03 ޖޫން 2021 - 06:57
ދަރިފުޅުގެ ކިބައިން ނޭދެވޭ އަމަލުތަކެއް ފެންނަން ފެށުމުން އެންމެންގެ އިނގިލި އަމާޒު ވަނީ ދަރިފުޅުގެ މައިންބަފައިންނަށެވެ.
މައިންނަކީ ދަރިންގެ ކުރިމަގު ބައްޓަންކުރުމުގެ ހުރިހާ ބާރެއް އޮންނަ ފަރާތް ހެއްޔެވެ؟ ބެލެނިވެރިން ބޭނުންވާ ގޮތަށް ދަރިން ބަލައި ބޮޑުކުރުމުގައި 100 ޕަސެންޓް ކާމިޔާބުވާނެ ކަމަށް ބަލައިގެން ނުވާނެ އެވެ.
ބޭނުންވާ ގޮތަށް ދަރިން ތަރުބިއްޔަތުކުރެވޭ ނަމަ ދަރިންގެ ކިބައިން ވެސް ފެންނާނީ މައިންބަފައިންގެ ކިބައިގައި ހުންނަ ހުރިހާ ސިފަތަކެކެވެ. ރުޅިއަންނާނީ ވެސް އެއްކަހަލަ ކަންކަމުގަ އެވެ. ގަޔާވާނީ ވާނީ ވެސް އެއްކަހަލަ އެއްޗިއްސަށެވެ.
"ސައިކޮލޮޖީ ޓުޑޭ" ވެބް ސައިޓުގައި މީހަކު ކޮށްފައިވާ ސުވާލުތަކަކަށް ޖަވާބުދެމުން އޭގައި ބުނެފައިވަނީ ދިރިއުޅުމުގައި ކުރިއަރާފައިވާ މައިންގެ ފަރާތުން ދަރިންނަށް ލިބިފައިވާ ތަރުބިއްޔަތު އާންމުގޮތެއްގައި ގޯސްކަން ތަޖުރިބާއިން ފާހަގަވާ ކަމަށެވެ.
ނަފްސާނީ ކަންކަމާ ބެހޭ ގިނަ މައުލޫމާތުތަކެއް ގެނެސްދޭ އެ ވެބްސައިޓުގައި، ނަރުހަކަށް އުޅޭ ޒިންމާދަރު މައެއްގެ ދަރިއަކު މަސްތުވާތަކެތީގެ ޝިކާރައަކަށް ވާންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފައިވެ އެވެ. އަދި އެކި ރޮނގުތަކުން އެންމެ މޮޅު އެވޯޑް ހާސިލް ކުރި ދަރިވަރެއްގެ މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލަނީ ކޮން ސަބަބުތަކެއް މެދުވެރި ވެގެންތޯ ވެސް ސުވާލުކޮށްފައިވެ އެވެ.
ދަރިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމުގެ ޒިންމާ އަބަދުވެސް ނަގަންޖެހެނީ މައިންބަފައިންނެވެ. މުޖުތަމައު ދެކޭ ގޮތުގައި، ދަރިންގެ މައްޗަށް މައިންބަފައިންނަށް ހުރިހާ ކޮންޓްރޯލެއް އޮންނާނެ އެވެ. ދަރިން ކުރާ ކޮންމެ ގޯސްކަމެއްގެ ޒިންމާ މައިިންބަފައިން ނަގަންޖެހޭ ނަމަ، ކޮންމެ ކާރު އެކްސިޑެންޓެއްގެ ޒިންމާ ނަގަން ޖެހޭނީ ކާރު ޑްރައިވަރު ކަމަށް "ސައިކޮލޮޖީ ޓުޑޭ" އިން ސިފަކޮށްފައިވެ އެވެ.
މައިންބަފައިންގެ ތެރެއިން ދަރިންގެ މައްޗަށް އޮންނަ ކޮންޓްރޯލް ގެއްލިފައިވާކަން ގަބޫލުކުރާ މީހުންނަކީ ދަރިންނާ މެދު އިހުމާލުވެވިފައި މީހުންނެވެ.
ބައެއް ކުދިން ބޮޑުވަމުން އަންނައިރު ވާހަކަ ދެއްކުމާއި ހިނގުން ލަސްވެ، ނުވަތަ ނަފްސާނީ މައްސަލައެއްގެ ސަބަބުން އެތައް ކަމެއް އުނިވެގެންދެ އެވެ. މި ސަބަބުތަކާ ހުރެ، ސްކޫލަށް ގެންދާ ހިސާބުން އެކުދިންނަށް ހާއްސަ މީހުންގެ އެހީ ބޭނުންވެ އެވެ. މައިންބަފައިންނަށް ވެސް އެކުދިންނާ ޑީލް ކުރުމަށް އެކަމަށް ހާއްސަ މީހުންގެ އެހީ ބޭނުންވެ އެވެ.
މަސްތުވާތަކެތީގެ ހިސްޓްރީއެއް އޮންނަ އާއިލާއެއް ނަމަ ދަރިން ތަރުބިއްޔަތުކުރުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެޑިކްޝަނަކީ ބުނެދޭން ނޭނގޭ ކަމެކެވެ. މައިންބަފައިންގެ ފަރާތުން ނުފެންނަ އެތައް ކަމެއް ދަރިން ބޮޑެތިވަމުން އަންނަ އިރު ފެނިފައިހުރެ އެވެ. ބައެއް ކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުގެ ތެރެއަށް ވެއްޓިގެންދެ އެވެ. އާއިލާ އަށް އިނގިލި ދިއްކުރެވެ އެވެ.
ދަރިންގެ ފަރާތުން ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ މައިންބަފައިންގެ ބޮލުގާ ނާޅުވާށެވެ. ދަރިން ބޮޑުވަމުން އަންނައިރު، އެކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ކޮންމެ ކަމަކީ އެއްވެސް ދަރިއަކަށް މައިންބަފައިން ދީފައިވާ ތަރުބިއްޔަތުގެ ގޮތުން ދިމާވި ކަމެކޭ ނުބުނާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
03 June 2021
ނޫނޭ، މިދިވެހިން ތިހެން ގަބޫލުކޮއްގެން ނުވާނެ، ތި ހުރިހާ ޒިންމާއެއް ނަގަންވާނީ އެމް.ޑީ.ޕީ. ސަރުކާރު އޮތިއްޔާ އެމީހުން، އެހެން ސަރުކާރެއް އޮތިއްޔާ މައިން ބަފައިން. މީ ދިވެހިންގެ ގޮތް.
މަގޭ މައިންބަފައިން ވަނީ ހުރިހާ ގޮތަކުން ފެއިލް ވެފައި
03 June 2021
ކުއްޖާއަށް "ދިރިހުރެވޭ ވަރަށް" ކާތަކެތިދީ، ނިދާތަނެއް ދިނީމައި އިތުރު ކަމެއް ކުރާކަށް ނުޖެހޭ. ކިޔަވައިދޭށޭ ކިޔާފައި ފިލާވަޅު ނުހެދިއްޔާ ހަޅޭލެވުން މިއޮންނަނީ. ދުވަހަކުވެސް ދަރި ދެކެ ލޯބިވެޔޭ ނުބުނާނެ. ދުވަހަކުވެސް ދޮންދީފަކައެއް، ބައްދާލާފައެއް، ހުރިހާކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއޭ ނުބުނާނެ. އަބަދުވެސް ކުއްޖާ ކުށްވެރިކުރެވޭތޯ ބަލަނީ. ރާއްޖޭގައި ނަފްސާނީ އަނިޔާ ކިޔާއެއްޗެއްވެސް ނުވޭ. މާތްﷲ މިއަޅާއަށް އިންސާފްދެއްވަވާންދޭވެ.
އިކް
03 June 2021
އެފަދަ މައިންބަފައިންނަށް އެމީހުންގެ ހަޔާތުގައި ދިމާވި ކަމަކާހެދި އެމީހުން އެހެންވެފަ ތިބެނީކަމަށްވެދާނެ. ރަގަޅަށް ކަންކުރަންވީ ގޮތް ތިމާއަށް އެނގި ސާފުވެއްޖެނަމަ އެމީހުންނަށް އެހީތެރިވެވިދާނެ އެއީ އެހީތެރިވެވޭވަރުގެ ބައެއްނަމަ. އެހެން ނޫނީ ތިމާއަށް ލިބުނު ފިލާވަޅުން އެކަން ތިމާގެ ދަރިންނަށް ވާރުތަކުރުން ތިމާގެ އިޚްތިޔާރާއެކު ހުއްޓާލެވިދާނެ. އެބިއުސްކުރުމުގެ ޗެއިން ތިމާއަށް ބްރޭކްކޮށްލެވިދާނެ. މާތްﷲއަށް ވަކީލުކުރާނަމަ އުޅެވޭނެ މަގުދައްކަވާ.
ޒިންމާ ނަގާކަށް ނުޖެހޭ
03 June 2021
ދަރިން ވިހައި ކިރު ނުބިއުމުން ނޫނީ ނުނިދުމުން ތަޅައި ރޮއްވާހަދައި، ބޮޑުކޮށް ނުކެއީމާ ކާތަށި ކުއްޖާއާއި ދިމާލަށް އެއްލައި، ގަދަކަމުން ކާންދީ، ނުކެއުމުން އަނިޔާކޮށް، ސްކޫލުންދޭ ފިލާވަޅުތައް ނަހަދައިފި ނަމަ އަނިޔާކޮށް ކުއްޖާ އެކަނިވެރިކޮށްލައި ކުއްޖާއާއި އެހެނިހެން ކުދިންނާއި އަޅާކިޔައި، ކުއްޖާގެެ ފަރާތުން އެއްވެސް ރުޅިވެރިކަމެއް ފާޅުވެއްޖެނަމަ ހިތްހުރިވަރުކޮށް، ދުވަހަކުވެސް ކުއްޖާދެކެ ލޯބިވެޔޭ ނުބުނެ. މިހުރިހާ ކަމަކީ ރާއްޖޭގެ ނޯމަލް ޕޭރެންޓިންގް.
ޓައިމް
03 June 2021
އެފަދަ ޕޭރެންޓިނގް ނިމުމަކަށް ގެނައުމަށް ތިމާއަށް ކުރެވެން އޮތް މަސައްކަތެއް ކުރުން އޮންނާނީ. އެންމެންނަކީ ފޮތުގަ އޮންނަ ކަހަލަ ފިލްމްތަކުގަ ފެންނަ ކަހަލަ ތައްގަނޑަށް އެޅި ލޯބި ލިބޭނެ ބައެއްނޫން. ތިމާއަށް ލިބޭ ވޭނަކީ ހިތްވަރަކަށް ހަދަންޖެހޭނީ. އެކަމުން ދެން ކަންކުރަންވީ ގޮތް ދަސްކުރަންޖެހޭނީ. މައިންބަފައިންނަށް ބްލޭމްކޮށްގެން އެމީހުން ކަންކުރި ގޮތަށް ކަންކުރާނަމަ އެކަން ދިގުދެމިގެންދާނީ. ތިމާއަށް ކުރެވޭ އެންމެ ރަގަޅަށް ތިމާ ކަންކުރެވޭތޯ ބަލާނީ