ފުވައްމުލަކު ފަރަށް މިދިޔަ އޮގަސްޓް މަހު އެރި ބޯޓުން އުކާލި ހިލަތައް ގޮނޑުދޮށަށް ލައްގާފައި.---ފޮޓޯ: ކިޔުންތެރިއެއް
21 ނޮވެމްބަރ 2016 - 12:09
ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އެރި ވިއެޓްނާމްގެ ބޯޓުން އުކާލި ހިލަތައް މި ރަށު ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދު ކަޅުވެއްޖެ އެވެ.
ބޯޓު ފަރަށް އެރި ދިމާލުން، މިއަދު ހެނދުނު ވެސް ރާޅާއެކު އެއްގަމަށް ހިލަތައް ލައްގަމުންދެ އެވެ. މި ރަށުގެ ނަރުދަމާގެ މަސައްކަތަށް ގެނައި ހިލަތައް ގޮނޑުދޮށުގެ ގާތްގަނޑަކަށް ހާހެއްހާ ފޫޓުގެ ސަރަހައްދަކަށް ވަނީ ފެތުރިފަ އެވެ. އެންމެ ގިނައިން ހިލަ ލައްގާފައި ވަނީ ބޯޓު އެރި ދިމާލަށެވެ. އެ ސަރަހައްދަށް ލެއްގި ހިލަތައް އަކިރި އާއި ގަލާ އެއްވެ، މުޅި ސަރަހައްދު އެއްކޮށްހެން މިހާރު ވަނީ ހަޑިވެފަ އެވެ.
ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު ފުވައްމުލަކު ފަރަށް އަރާފައި.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފް މިއަދު ވިދާޅުވީ ބޯޓުގައި ހުރި ހިލަތައް ހުސްކުރިއިރު ވެސް ރަށުގެ ރައްޔިތުން ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
"ފަރު މައްޗަށް ހިލަތައް އުކާލިއިރު ވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ. ބޯޓުގައި ހުރި ހިލަތައް އުކާލިއިރު ވެސް ސާފުކުރަން އީޕީއޭ އިން އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ފަލާހު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓު ފަރަށް އެރިތާ މަހެއްހާ ދުވަސްފަހުން ފުންކުރިއިރު، އެ ބޯޓުގައި 5،700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި މި ރަށުގެ ފަރުމައްޗަށް އުކާލި އެވެ. ބޯޓު ފުންކުރަން ފުރަތަމަ އެ ބޯޓުގައި ހުރި ދެބައިކުޅަ އެއްބައި ހިލަ ފަރުމައްޗަށް އުކައިގެން ވެސް ބޯޓު ފުން ކުރެވޭ ވަރެއް ނުވި އެވެ.
ފުވައްމުލަކު ފަރަށް އެރި ބޯޓުން އުކާލި ހިލަތައް ގޮނޑުދޮށަށް ލައްގާފައި. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ މި ރަށު ފަރަށް އެރި ބޯޓުން އުކާލި ހިލަތައް ނަގައި ސާފުކުރަން އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވޭ އެ ހިލަތައް ގޮނޑުދޮށަށް މިހާރު ލައްގަމުންދާކަން. އޭގެ ކުރިން އަޅުގަނޑުމެން ބޯޓުގެ އެޖެންޓަށް އެނގިން އެ ހިލަތައް ނަގައި ސާފުކުރަން. މިހާރު މިދަނީ އެކަމާ ގުޅިގެން އެޅިދާނެ ފިޔަވަޅަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން،" ނައީމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ބޯޓުގެ އިންޝުއަރެންސް އެޖެންޓް ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން ވިދާޅުވީ ފަރުމައްޗަށް އުކާލި ހިލަތައް ނަގައި ސާފުކުރަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބީއެމްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެކަންކުރާނެ ގޮތުގެ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ލިބިފައި އޮއްވައި މިހާރު އެ ސަރަހައްދަށް ހިލަތައް ލައްގަން ފެށީ. އެ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ ކަމަށް އުއްމީދުކުރަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
23 November 2016
ރަނގަޅެއްނު. އެރަށު މީހުން ގެދޮރު އަޅަން ހިލަ ގަންނާކަށް ނުޖެހޭނެނު. ކުރީ ޒަމާނުގަ ގޮނޑުދޮށުން އަކިރި ހޮވާހެން ހިލަ ހޮވީމަ ނިމުނީނު.
ރިޔާޒު ރަޝީދު
23 November 2016
ފުއައްމުލަކު ރައްޔިތުންނަށް ހެޔޮދުވާސަލާން އަހަރެން މިބުނަނީ ހުރިހާ މީހުންވެގެން ހިލަތައް ހޮވާށޭ ހޮވާފަ އެމީހަކު އަމިއްލަ ބޭނުމަށް ބޭނުންކޮށްލާށޭ ( ރިޔާޒު ރަޝީދު ) އެމްޕީ
ޣސ
22 November 2016
ދެން ފަހަރަކު ހުރިހާ ގޮޑިޔެ ޕީޕީއެމް އަށް ވަރަށް ސަޅި
ބޮކިފަތި 3 އަހަރު
22 November 2016
އީޕީއޭ އަށް ވަރަށް ސަލާން މިއީ އެއްޗެއް އެގިގެން އުޅޭބައެއްނޫން
ވިސްނާ
22 November 2016
ކުރަންއުޅޭ ކޮންމެކަމެއްވެސް ޚަރަދު ޑަބަލް ވާގޮތަށް ނޫނީ ނުކުރެވޭ މީ ހަމައެބުނާހެން ނިޔަތްރަގަޅުނުވީމަ ވާގޮތެއްބާއޭ ހިތަށްއަރާ؟
ޏަނާލް
22 November 2016
ފުވައްމުލަކަށް ގޮސް ހޮވޭނެތަ ހިލަވެލި. ބުރަ މަސެއްކަތެއް. އެކަމަކު ކުރެވިދާނެ
މާމަ
22 November 2016
ހާސްވާނެ ކަމެއްނެތް... ގޮދޮރު އެޅުމަށް ހޮވާ ހުސްކުރަމާ...
މާއިނގޭ
21 November 2016
މީ އީޕީއޭ ގެ ފެންވަރަކީ ހިލަތައް އުކާލަން ހުއްދަ ދިނީ ކޮންއެއްޗެއް ބަލާފަތޯ. އަދި އެވެސް ފަރުމައްޗަށް. އަދި އުޅޭނެ މާ އެންވާރަމަންޓް ވެގެން.
މާއިނގޭ
21 November 2016
މީ އީޕީއޭ ގެ ފެންވަރު ހިލަތައް އުކާލަން ހުއްދަދިނީ ކޮންއެއްޗެއް ބަލާފަތޯ އަދި އެވެސް ސީދާ ފަރުމައްޗަށް. މާ ތިމާވެށި ހިމާޔަތް ކުރެވޭ ބަޔެކޯ މީ
ފަރިގު
21 November 2016
ތިޔަ ބޯޓު ފަރަށް އެރުމުން މިލިއަނުން ފައިސާ ލިބުނު ބަޔަކުވެސް އެބައުޅޭ .