ޖޫހީ.
01 ޖޫން 2021 - 07:57
ތިމާވެށީގެ މައްސަލަތަކަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ އިންޑިއާގައި 5ޖީ ނެޓްވޯކް ގާއިމްކުރުމާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ، ދެ ކުދިންގެ މަންމަ ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އިންޓަނެޓްގެ އާ ޖީލު، 5ޖީ އަކީ އިންސާނުންނާއި ޖަނަވާރުންނާއި ޖުމްލަކޮށް މުޅި ވެށީގައި އުޅޭ ހުރިހާ ދިރުންތަކަށް ގެއްލުންދޭ ވަރުގަދަ ރޭޑިއޭޝަންތަކެއް އެކުލެވޭ ވިއުގައެއް ކަމަށެވެ. އޭނާ ބުނެފައި ވަނީ 5ޖީ ނެޓްވޯކްގެ ރޭޑިއޭޝަނަކީ މިހާރު އެފަދަ ވަސީލަތްތަކުން ބޭރުކުރާ ރޭޑިއޭޝަނަށް 100 ގުނަ ގެއްލުން ބޮޑު އެއްޗެއް ކަމަށެވެ.
އެހެންވެ 5ޖީ ނެޓްވޯކް އިންޑިއާގައި ބިނާކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައިދިނުމަށް ކޯޓްގައި އެެދިފައިވެ އެވެ. ޖޫހީ، 53، ހުށަހެޅި މައްސަލާގައި ވަނީ 5ޖީ ނެޓްވޯކްގެ މަސައްކަތްކުރާ ކުންފުނިތަކަށް އޭގެ ރައްކާތެރިކަމާ ދޭތެރޭ އާންމު ރައްޔިތުންގެ މެދުގައި ހުރި ސުވާލުތަކާއި ކަންބޮޑުވުންތައް ސާފުކޮށް ދޭން ވެސް އެދިފަ އެވެ.
ޖޫހީ ބުނި ގޮތުގައި 5ޖީ ނެޓްވޯކް ބިނާކުރާ ނަމަ އެކަން ކުރަން ޖެހޭނީ އޭގެ ސަބަބުން އިންސާނުންނާއި ގުދުރަތީ ވެއްޓާއި އެއްވެސް ދިރުމަކަށް އެއްވެސް ކަހަލެއް ގެއްލުމެއް، ނޭދެވޭ އަސަރެއް ނުކުރާނެކަން ޝައްކެއް ނެޔް މިންވަރަށް އާންމުންނަށް ސާފުކޮށް ދިނުމަށް ފަހު އެވެ.
މި މައްސަލަ ދިއްލީ ކޯޓަށް ހުށަހެޅުމާ ގުޅިގެން ފަނޑިޔާރު ސީ ހަރީ ޝަންކަރު ވަނީ މައްސަލަ ބަލަން ހާއްސަ ބެންޗަކާ ހަވާލުކޮށް މައްސަލައިގެ ފުރަތަމަ އަޑުއެހުން ޖޫން 2 އަށް ތާވަލުކޮށްފަ އެވެ.
ޖޫހީގެ ފަރާތުން މި މައްސަލާގައި ކޯޓްގައި ވަކާލާތުކުރައްވާނީ ދީޕަކް ކޯސްލާ އެވެ.
މީގެ ކުރިން 5ޖީ ނެޓްވޯކާ މެދު އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ބަައެއް ގައުމުތަކުގައި 5ޖީ ނެޓްވޯކް ބިނާކުރުމާ ދެކޮޅަށް މުޒާހަރާކޮށް، 5ޖީ އެންޓަނާތަކަށް ގެއްލުން ވެސް ދީފައިވެ އެވެ.
ނަމަވެސް އިނގިރޭސިވިލާތުގައި މިދިޔަ އަހަރު ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުން 5ޖީ ނެޓްވޯކަކީ އިންސާނުގެ ސިއްހަތަށް އޮތް ނުރައްކަލެއް ނޫނެވެ. އެ ގައުމުގެ މުވާސަލާތީ ހިދުމަތް ރެގިއުލޭޓްކުރާ ކުންފުނި އޮފްކޮމުން ބުނިގޮތުގައި ޖީ5 ނެޓްވޯކްގެ ރޭޑިއޭޝަން ލެވެލް ހުރީ އިންސާނުންގެ ސިއްހަތަށް ނުރައްކާވާ ވަރަށް ވުރެ މާ ބޮޑަށް ވެސް ކުޑަކޮށެވެ.
އެތަނުން ބުނި ގޮތުގައި އެ ނެޓްވޯކްގެ ރޭޝިއަން ލެވެލަށް އެކްސްޕޯޝާވާން އެންމެ މަތީ މިންވަރަކީ 0.039 ޕަސަންޓެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ.
އިންޓަނޭޝަނަލް ކަމިޝަން އޮން ނޮން-އައޮނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން (އައިސީއެންއައިއާރްޕީ) އިން ވެސް ރިކަމަންޑްކުރާ މިންވަރަކީ ވެސް އެއީ އެވެ. އެތަނުން ބުނާ ގޮތުގައި ރޭޑިއޭޝަން ލެވެލް 0.039 ޕަސެންޓްގައި ހުރުމަކީ އިންސާނާގެ ޑީއެންއޭ އާއި ސެލްތަކަށް ވެސް ގެއްލުންވާނެ މިންވަރެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy