ޔޫގެ އެސްފިޔައިގެ ދިގުމިނަކީ މިހާރު 20.5 ސެންޓިމީޓަރު (8.0 އިންޗި)
11 ޖޫން 2021 - 08:20
އެސްފިޔަ އެންމެ ދިގު މީހާގެ ރެކޯޑް މީގެ ފަސް އަހަރު ކުރިން ހެދި އަންހެން މީހާ އޭނާގެ އެ ރެކޯޑް އާކޮށްފި އެވެ.
ޗައިނާގެ ޔޫ ޖިއަންޒިއާ އަށް، އެސްފިޔަ އެންމެ ދިގު މީހާގެ ރެކޯޑް ލިބުނީ ޖޫން 28، 2016 ގަ އެވެ. އޭރު އޭލާގެ އެންމެ ދިގު އެސްފިޔައިގެ ދިގުމިނަކީ 12.4 ސެންޓިމީޓަރު (4.88 އިންޗި) އެވެ. އޭގެ ފަސް އަހަރެއްހާ ދުވަސް ފަހުން ރެކޯޑް މިދިޔަ މަހުގެ 20 ގައި އާކުރި އިރު، އެސްފިޔައިގެ ދިގުމިނަކީ 20.5 ސެންޓިމީޓަރު (8.0 އިންޗި) އެވެ. ރެކޯޑް އާކުރި ދެ ފަހަރު ވެސް ޔޫގެ ދެ ލޮލުގެ އެސްފިޔަތަކުގެ ތެރެއިން އެސްފިޔަ އެންމެ ދިގީ ވާތު ލޮލުގެ މަތީ އެސްފިޔަ އެވެ.
މި ކާމިޔާބީއާ ބެހޭ ގޮތުން ޔޫ ބުނީ އާދަޔާހިލާފަށް އެސްފިޔަ ދިގުވާކަން އެންމެ ފުރަތަމަ ފާހަގަވާން ފެށީ 2015 ގައި ކަމަށެވެ. އެ ހިސާބުން އެސްފިޔަ ދިގުކުރަން ޝައުގުވެރިކަން އުފެދުނީ ކަމަށް ބުންޏެވެ.
"އެކަމަކު އެސްފިޔަ ދިގުވަނީ ވަރަށް ލަސްލަހުން." ޔޫ ބުންޏެވެ.
Read more here: https://t.co/HpX4Lg53gQ
— Guinness World Records (@GWR) June 9, 2021
އޭނާ ކިޔައިދިން ގޮތުގައި އެސްފިޔަ އާދަޔާހިލާފަށް ދިގުވާން ދިމާވި ސީދާ ސަބަބެއް މިހާތަނަށް ޑޮކްޓަރުންނަށް ވެސް ސާފުކޮށް ދެވިފައެއް ނުވެ އެވެ.
"ވަރަށް ގިނަ ފަހަރު މަތިން މީގެ ސަބަބު ހޯދަން ޑޮކްޓަރުންނަށް ވެސް ދެއްކިން. އެކަމަކު ޑޮކްޓަރުންނަށް މީގެ ސީދާ ސަބަބެއް ސާފުކޮށް ދެވިފައެއް ނުވޭ. ދެން އަމިއްލަ އަށް ވެސް މީގެ ސަބަބު ހޯދަން މަސައްކަތްކުރިން. ގަބޫލުކުރެވުނީ ޖީންއެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް،" ޔޫ ބުންޏެވެ. "އެކަމަކު އަހަރެންގެ އާއިލާގެ ތެރޭގައި ވެސް މިގޮތަށް ދިމާވި އެއްވެސް މީހަކު ނެތް."
އޭނާ ބުނީ އެސްފިޔަ ދިގުވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެއްވެސް އުނދަގުލެއް ވެސް ނުވާ ކަމަށް ބުންޏެވެ.
"އަހަންނަކީ އަބަދު ވެސް ލޯ ވަރަށް ރީތިކޮށް ބަހައްޓަން މަސައްކަތްކުރާ މީހެއް. އެހެންވީމަ ދިގު އެސްފިޔައިގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވާ ގޮތަށް އެސްފިޔަ އަބަދު ވެސް ބަހައްޓަނީ،" ޔޫ ބުންޏެވެ. "އެންމެ އުފާވާ ކަމަކީ އާދަޔާހިލާފު ސިފައަކާ ހެދި ދުނިޔޭގެ ރެކޯޑަކަށް އަހަރެންވާތީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy