ގުޅިފަޅުގައި ޕޯޓެއް އަޅަން ނިންމުމަކީ ބޭކާރު، އަދި ގައުމުގެ މިނިވަން ކަމަށް ވެސް ބުރޫ އަރައިފާނެ ކަމެއް ކަމަށް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެފައި އޮތް ނަމަވެސް އޭގެ އަސްލު ހަގީގަތަކީ މުޅިން އެހެން ކަމެއް.
07 ޖޫން 2021 - 05:58
ކައުންސިލްތަކުގެ އިންތިހާބުގައި، މާލޭގައި އެންމެ ފޯރިގަދަވި އެއް ވާހަކައަކީ ގުޅިފަޅު ތަރައްގީކުރާނެ ގޮތުގެ ވާހަކަ އެވެ. ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު މީގެ އަށް މަސް ދުވަސް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ، ގުޅިފަޅަކީ މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެންމެ ރަނގަޅު ތަނެއް ނޫނެވެ. އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ.
"ޕޯޓް އަޅައިފިއްޔާ ކުޑަ ދުވަސްކޮޅަކު ބޭނުން ކުރެވޭނީ. ބޮޑު ވޭސްޓެއް، ބޮޑު އިސްރާފެއް އެއީ،" މުއިއްޒު ވިދާޅުވެފައި ވެ އެވެ.
އޭނާ އެހެން ވިދާޅުވި އިރު، ގުޅިފަޅުގައި ޕޯޓް އަޅަން މި ސަރުކާރުން އޮތީ ނިންމައި، އެކަން އިއުލާން ވެސް ކޮށްފަ އެވެ. މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ގުޅިފަޅުގެ ބަދަލުގައި ޕޯޓް އަޅަން އެންމެ ރަނގަޅު ތަނަކީ ތިލަފުއްޓެވެ. އަދި ގުޅިފަޅަކީ ހަމައެކަނި މާލޭ ރައްޔިތުންނަށް ގޯތި ދޭ ރަށަކަށް ހެދުމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވިސްނެވުމެވެ.
"މި ސަރުކާރުގެ ބޭނުމަކީ ކުރީގެ ސަރުކާރުގެ މަސައްކަތްތަކުގައި އަގެއް ނެތްކަމަށް ދެއްކުން،" މުއިއްޒު އޭރު ވިދާޅުވި އެވެ.
ގުޅިފަޅު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން މިހާރު ވަނީ އާންމުކޮށްފަ އެވެ. ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއްގެ އިތުރުން 1200 ގޯތި ދޭން އެ ރަށުން ވަނީ ނިންމައިފަ އެވެ. ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މާސްޓަ ޕްލޭން އޮތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް، އަދި މުއިއްޒު ވެސް އޭރު ޕްލޭންކުރެއްވި ގޮތަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި "އެއަށް މި ސަރުކާރުން ގެނައީ ވަރަށް ކުޑަކުޑަ ބަދަލެ"ކެވެ. އޭގެ ހެކިތައް ދައްކަވަމުން އޭނާ ދެއްވީ، 2015 ގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެކެވެ.
ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އެޕްރީލް 7، 2015 ގައި ރައީސް ޔާމީނަށް މުއިއްޒު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ޕޯޓް އެޅުމަށް ތިލަފުއްޓަކީ އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. މި ސިޓީ ފޮނުއްވި އިރު، ޑުބާއީ ވޯލްޑާ ގުޅިގެން ވިޔަފާރި ބަނދަރު ގާއިމްކުރުމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
ގުޅިފަޅު ތަރައްގީކުރުމަށް ކުރީ ސަރުކާރުން ގެންގުޅުނު ވިސްނުން
ތިލަފުށީގައި ޕޯޓް އެޅުމަށް އޮތް ހުރަސްތަކާއި މައްސަލަތަކުގެ ތެރެއިން ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން:
- ތިލަފުށީގެ ބޮޑުބައެއް ހިއްކައި ނިންމާފައިވާ އިރު، ބިންތައް ބޭނުންކުރާނެ ގޮތް ކަނޑައަޅާފައި އޮތުމުން، ޕޯޓަށް ބޭނުންވާ ބިން ހޯދަން ދަތިވުން.
- ތިލަފުއްޓަކީ ކުނި ނައްތާލާ ރަށަކަށް ވާތީ، ޕޯޓްގައި ކުރާ މަސައްކަތްތަކާއި ކާނާ އާއި އެހެނިހެން ސާމާނު ބަލްކުކޮށް ގެނެސް ބަންދުކުރުމުގެ ކަންކަން ކުރުމަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެެދާނެ ކަމަކަށް ވުން.
- ތިލަފުއްޓަކީ މާލޭ ސަރަހައްދުގެ ކުނި ނައްތާލަން ހާއްސަ ތަނަކަށް ވާތީ، ބޮޑު ބިމެއް އެހެން ކަމަކަށް ބޭނުން ކޮށްފި ނަމަ ތިލަފުށި ފުރި، އެކަމަށް އެހެން ފަޅެއް ހިއްކަން ޖެހިދާނެ ކަމުގެ ބިރު އޮތުމާއި އޭގެ ހަރަދު ބޮޑުވުން.
- މާލެ ހިތްފަސޭހަ ތަނަކަށް ބަދަލު ކުރުމަށް ޓަކައި މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތައް ވެސް ތިލަފުއްޓަށް ބަދަލު ކުރަން ޕްލޭންކޮށްފައި އޮތުމުން އެކަމަށް ވެސް ބިން ބޭނުންވުން.
މުއިއްޒު ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ހުރިހާ މައްސަލަތަކެއް އެހެން ހުއްޓާ، ތިލަފުށީގެ ބަދަލުގައި ޕޯޓް އަޅަން އެންމެ ރަނގަޅީ ގުޅިފަޅެވެ. އޭގެ ސަބަބުތައް ވެސް އޭނާ ހަމަ އެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. އޭގެ ހުލާސާ އަކީ:
- މާލޭ ޕޯޓާ އެކު މާލެ ތެރޭގައި ހުރި ގުދަންތައް ގުޅިފަޅުގައި ރަނގަޅު ލޮޖިސްޓިކްސް އަށް ފަސޭހަ ގުދަންތަކަކަށް ބަދަލުވުމާއި ޕެޖެނިން އާއި ރީ ޑިސްޓްރިބިއުޝަންގެ މަސައްކަތްތަކަށް ފަސޭހަ މަރުކަޒެއްގެ ގޮތުގައި ގާއިމްކޮށް ހިދުމަތް ފުޅާވުން.
- ގުޅިފަޅުގައި ޕޯޓް ހަދައިފި ނަމަ ތިލަފުއްޓަށް ވުރެ މާލެ އާއި ހުޅުމާލެ އާ ކައިރިވުމާއި ފެން އުފެއްދުމާއި ތެޔޮ ރައްކާ ކުރުމާއި އެކި ބާވަތްތައް ގުދަން ކުރުމަށް ފުރުސަތު ލިބުން.
- ގުޅިފަޅުން 80 ހެކްޓަރުގެ ބިން ފަސޭހައިން ހިއްކެން އޮތުމާއި ފަޅުގެ ތިލަ ހިސާބުން ގާތްގަނޑަކަށްް 100 ހެކްޓަރުގެ ބިން ހިއްކައިގެން ބިން އިތުރުކުރެވެން އޮތުން.
- ޕޯޓް އަޅާ ސަރަހައްދަކީ ދެ މޫސުމަށް ވެސް ރަނގަޅު ސަރަހައްދެއްކަން.
މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ގުޅިފަޅު ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ފުރުސަތު އޮތީ ޕޯޓާ އެކު ތަރައްގީ ކުރާ ސިނާއީ މަރުކަޒެއްގެ ގޮތުގަ ެވެ. އދި ތިލަފުށި ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮޮތަކި ކުނި މެނޭޖް ކުރެވޭ ސަރަހައްދަކާއި އަދި ލައިޓް އިންޑަސްޓްރިއަލް ސަރަހައްދެއްގެ ގޮތުގައި ތިލަފުށި ބޭއްވުމެވެ.
ގުޅިފަޅާއި ތިލަފުށި ތަރައްގީ ކުރުމާ ބެހޭ ގޮތުން ކުރީ ސަރުކާރުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށް އަސްލަމް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގުޅިފަޅާއި ތިލަފުށި ތަރައްގީ ކުރުމުގައި ވެސް މި ސަރުކާރުގެ ސިޔާސަތަކީ ހަމަ ކުރީ ސަރުކާރުގެ ސިޔާސަތެވެ.
"ގުޅިފަޅުގެ މާސްޓަ ޕްލޭން މިހާރު ހަދާފައި މިއޮތީ މި ސިޓީގައި މުއިއްޒު ހަމަ އެ ވިދާޅުވި ގޮތަށް. އަޅުގަނޑުމެން ހަމައެކަނި ކުދިކުދި ބަދަލުތަކެއް މި ގެނައީ. ދެން އެ ރަށް ޑިޒައިން ކޮށްލީ ހަމައެކަނި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުދޭސީ އަހަންމަދު
09 June 2021
މާލޭގެ ރައްޔިތަކައް ބޯހިޔާވަހިކަން ދޭނެ ބިމެއް މިއުޑުދަށުގަ ނެއްކަހަލަ މީއެދުގުރާސްތާ 30 އަހަރުގެ ސިޔާސަތު ހުރިހާ ސަރުކާރު ތކަކުން ވެސް މިބަލަނީ މިސިޔާސަތު ދިރުވާ އާލާކުރެވޭތޯ ވޯޓް ހޯދަން މިއަންނަނީ ރައްޔިތުމީހާ ކައިރިޔައް ގޯތީގެ ހުވަފެންދައްކާފަ ކައިރިޔައް މިމާލޭގެ ރައްޔިތުންނައް ވުރެވެސް އަގުބޮޑޭ ސަރުކާރުތަކުގެކުރި މަތީގަ ކުނިވެސް ކުނި އަޅން ކިތައްކޮށި އޮއްތޯ ބައްލަވާ މާލޭގެ ރައްޔިތުން ބޭނުުންވާނީ ވެރިން ހޮވަން ވޯޓް ހޯދަން ރައްޔިތުން ވިސްނަވާ
ކިނބޫ
08 June 2021
މުއިއްޒު ވިސްނުން ރަނގަޅު. ތިވާހަކަ މުއިއްޒު ތިގޮތަށް ދެއްކިނަމަ އަސްލަމު ހަމަ ހިލާ އެއްބަހެއް ނުވީސް. ތިމާމެން ކުރި މަސައްކަތަކަށް ހަދައިގެން ބޮޑުބަސް ބުނާނީ. ރަނގަޅު ކަމެއް ނޫނޭ މުއިއްޒު ބުނީމަ މިހާރު އެއޮތީ އަމިއްލައަށް ބުނެފަ މިވެސް ކުރީ ސަރުކާރުން ކޮށްފަ އޮތް މަސައްކަތެކޭ ތިމަންނަމެން ކުޑަކުޑަ ބަދަލެކޭ ގެނައީ. އަސްލަކީ އަސްލަމުމެނަށް ތިވަރު ކަންކަން ކުރަން ނުވެސް އެނގޭނެ ވިސްނުމަށް ނުވެސް އަންނާނެ.
މާމުއިޒް
07 June 2021
މުއީޒްއަކީ ނިއުބޯން ރީބުރޭންޑެޑް "ނިއުއީޒް". ނިއުމުއީޒެއް ވީމާ ވޯޓް ލީ މީހުންވެސް ކުރީގެ އެއްވެސް ކަމެއް ހަދާނެއްނެތް. އެހެންވީމާ ދެންކުރީގެކަމެއް "ނިއުމުއީޒް" ހަދާނެއް ނުހުންނާނެތާ. ސާބަސްގައުމުގެ ސިކުޑިތަކަށް
މެލޭސިޔާހުސޭނު
07 June 2021
މިއީ ވަކި މާލޭގޯތި ހަރަކާތް ކިޔާ ވަކި ގްރޫޕެއް ބޭނުންވެގެން މުއިއްޒު ކުރާކަމެއް. އޭނަ މޭޔަރުކަމަށް ހޮވަން ވަރަށް އެހީވި ބައެއްއެއީ. އެމީހުންގެ އެދުމެެއް އެއީ ގުޅިފަޅު އޮގޮތަށް ބަދަލުކުރަން. މިއާއި އެކު ސަރުކާރާ ރައްޔިތުން ޖެއްސުންވެސް މީގަ ހިމެނޭ. ކުރިންވެސް އަދި މިހާރުވެސް ތިލަފުށި ޕޯޓްއަޅަން ކަމަކުނުދޭ.
ގޯތި
11 June 2021
މާލެއަށް އުފަން މާލެ ރައްޔިތަކަށްވީތީ އެއީ ދިވެހި ފަސްގަނޑުން ގޯތި ނުލިބެންވީ ހުއްޖަތެއްނޫން. ކޮންމެ ވެރިޔަކު، އެހެޔޮ ނަޝީދު، ޔާމީނު، އިބޫ، މުއިއްޒު، މާލެސިޓީގެ އެހެން ކައުންސިލަރަކުވިޔަސް، މާލެ ރައްޔިތުން އެމީހުންނަށް ވޯޓު ދިނުމުގައި އެންމެ ބޮޑު އެދުމަކަށް ވެފައޮތީ ދިރިއުޅެވޭނެ ގޯތިގަނޑެއް ލިބޭނެގޮތް ހަދާދޭން. އަތޮޅުތެރޭގަހުރީވެސް ބަންޑާރަބިން. އެތަނުން ހިލޭ ގޯތިލިބޭއިރު މާލެއިން މިޖެހެނީ ގަންނަން.
އުއްޗު
07 June 2021
އަސްލަމް ކިތައްމެ ވަރަކަށް އުޅުނަސް، ތިކަން ކުރަން ރަނގަޅީ ތިލަފުޝި، ތި ކުރެހުންތަކުން ފެންނަހެން ބޮޑެތި ބޯޓުތަށް ރަޝުތެރެއަށްވައްދާ، ޗެނެލްކޮނެ، އުދަގުލުން ތިކަންކުރުމުގެ ބޭނުމެއްނެތް، ބޭރު ތޮޝީގަ ތިކަންކުރެވެން އޮއްވާ، ދެން ނިމިދިޔަސަރުކާރުން ކުނި ނައަންދާ ބޮޑެތި އިންސިނެރޭޓަރުތަށް އެހެރީ ގެނެއްސަ، ކޮންބައެއްތަ މިތާނޫނީ ކުނި އަންދަނީ، އަސްލަމްމެންނަށް ވާނުވާނޭގެނީ އެއީ ވާގޮތަކީ،
ސައިނީ
07 June 2021
އަދިވެސް އަންނަ ދައުރުގެ ރައީސް ކަން ކުރަން ވިސްނާތީ ދެރެއީ
1234
07 June 2021
މުއިއްޒު ތިވާހަކަ ދައްކަން ލަދެއްނުގަނޭތަ، އެތަނުން ފުލެޓްގަތް މީހުންނަށް ހެދިގޮތް ހަދާންނެތުނީތަ
ފްލެޓް
08 June 2021
ހުރިހާ ފްލެޓްތަކަށް ހަދާލިގޮތް ހަނދާނެއް ނުނެތޭ އެނގިއްޖެ. ދިވެހި ތާރީޚުގައި ފްލެޓް އެންމެ ނުލަފާކޮށް ތިމާގެ އަމިއްލަ ލިސްޓް އަކަށް ދީ ހެދި މީހާ ތީ މިހާރު ދެން އަދި ކޮންމެ މިޔަރަކޭ ކިޔަސް
މަޑަވެލި
07 June 2021
މުއިޒުގެ ސަރުކާރުން އުޅުނީ ތިލަފުޝީގަ ޕޯޓްއަޅަން. ގުޅީފަޅުގެ ވާހަކަތައްވެސް ދެއްކި ފަހުން ނިމްމީ ތިލަފުޝީގަ ޕޯޓް އަޅަން.
ފޫހި
07 June 2021
ޕޯޓް އަޅަންވީ އިހަވަންދިއްޕޮޅުަ އަބަދު ކުބުރެއްވަރު މާލޭގައި ހުރިހާކަމެއް ކުރަންއުޅެގެން ދުވަހަކު ހައްލެއްނާންނާނެ. ކޮންމެހެން ކެޕިޓަލްސިޓީއަކީ ހުރިހާކަމެއް ކުރާތަނަކަށް ވާކަށްނުޖެހޭ. ބޮޑު އެހެން ސިޓީއެއް ތަރައްޤީކޮށް އެތަނުން މާލެ މީހުން ހިމެނޭހެން ރާއްޖޭގެ ބޭނުންވާ އެންމެންނަށް ގޯއްޗާ ފްލެޓްދޭންވީ. ކޮންމާލެއެއްތަ? ޢަބަދު މާލެ ވީމަ ހައްލެއްނުވާނެ. އިނގޭތި މި ބުނަނީ ގުޅީފަޅަކީ ސަރުކާރުން ހުރިހާ ހަރަދެއްކޮށްފަ ހަދާފަ އިންޑިޔާއަށް 50 އަހަރަށް ދޭންނިންމާފައޮތްތަނެއް. ދިވެހިން އިންޑިޔާގެ ދަށުގަ ތިބެންޏާ ތިބެންވީ.
މާލެނޫން ހައްލެއް
11 June 2021
މަވެސް މީ މާލެމީހެއް. އެކަމަކު އިހަވަންދިއްޕޮޅު ކަހަލަ ބިންބޮޑު ޖާގައޮތް ސަހައްދެއްގައި ތަރައްޤީކުރަންތާއީދު. އެހެނަސް އިންޑިޔާއާއި ރާއްޖެއާއި ދެމެދުގެ އެޗެނަލަކީ ވަރަށްގިޔަ ވިޔަފާރި ބޯޑު ދަތުރުކުރާ، ބަނދަރެއް ޤާއިމުކުރަން ވަރަށް ކަމުދާ ސަރަހައްދެއް. ލަންކާއިންވެސް ޕޯޓްސިޓީ އަޅަން މަސައްކަތް އެކުރަނީ މިކަމުގެ ފައިދާ ނަގަން. އެކަމަކު ވެރިންގެ ވިސްނުން ނޭފަތުކުރިން ނެއްޓި އަމިއްލަ ޖީބުން ބޭރުވެ ޤައުމާމެދު ވިސްނަންފެށި ދުވަހަކުންވާނީ.
ޒީރޯ
07 June 2021
އިންސާފޭ، ހަމަހަމަ ކަމޭ، ހައްގު މިންވަރޭ ކިޔާފަ ވެރިކަން ޖަހައިގަނެގެން ތިބި މީހުންގެ ވާހަކަވެސް ލިޔެބަލަ
ބަޑީ
07 June 2021
އެމީހުން ނުބުނޭ ޔާމީނުހެން، މަށަށް ކޯޓްން ދިން ވެރިކަމެކޭ އެހެނަސް، އެމީހުން ވެރިކަމުގާ އެތިބީ ރައްޔިތުން އެމީހުނަށް ވޯޓްދިނީމަ، ވަހީދުހެން ޖަހާގަނެގެނެއްނޫން.
ދދފފފ
08 June 2021
މީ މިހާރު ނޫސްކަން ހަނދާން ނެތުނީތަ؟ މިއަކު ނުލިޔާނެ ތިކަހަލަ ވާހަކައެއް!
ހުނުުނހިނހިނ
08 June 2021
ރައްޔިތުންގެ ވޯޓު ވަގަށް ނެގީމަ ކޯޓުން އެކަން ނުބަލާ ދޫކޮށްލި ހަނދާނެއް ނެތް؟ ކޯޓުން ވެރިކަން ލިބުނީ ކޮންބަޔަކަށްކަން އެނގޭ؟
އަރުތަ
07 June 2021
'މުއިއްޒު' އަކީ ވަކި ސަރުކާރެއްތަ، މުއިއްޒުމެންގެ ވެރިކަން އޮތްއިރު ގުޅިފަޅަކީ މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެންމެ ރަނގަޅު ތަން، އެކަމަކު މިއަދު އެއްގޮތަކަށްވެސް ބަނދަރު ތަރައްޤީ ކުރަން އެތަން ރަނގަޅު ތަނަކަށްނުވި. އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ. "ޕޯޓް އަޅައިފިއްޔާ ކުޑަ ދުވަސްކޮޅަކު ބޭނުން ކުރެވޭނީ. ބޮޑު ވޭސްޓެއް، ބޮޑު އިސްރާފެއް އެއީ،" ދައުލަތުގެ މަތީ މަޤާމެއްގަ ހުރެގެން ސަރުކާރަށް ޖެއްސުން ކުރުން ހުއްޓާލާ.
ތީތިކަޑަ
11 June 2021
ޔާމީނުގެ ވެރިކަމުގައި "ގުޅިފަޅަކީ މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެންމެ ރަނގަޅު ތަން" ކަމުގައި ބުނިހަދާނެއްނެތް. އެކަމަކު އަޑުއެހިން އިހަވަންދިއްޕޮޅުގައި ޓްރާންސް ޝިޕްމަންޓް ބަދަރެއް އެޅީމައި ރާއްޖެއަށް ރަނގަޅުވާނެ ވާހަކަ. އޭގެ ބިސްނަސް ފީޒިބިލިޓީގެ ޚުލާސާއެއްވެސް އަޑުއެހިންއޭރު. ލަންކާއިންވެސް ޕޯޓް ސިޓީ އަޅަން ފަށާފަވަނީ އެހެންވެކަމަށް ވެދާނެ. ވެރިންހޮވަނީ ސަރުކާރައް ޖެއްސުންކުރާކަށް ނޫން. ޚިޔާލުތަފާތަސް ރައްުޔިތުންނަށް ޚިދުމަތްކުރަން