ޕެރޫގެ ދަތުރުފުޅުގައި ކިޔަވާ ކުދިންތަކަކާ އޮބާމާ ބައްދަލު ކުރައްވަނީ. --ފޮޓޯ: އޭއެފްޕީ
20 ނޮވެމްބަރ 2016 - 15:05
ލީމާ (ނޮވެމްބަރު 20) - އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވުމާ ގުޅިގެން އެތައް ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދިޔަ ނަމަވެސް، ޓްރަމްޕަށް ވެސް ވެރިކަން ކުރަން ފުރުސަތު ދީ، އެ ވެރިކަން ގޯސްވެދާނެ ކަމަށް އުއްމީދު ނުކުރުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ވެރިކަމުގައި ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޕެރޫ އަށް ވަޑައިގެން ޒުވާނުންތަކަކާ އެކު ބޭއްވި ސުވާލާއި ޖަވާބުގެ ސެޝަނެއްގައި އޮބާމާ ވިދާޅުވީ ޓްރަމްޕް ސަރުކާރު ހިނގައިގަންނަން ދެން އިންތިޒާރު ކުރަން ޖެހޭ ކަމަށެވެ. އަދި ގޮތެއް ނިންމަން ޖެހޭނީ އޭގެ ފަހުގައި ކަމަށް އޮބާމާ ވިދާޅުވި އެވެ.
ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވި އިރު ވަނީ މެކްސިކޯއާވީ ފަޅީގައި ފާރެއް ރާނާނެ ކަމަށާއި މުސްލިމުން އެމެރިކާ އަށް ވަނުން ވަގުތީ ގޮތުން މަނާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕެރޫގެ ދަތުރުފުޅުގައި ކިޔަވާ ކުދިންތަކަކާ އޮބާމާ ބައްދަލު ކުރައްވަނީ. --ފޮޓޯ: އޭއެފްޕީ
"އާ ރައީސް އަށް ދުނިޔޭގެ ކޮންމެ މީހަކު ވެސް ފުރުސަތު ދިނުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް. ކެމްޕޭން ކުރާ ގޮތާ ޚިލާފަށް ވެރިކަން ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ވެރިކަމަށް ޓްރަމްޕް ފިޓް ނޫން ކަމަށް ކުރިން ވިދާޅުވި އޮބާމާ ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ސަރުކާރުން ހޯދި ކާމިޔާބީތައް ޓްރަމްޕް ވެސް ދަމަހައްޓާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޮބާމާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ބެހޭ އެއްބަސްވުންތަކާއި އީރާނުގެ ނިއުކްލިއާ އެއްބަސްވުން ފަދަ ކަންކަން ހިމެނެ އެވެ.
"ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އިންޓަނެޓުގެ މިނިވަން ކަމާއި އިދިކޮޅު ޚިޔާލަށް ފުރުސަތު ދިނުމުގައި ބައެއް ގައުމުތަކުން ކުރިއަށް ދިއުމުގެ ބަދަލުގައި ދަނީ ފަހަތަށް،" އޮބާމާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy