ ނަމަ އެވެ. އެހެންވެ އަބަދު ވެސް ސްކްރީންޕްލޭ އަކީ ފިލްމެއްގެ ހިތުގެ ގޮތުގައި ސިފަކުރެ އެވެ. ނަމަވެސް ބޮލީވުޑް މަޝްހޫރުވެފައި ވަނީ ކޮންޓެންޓަށް ވުރެ ވަރުގަދަ ތަރިންނަށް ބަރޯސާވެގެން ފިލްމު ހަދާ އިންޑަސްޓްރީއެއްގެ ގޮތުގަ އެވެ.
"އެކަމަކު ރާދޭ އަކީ ފިލްމު ބަލާ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ކަމުދާ ފިލްމެއް ނޫން. އެއަށް ވުރެ ރަނގަޅަށް ފިލްމުތައް ހެދެން ޖެހޭނެ. އަސްލު މިހާރު މައްސަލަ އަކީ ބޮލީވުޑްގައި ރަނގަޅު ލިޔުންތެރިން ނެތުން: ސާލިމް
"ރާދޭ" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާލިމް ބުނީ ސަލްމާންގެ 2019 ގެ "ދަބަންގް 3" އާއި 2015 ގެ "ބަޖިރަންގީ ބައިޖާން" އަކީ ރަނގަޅު ފިލްމުތަކެއް ކަމަށާއި އެ އެއްޗެހި ވަރަށް ކަމުދިޔަ ކަމަށެވެ.
"އެކަމަކު ރާދޭ އަކީ ފިލްމު ބަލާ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ކަމުދާ ފިލްމެއް ނޫން. އެއަށް ވުރެ ރަނގަޅަށް ފިލްމުތައް ހެދެން ޖެހޭނެ. އަސްލު މިހާރު މައްސަލަ އަކީ ބޮލީވުޑްގައި ރަނގަޅު ލިޔުންތެރިން ނެތުން،" ސާލިމް ބުންޏެވެ. "މީގެ ސަބަބަކަށް ވެދާނެ ކިޔުންތެރިކަން ދަށްވުމުގެ ނަތީޖާ އަށް ވެސް. ހަގީގަތުގައި އުރުދޫ އާއި ހިންދީ ލިޓްރޭޗާ ކިޔުމަކީ ހާއްސަކޮށް ސްކްރީން ރައިޓަރުގެ ސިކުނޑި އާއި ވިސްނުން މުއްސަނދި ވާނެ ކަމަށް. އެހެންވެ އެބަޖެހޭ ކިޔުންތެރިކަން އިތުރުކުރަން."
ސޯލޯ ރައިޓަރެއްގެ އިތުރުން ޅެންވެރިޔާ ޖާވިދު އަހްތަރާ ވެސް ގުޅިގެން ހިންދީ ސިނަމާގެ އައިކޮނިކް އެތައް ފިލްމެއް ލިޔުނު ސާލިމް ބުނި ގޮތުގައި ގިނަ ބަޔަކު ކޮމާޝަލް ފިލްމުތައް ހަދަން އިސްކަން ދިނަސް ކޮންޓެންޓް ގުރުބާންކޮށް، ފީކަޅާ ފިލްމުތައް ހަދައިގެން ނުވާނެ އެވެ.
"ހަމައެކަނި ފައިސާ އަށް ވިސްނައިގެން ފިލްމު ހެދީމަ ނުކުންނަ މައްސަލަތައް މި ހުންނަނީ. މިހެން ބުންޏަސް ހަނދާނުގައި ބަހައްޓަން ޖެހޭ ފިލްމެއް ހަދަނީ އެ ފިލްމެއްގައި މަސައްކަތްކުރި އެންމެންނަށް ވެސް ފައިދާވާނެ ގޮތަށް ކަމަށްވާތީ އާމްދަނީ އަށް ވެސް ސަމާލުކަން ދޭންޖެހޭކަން،" ޝޯލޭ އާއި ޑޮން އާއި ޒަންޖީރު އާއި ދީވާރު ފަދަ އެތައް ފިލްމެއްގެ ސްކްރީންޕްލޭގައި ހިއްސާވި ސާލިމް ބުންޏެވެ. "އެކަމަކު ކޮމާޝަލް ފިލްމުތައް ހެދިޔަސް އަބަދު ވެސް ވިސްނުމުގައި ބަހައްޓަން ޖެހޭނެ ކޮންޓެންޓަކީކަން ހުރިހާ އެއްޗަކީ."
ޕްރަބޫދޭވާ ޑައިރެކްޓްކުރި "ރާދޭ" އަކީ 2017 ގައި ރިލީޒްކުރި ކޮރެއާ ފިލްމު "ދި އައުޓްލޯސް" އަށް ބިނާކޮށް ހެދި ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އޭސީ މުގިލް އާއި ވިޖޭ މޯރިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަބބ
05 June 2021
އެސޮރު ބަފާ އެބުނީ ހެޔޮކޮށް. ސަލްމާނުގެ އެހެން ފިލްމުތަކަށްބަލާފަ ސްޓޯރީ ހަމަ ސުމެއް.
ޅަބޭ
29 May 2021
އަވަހައް އައްޕަ ޕޮލިހުން ލައްވާ ހައްޔަރުކުރޭ.