އިންވެސްޓްމަންޓް ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނައިބު ރައީސް ޖިހާދު ވިޔަފާރިވެރިޔަކާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
22 ނޮވެމްބަރ 2016 - 16:43
ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަބަދު ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެ، އެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓުތަކުގެ ފައިދާ ލިބޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ދެއްވައިފި އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ހުޅުވައިދެއްވުމަށް ފަހު، ނައިބު ރައީސް ޖިހާދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ކުރިއަށް ގެންދަވާ އިގްތިސާދީ އިންގިލާބީ މަސައްކަތުގެ އެންމެ މައިގަނޑު އެއް އަސާސަކީ ބޭރުގެ އިންވެސްޓްމަންޓްތައް ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ ރާސްތާ ވަރަށް އުޖާލާކޮށް އޮތް އިރު، ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުމުން ލިބޭ އިގްތިސާދީ ފައިދާގެ މުހިއްމުކަން ސަރުކާރުން ގަބޫލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންވެސްޓްމަންޓް ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނައިބު ރައީސް ޖިހާދު (ކ) އިކޮނޮމިކް މިނިސްޓަރު ސައީދުއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ރައީސް ޔާމީންގެ އިސްނެންގެވުމާ އެކު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ނައިބު ރައީސް ފާހަގަކުރެއްވި އެެެވެ. އެ ގޮތުން، އެ މަނިކުފާނު ދެއްކެވި ބައެއް މިސާލުތަކަކީ ދައުލަތުގެ ދަރަނި ކުޑަ ކުރުމަށް ކުރާ މަސައްކަތްތަކާއި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫ އެވެ.
"ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ މޫޑީޒް އިންވެސްޓާސް ސާވިސް އިން ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓް ކޮށްފައި ވާތީ، މިއީ އިގްތިސާދީ ދާއިރާ އިން ރާއްޖެ އެޅި ވަރަށް އުއްމީދީ ފިޔަވަޅެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
އިންވެސްޓްމަންޓް ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނައިބު ރައީސް ޖިހާދު އިންޑިއާގެ ވިޔަފާރިވެރިޔަކާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދިއްލީގެ ތާޖު ޕެލެސް ހޮޓަލުގައި ކުރިއަށް ދާ އިންވެސްޓްމަންޓް ފޯރަމް ފައްޓަވައިދެއްވުމުގެ ކުރިން ޖިހާދު ވަނީ އިންޑިއާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީއާ ރޭ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާތަކުގައި ބޭންކިން އާއި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިއްމުކަން ދެ ބޭފުޅުން ހާއްސަކޮށް ފާހަގަކުރެއްވި އެވެ.
އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖެ އާއި އިންޑިއާގެ 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި، ދެ ގައުމުގެ ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުން ހިމެނެ އެވެ.
އިންވެސްޓްމަންޓް ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެލިއާ އިންވެސްޓްމަންޓްސްގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ (ވ-2)، އިންޑިއާގެ ވިޔަފާރިވެރިންތަކަކާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ފޯރަމްގައި ހުޅުވާލި މަޝްރޫއުތައް އަމާޒުކޮށްފައި ވަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެ ދާއިރާތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ މަޝްރޫއުތައް ހުޅުވާލާފައިވެ އެވެ. އެކަމަކު، އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
22 November 2016
ޖިހާދު ތަންތަނައް އަރާ ވާހަކަދައްކާއިރު ވަރައް ބަލައިގެން ވާހަކަދައްކަން އަޅުގަނޑު ނަސޭހަތްތެރިވަން. ތިހުންނެވީ މިރާއްޖޭގެ އެންމެ ނާޒުކު، ބިރުވެރި މަގާމުގަ. ކުރީގަ ތިމަގާމު ފުރި މީހުންވެސް ތިބީ ވަރައް ބިކަކޮއްލާފަ. ހަމަ ބުނެލެވޭ އެންމެ ބަހަކުންވެސް ތިމާގެ ޒިންދަގީ ގޮސްދާނެ.
ސައްދާމް
22 November 2016
ތިހެން ބުނި ޖީއެމްއާރް ބޭރުކޮށްލާފައި އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭނެ ކަމަށް އަދި އެއީ ބާޠިލު އެގްރީމެންޓް އެއް ކަމަށް ...............އެންމެފަހުން އެކަމަށް ދައުލަތުގެ ރިޒާވު ހުސްކޮށްފި....... ދެން ކިހިނެއް އިންވެސްޓަރުން އިތުބާރު ކުރާނީ ؟
އުދުހޭ
22 November 2016
ބަލަ ޖިހާދޫ ކޮންމެ އަހަރަކު ތިޔަ ގެންނަހާ އިންވެސްޓަރުންނާހެދި އަޅުގަނޑު މިއުޅެނީ މަގުމަތިން ފައިއަޅާލާނެ ތަންކޮޅެއް ނުފެނިގެން. ޒެސް ގެ ބިލް ފާސްކޮށް އޭގެ ފަހުން ތިޔަބައިވަރު ތިޔަ ގެންނަނީ އެއްވެސް ކޮންޓްރޯލެއް ނެތި ވިއްޔާ! ތިޔަ އިންވެސްޓަރުންގެ ކޮންމެ ބޮލަކުން ޓެކްސް ނެގިޔަސް ރައްޔިތުންގެ އަތުން ޓެކްސް ނުނަގާ ބަޖެޓް ހަމަޖެހޭވަރު ވާނެ! އެހެންވީމާ ދެން ތިޔަމީހުން މަދުކުރަން ފަށަންވެއްޖެނޫންތޯ؟ ހާއްސަކޮށް ބަނގުލަދޭޝްގެ އިންވެސްޓަރުން އެބަޖެހޭ މަދުކުރަން!