ކުޅިވަރު / ޔޫރޯ 2020

މެޗު ޕްރިވިއު: އިޓަލީ - ތުރުކީ

އިޓަލީގެ ކުޅުންތެރިން ރޭ އޮތް ފަރިތަކުރުންތަކުގައި. -- ފޮޓޯ / އޭއެފްޕީ

11 ޖޫން 2021 - 15:36

2 comments

ރޯމް (11 ޖޫން) - ޔޫރޯގެ 2020ގެ ފުރަތަމަ މެޗުގައި މިރޭ އިޓަލީ އާއި ތުރުކީ ކުރިމަތިލާނެ އެވެ. ޔޫރޯ 1968 ވަނަ އަހަރު ކާމިޔާބުކުރި އިޓަލީ އަކީ ގުރޫޕް އޭގެ ފޭވަރިޓެވެ. އަނެއްކޮޅުން ތުރުކީ އަކީ މި ގުރޫޕްގައި "ސަޕްރައިޒް" ޓީމަށް ވެދާނެ އެވެ.

ޔޫރޯގެ 2020ގެ ފުރަތަމަ މެޗު ކުޅޭނީ އިޓަލީގެ ވެރިރަށް ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. މި އަހަރުގެ ޔޫރޯގެ މެޗުތައް ކުޅޭނީ 11 ސިޓީއެއްގަ އެވެ. މިއީ މުޅި ޔޫރަޕަށް ބަހާލައިގެން، ޔޫރޯގެ މެޗުތައް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ.

ޔޫރަޕްގެ ކޮވިޑްގެ ނުރައްކާތެރި ފުރަތަމަ ރާޅު ނެގީ އިޓަލީގަ އެވެ. އިޓަލީގައި ކޮވިޑްގެ ހާލަތު މިދިޔަ އަހަރު ވަރަށް ގޯސްވެ، އެތައް ސަތޭކަ ބައެއް މަރުވި އެވެ. މިރޭގެ މެޗަކީ، ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިޓަލީގެ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވާނެ މުނާސަބަތެވެ. މިރޭގެ މެޗު ބެލުމަށް ޖުމްލަ 16،000 މީހުން ދަނޑަށް ވައްދާނެ އެވެ.

"މި ދުވަހަށް އަހަރެމެން އިންތިޒާރު ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ،" އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުންޏެވެ. "15،000 ސަޕޯޓަރުން އިޓަލީގެ ގައުމީ ސަލާން ކިޔާ އަޑުއަހާލަން ބޭނުން. ސަޕޯޓަރުންނާއެކު މެޗު ކުޅުމަކީ ތަފާތު އިހުސާސެއް."

އިޓަލީގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލިގްރިނީ އަށް އަނިޔާވެ، އިޓަލީން ވަނީ އޭނާގެ ބަދަލުގައި ފިއޮރެންޓީނާގެ ގައެޓާނޯ ކަސްޓްރޮވީލީ ސްކޮޑުގައި ހިމެނުމުގެ ހުއްދައަކަށް ޔުއޭފާގައި އެދިފަ އެވެ. މި މުބާރާތުގެ ކުރިން ވެސް ޕެލެގްރިނީ ފިޓްނަސްއާމެދު ސުވާލުތަކެއް އުފެދި އޮތް ނަމަވެސް، އިޓަލީގެ ސްކޮޑުން އޭނާ އަށް ޖާގަ ދިނެވެ. އެކަމަކު ބުދަ ދުވަހު އޮތް ފަރިތަކުރުންތަކުގައި ޕެލެގްރިނީ އަށް އަނިިޔާވެ، އޭނާ އަށް ވަނީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ވެސް މުޅިން ފިޓެއް ނޫނެވެ. އެހެންކަމުން މިރޭގެ މެޗުގައި އިޓަލީގެ ފުރަތަމަ 11ގައި މެނުއެލް ލޮކަޓެލީ ފެނުމުގެ ފުރުސަތު ބޮޑެވެ.

ކޯޗުންގެ ބަސް:

ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން، އިޓަލީގެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނައިރު، އިޓަލީ އެންމެ ފަހުން ކުޅުނު 27 މެޗުން ވެސް ބައްޔެއް ނުވެ އެވެ.

އެކަމަކު މަންޗީނީ ބުނީ ބޮޑު މުބާރާތެއްގައި ކުޅެންޖެހޭ ފުރަތަމަ މެޗަކީ އަބަދު ވެސް އުނދަގޫ މެޗެއް ކަމަށެވެ.

"މުބާރާތެއްގެ ފުރަތަމަ މެޗަކީ އަބަދު ވެސް އުނދަގޫ މެޗެއް. އެކަމަކު އަހަރެން ގަބޫލްކުރާ ގޮތުގައި އިޓަލީގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. އަހަރަމެންގެ އަމާޒަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުން،" މަންޗީނީ ބުންޏެވެ. "ތުރުކީ އަކީ ވަރަށް މޮޅެތި ކުޅުންތެރިން ތިބި ޓީމެއް. އަހަރަމެން ތުރުކީ އަށް އިހުތިރާމްކުރަން."

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ. -- ފޮޓޯ / އޭއެފްޕީ

ތުރުކީގެ ކޯޗު ސެނޯލް ގުނޭސް ބުނީ ތުރުކީގެ ފެންވަރު މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ދައްކާލަން ބޭނުން ކަމަށެވެ.

" މުބާރާތުގެ ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއް. އަހަރެން ބޭނުންވަނީ ތުރުކީގެ ފެންވަރު ފުރަތަމަ މެޗުގައި ވެސް ދައްކާލަން. މެޗުން މޮޅުވިޔަސް ނުވަތަ ބަލިވިޔަސް، ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ފެނުން އަހަރެން ބޭނުންވަނީ. އުންމީދުކުރަނީ މޮޅަކަށް،" ގުނޭސް ބުންޏެވެ.

އިޓަލީ އާއި ތުރުކީ މިހާތަނަށް 10 ފަހަރު ބައްދަލުކޮށްފައިވާއިރު، ތުރުކީ އަތުން އިޓަލީ އަދި ބައްޔެއް ނުވެ. އިޓަލީ ހަތް މެޗުން މޮޅުވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފަ.

ތުރުކީގެ ކުޅުންތެރިން ރޭ އޮތް ފަރިތަކުރުންތަކުގައި. -- ފޮޓޯ / އޭއެފްޕީ

އެނގޭތަ ؟

ބައިނަލްއަގުވާމީ މުބާރާތެއްގައި ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި އިޓަލީ ކުޅުނު މެޗަކުން، މިހާތަނަށް އެ ޓީމުގެ ބައްޔެއް ނުވެ އެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި އިޓަލީ މިހާތަނަށް ޔޫރޯ އާއި ވޯލްޑް ކަޕް ޖުމްލަ 8 މެޗު ކުޅެފައިވާއިރު، ހަ މެޗުން ވަނީ މޮޅުވެފަ އެވެ. އެއްވަރުވީ ދެ މެޗެވެ.

ޔޫރޯ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ދެ ޓީމުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް އިޓަލީ މޮޅުވިއިރު، އެ ޓީމުން ވަނީ ޖުމްލަ 37 ގޯލު ޖަހައިފަ އެވެ.

ޔޫރޯގެ ހަތަރު މުބާރާތެއްގައި ތުރުކީ މިހާތަނަށް ވާދަކޮށްފައިވާއިރު، އެ ހަތަރު މުބާރާތުގައި ވެސް ތުރުކީ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. ދެހާސް ވަނަ އަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ތުރުކީ ބަލިވީ އިޓަލީ އަތުންނެވެ. އެ މެޗު ވެސް ކުޅުނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.

އިޓަލީ އާއި ތުރުކީގެ މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ. -- އޭއެފްޕީ

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުރކީ

11 June 2021

އިޓަލީ މޮޅުވާނެ ކަމަށް ބައެއް މީހުން ބުނެފާނެ

The name is already taken The name is available. Register?

އިޓަލީ

11 June 2021

މިރޭގެ މެޗު ވަރަށް ގަދަވާނެހެން ހީވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454