މަރޭ އޭޓީޕީ ވޯލްޑް ޓުއާ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
21 ނޮވެމްބަރ 2016 - 10:54
ޕެރިސް (ނޮވެމްބަރު 21) - އޭޓީޕީ ވޯލްޑް ޓުއާސް ފައިނަލުގައި ނޮވަކް ޖޮކޮވިޗް ބަލިކޮށް ރޭންކިން އެއް ވަނައިގައި އޮވެ އެންޑީ މަރޭ މި އަހަރުގެ ޓެނިސް ސީޒަން ނިންމާލައިފި އެވެ.
މިއީ މަރޭ މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ހަތަރު އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ޖޮކޮވިޗްގެ މައްޗަށް މަރޭ ކުރި ހޯދީ ފަސޭހަކަމާ އެކު 6-3، 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ. މި މޮޅާ އެކު މަރޭ ވަނީ ޖެހިޖެހިގެން 24 މެޗުން މޮޅުވެފަ އެވެ. މަރޭ މިހާރު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ.
"ޖޮކޮވިޗާ އެކު އަހަރެން ވަރަށް ގިނަ ގްރޭންޑް ފައިނަލުތަކުގައި ކުޅެފިން. އޮލިމްޕިކްސްގައި ވެސް ކުޅެފިން. މިއީ އަހަންނަށް ވަރަށް ހާއްސަ ވަގުތުކޮޅެއް. އުއްމީދުކޮށްގެން ހުރި ކަމެއް މި ހާސިލްވީ. ކޮންމެ ކުޅުންތެރިޔަކު ވެސް އަމާޒު ކަނޑައަޅާނީ އެއް ވަނަ އަށް އަރަން. އަހަރެންގެ އެންމެ ބޮޑު ޓާގެޓަކީ ވެސް މިއީ. މި ކާމިޔާބީއާ އެކު އަހަރު ނިންމާލެވުމުން ވަރަށް އުފާވޭ،" ފައިނަލަށް ފަހު ސްކޮޓްލެންޑަށް އުފަން މަރޭ ބުންޏެވެ.
ރޭގެ ބައްޔާ އެކު ޖޮކޮވިޗަށް ވަނީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްގެން ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑާ ހަމަކުރަން ލިބިފައި އޮތް ފުރުސަތު ގެއްލިފަ އެވެ. ޖޮކޮވިޗް ބުނީ މިހާރު ހުރި ފޯމަށް ބަލާއިރު މަރޭ އަކީ މިވަގުތު ދުނިޔޭގެ އެއް ވަނަ ކަމަށެވެ.
"އަހަރެން ރޭންކިން އެއް ވަނައިގައި ޑޮމިނޭޓް ކުރިއިރު ދެއްކި ކުޅުމަށް ވުރެން ރަނގަޅަށް މަރޭ މިހާރު އެބަކުޅޭ. އަނިޔާގެ ސަބަބުން އަހަރެންގެ ފޯމު ދަށްވެއްޖެ. ބޭނުންވަނީ ކުރިއަށް ވުރެން ވަރުގަދަކޮށް އެނބުރި އަންނަން،" ކުރިން ދުނިޔޭގެ އެއް ވަނައިގައި އޮތް ސާބިއާގެ ޖޮކޮވިޗް ބުންޏެވެ.
މަރޭ އަކީ 1973 ވަނަ އަހަރު ރަސްމީކޮށް ރޭންކިން ގުނަން ފެށިފަހުން އެއް ވަނަ އަށް އެރި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާ އެވެ. މަރޭ މި އަހަރު ހޯދި ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި ވިމްބަލްޑަން ޓެނިސް މުބާރާތާއި އޮލިމްޕިކް ޓެނިސް އިވެންޓުގެ ރަން މެޑަލް ދިފާއުކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy