ރިޕޯޓް

ގާނޫނު ނުހިނގާ ތަނެއްގައި ޝަރީއަތް ކުރެވިދާނެތަ؟

ޝަރީއަތް ހިންގާ މާލަމެއް: ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ފުރަތަމަ ފަހަރަށް ޝަރީއަތެއް ވަނީ ކުރިއަށް ގެންގޮސްފައި --- ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން އުފެދުނީ ތަހުގީގަށް މީހުން ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމުގެ މުހިންމު ކަމުގެ ބަހުސެކެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާތަކުގެ ޝަރީއަތާ ހިސާބުން މި އައީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ޝަރީއަތް ކުރުމުގެ މައްސަލަ އެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި އަބަދުވެސް ފެންނަނީ މިފަދަ އާ މައްސަލަތަކެވެ.

އަލީ ވަހީދު މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި ދާދިފަހުން އޭނާ ބައިވެރިވެ ވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުންނަވައިގެެން އޮންލައިންކޮށެވެ. އެގޮތަށް ޝަރީއަތް ބޭއްވީ އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަންޖެހޭ މުއްދަތު ހަމަވިއިރު ވެސް، ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެ އޭނާ އެގޮތަށް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. މިއީ ޖިނާއީ މައްސަލައެއްގައި، ރާއްޖޭގެ ގާނޫނު ނުހިނގާ ސަރަހައްދެއްގައި ދައުވާލިބޭ މީހަކު ހުރެގެން ޝަރީއަތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ކުރެވިދާނެ ކަމެއްތޯ އެއީ ގާނޫނީ ގޮތުން އުފެދޭ ސުވާލެކެވެ.

ގާނޫނު ދަންނަ ކަމެއް ނޫން

ޖިނާއީ މައްސަލަތަކުގައި މީގެކުރިން ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް ހާޒިރުވެގެން ޝަރީއަތްތަކުގައި ބައިވެރިވެވެނީ ހެކިވެރިންނާއި އެކްސްޕާޓުންގެ ގޮތުގައި ހާޒިރުކުރާ މީސްމީހުންނަށް އެކަންޏެވެ. އެގޮތަށް އެކަން ކުރަނީ ވެސް ކޮންމެހެން ހާޒިރުކުރަން ޖެހިއްޖެ ނަމަ އެވެ. އެހެން ނަމަވެސް ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު އެމްބަސީއެއްގައި ބަހައްޓައިގެން ޝަރީއަތް ކުރުމަކީ މީގެކުރިން ރާއްޖޭގައި ކޮށްފައި އޮތް ކަމެއް ނޫނެވެ.

މަދަނީ މައްސަލަަތަކާ ޚިލާފަށް ޖިނާއީ މައްސަލަަތަކަކީ ދައުވާލިބޭ މީހާގެ ހާޒިރުގައި ނޫނީ ކުރިއަށް ނުގެންދެވޭނެ ބާވަތުގެ މައްސަލަތަކެކެވެ. ޖިނާއީ މައްސަލަތަކުގައި ވަކީލަކު ހުއްޓަސް އަދި ނެތަސް، ޝަރީއަތުގައި ދައުވާލިބޭ މީހާ ހުރުމަކީ ލާޒިމް ކަމެކެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ޖިނާއީ އިޖްރައާތުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން އޮންލައިންކޮށް ޝަރީއަތް ބޭއްވުމުގެ ފުރުސަތު އޮވެ އެވެ. އެހެން ނަމަވެސް އެއީ ކޮންމެ ކޮންމެ މައްސަލައެއްގައި އަދި ކޮންމެ ކޮންމެ ތަނެއްގައި ތިބެގެން ލިބޭ ފުރުސަތެއް ނޫނެވެ.

އޮންލައިންކޮށް ޝަރީއަތް ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ހަދާފައިވާ ގަވާއިދު ބުނާގޮތުން ޖިނާއީ މައްސަލައެއްގައި، ރާއްޖެއިން ބޭރުގައި ހުރި މީހަކު އެމްބަސީއަކަށް ހާޒިރު ކޮށްގެން ޝަރީއަތެއް ކުރިއަށް ގެންދެވޭނީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ހެކިބަހެއް ނެގުމަށް އެކަންޏެވެ. ދައުވާލިބޭ މީހަކު ބޭރުގެ އެމްބަސީއަކަށް ހާޒިރު ކޮށްގެން އޮންލައިންކޮށް ޝަރީއަތް ކުރެވޭނެ ކަމަށް އެ ގަވާއިދަކު ނެތެވެ. އެހެންވެ، ޚާއްސަ ހާލަތެއްގައި އޮންލައިންކޮށް ޝަރީއަތް ކުރިޔަސް، ދައުވާލިބޭ މީހާ ހުންނަން ޖެހޭނީ ރާއްޖޭގައި ކަން އެ ގަވާއިދުން ސާފެވެ.

ރާއްޖެއިން ބޭރުގައި ހުކުމް ތަންފީޒު ކުރުން

ދެން އޮތީ އެމްބަސީއަށް ރާއްޖޭގެ ގާނޫނު ހިނގާނެތޯ އޮތް ސުވާލެވެ. އެހެން ގައުމެއްގައި ހުންނަ އެމްބަސީތަކަކީ ވެސް ބައިނަލްއަގްވާމީ މުއާހަދާތައް ބުނާގޮތުން އެ އެމްބަސީއެއް ނިސްބަތްވާ ގައުމުގެ އަމިއްލަ ބިމެކެވެ. އެހެންވުމުން އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއަކީ ދިވެހި ދައުލަތުގެ ބިމަކާ އެއްފަދަ ތަނެކެވެ. އަލީ ވަހީދު އެމްބަސީގެ ތެރޭގައި ހުންނަވާ ވަގުތު އޭނާ އެ ހުންނެވީ ރާއްޖޭގެ ބިމެއްގައި ކަމަށް ބެލެވިދާނެ އެވެ. އެހެން ނަމަވެސް، އެކަމުގެ މައްޗަށް އެކަނި ބަލައިގެން އެމްބަސީގައި ޝަރީއަތް ކުރަން ފަށައިފި ނަމަ އިތުރު މައްސަލަތަކެއް އެބަ ނިކުމެ އެވެ.

މިސާލަކަށް، އެގޮތަށް އެމްބަސީގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންގޮސް، އަލީ ވަހީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރާ ހާލަތެއްގައި، އެ ހުކުމް ތަންފީޒު ކުރާނެ ގޮތެއް ނޯންނާނެ އެވެ. އަދި ހުކުމް ކުރިޔަސް، އޭނާ އެމްބަސީގެ އެތެރޭގައި ހިފެހެއްޓުމުގެ އެއްވެސް ބާރެއް އެމްބަސީއަކަށް ނޯންނާނެ އެވެ. އެހެންކަމުން ހުކުމެއް ކުރިޔަސް، އެތަނުން ނިކުމެގެން ގޮސް ބޭނުން މުއްދަތެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށް އެއްވެސް ހުރަހެއް ނެތެވެ.

ކޯޓުން ހުކުމްކުރާ ހާލަތުގައި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާ ހަވާލު ކުރަން ބެލިޔަސް، އެއީކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެއީ އެހެން ގައުމެއްގެ ކޯޓަކުން ކުރާ ހުކުމެއް ތަންފީޒުކޮށް ދިނުމުގައި ކޮންމެ ގައުމަކުން ވެސް، އަމަލުކުރާ ޚާއްސަ އުސޫލުތަކެއް އޮވެ އެވެ. އެއީ އެކްސްޓްރެޑިޝަންގެ ގާނޫނުގެ ދަށުން ދެ ގައުމެއްގެ ދެމެދުގައި ހެދޭ އެއްބަސްވުންތަކެއްގެ ދަށުން ނޫނީ ނުކުރެވޭނެ ކަންކަމެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --- ފޮޓޯ/މިހާރު

އެހެންކަމުން އިނގިރޭސިވިލާތުގައި ހުރި މީހެއްގެ މައްޗަށް ރާއްޖޭގެ ކޯޓަކުން ހުކުމެއް ކުރިޔަސް، އެ ގައުމުން ހުކުމެއް ތަންފީޒު ކޮށެއް ނުދޭނެ އެވެ. އަދި އިނގިރޭސިވިލާތުގައި ކުށެއް ނުކުރާހާ ހިނދަކު އެ ގައުމުން އެ މީހަކު ހައްޔަރެއް ވެސް ނުކުރާނެ އެވެ. އިންޓަޕޯލް މެދުވެރިވެގެން އެކަން ކުރަން ބެލިޔަސް، އެއީ ވެސް ވަކި އިޖްރައާތެއްގެ ދަށުން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ކުރެވޭ ކަމެކެވެ. އަދި ރެޑް ނޯޓިހެއް ނެރުނަސް، އެކަމެއް ތަންފީޒު ކުރެވޭނީ އިނގިރޭސިވިލާތުން އެއްބާރުލުން ދޭ މިންވަރަކުންނެވެ.

ދިވެހި ފުލުހުން އިނގިރޭސިވިލާތަށް ދިޔަޔަސް، އެ ގައުމުގެ ސަރުކާރުން އެކަމަށް އެއްބާރުލުން ނުދޭހާ ހިނދަކު ފުލުހުންނަށް ކުރެވޭނެ ކަމެއް ވެސް ނޯންނާނެ އެވެ. ކުރުކޮށް ބުނާ ނަމަ، ބޭރުގައި ހުރި މީހެއްގެ މައްޗަށް ރާއްޖޭގެ ކޯޓަކުން ހުކުމެއް ކުރިޔަސް، އެ ހުކުމެއް އެ ގައުމުން ތަންފީޒު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަންކަން އެނގި ތިބެ، އެމްބަސީގައި ހުރެގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކޯޓުން ދިން ސަބަބާ މެދު ސުވާލު އުފެދެ އެވެ.

އަލީ ވަހީދު އެމްބަސީގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުން އޮތީ ދެކޮޅު ހަދައިފަ އެވެ. އެގޮތަށް މައްސަލަ ކުރިއަށް ގެންދާތީ ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރުމަށްޓަކައި އެ ނިންމުން ލިޔުމުން ހޯދަން އެދުމުން ވެސް، އެ ލިޔުން ލިބިފައިނުވާ ކަމަށް ކަމަށް އެ އޮފީހުން ބުންޏެވެ. އެހެން ނަމަވެސް އެ މައްސަލައަކީ އާންމު އުސޫލުން ސިއްރު ކޮށްގެން ކުރިއަށް ގެންދާ ބާވަތުގެ މައްސަލައަކަށް ވާތީ އެ އަޑުއެހުމުގެ ހިނގި ކަންކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި މީހަކު ބަހައްޓައިގެން ޝަރީއަތް ކުރުމަކީ ޖޯކެކެވެ. އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިިޔަޔަސް، ރާއްޖެއިން ބޭރުގައި މީހަކު ބަހައްޓައިގެން ޝަރީއަތް ކުރުމަކީ ގާނޫނާ ޚިލާފަށް ކުރެވޭ ކަމަކަށް ވުމުގެ އިތުރަށް އެކަމުން އިތުރު ގާނޫނީ މައްސަލަތަކެއް ނިކުމެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ތަންފީޒު ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭ. އެހެން ނޫނީ ބޮޑު ޖޯކަކަށް ވާނީ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އެގޮތަށް ޝަރީއަތް ކުރުމަކީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ޝަރީއަތް ކުރުމުގެ ނިޒާމާ އެއްކޮށް ހިނގާނެ ކަމެއް ކަމަށް. އަޅުގަނޑުމެންގެ ޖުޑިސްޓްރިކްޝަން ހިނގާ ތަނެއްގައި ދައުވާލިބޭ މީހާ ހުންނަން ޖެހޭނެ." ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ދައުވާލިބޭ މީހަކަށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ދަންނަ ކަމެއް ނުވުމުގެ އިތުރަށް ކުރިން ދުވަހަކު ވެސް ކޮށްފައި އޮތް ކަމެއް ނޫނެވެ. އާންމު މީހަކު ކޯޓަށް ހާޒިރު ނުވިޔަސް، ފުލުހުން މެދުވެެރިކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރެވޭއިރު، ވަކި މައްސަލައެއްގައިި، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުން ގާނޫނީ މައްސަލަތަކެއް ނިކުތުމުގެ އިތުރަށް ފެނިގެން އެ ދަނީ ތަފާތު ކުރުން ގެންގުޅޭ މަންޒަރެވެ.

9 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދޫ

23 June 2021

ދިވެހިރާއްޖޭގެ ގާނޫނު ބޭރު ގައުމުގަ ހިގާތީތަ؟ ރާއްޖޭގެ އިންވެސްތްރުން ހަދާ އެގްރީމަންޓް ތަކުގަ ބޭރުގައުމުތަކުގެ އާބިޓްރޭސަނުގަ މައްސަލަ ހިނަގާވާހަކަ ލިޔަނީ އެގޮތަށް ސަރީއަތް ހިންގަމުންދަނީ އެތަންތަނުގަ ރައްޖޭގެ ގާނޫނީ ބާރު ހިގާތަ؟ ހަމަޖެހޭ ވާހަކަ ދައްކާ.

The name is already taken The name is available. Register?

ވަކީލްް

23 June 2021

ޝަމީމެވެ. މިރާއްޖެގައި ތިބެ ކޯޓަށް ގޮސްގެން ކުރާހުކުމަށް މިގައުމުގައި ތަންފީޒުނުވެ ޖަލަށްލުމަށް ހުކުމްކުރާ މީހުން މަގުމަތީގައާއި ގޭގައި ތިބޭތިބުން ޖޯކަކަށް ނުވޭހެއްޔެވެ.

The name is already taken The name is available. Register?

އަލްޖިބްރާ

23 June 2021

މިރާއްޖޭގައި ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކޮށްފަ އޮތް ޒަމާނެއް އެއްވެސް މީހަކަށް ބުނެދެވިދާނެބާ ؟

The name is already taken The name is available. Register?

އެމްޑީޕީއިންސާފު

23 June 2021

މަގުމަތީ ކޯޓް ހަދައިގެން އުޅުނު ޕާޓީގެ މީހުން ބޭނުމެއްނުވޭ އިންސާފު ހޯދަދެވެން އޮތް ހަނި ދާއިރާއަކުންވެސް އިންސާފު ހޯދަދޭކަށް. ބާރު ނުހިނގާ ތަނެއްގަ ހުއްޓާ ކުރާ ހުކުމް ތަންފީޒުކުރެވޭނެ ގޮތް ނޯންނާނޭ ކިޔައި ޝަރީއަތެއް ނުހިންގަން ބަހަނާ ދައްކަނީ. ހުކުމަކާ ހަމައަށް 2 އަހަރުފަހުން ނަމަވެސް ދެވިއްޖެނަމަ އެއީ ކުށްވެރިއެއް ކަމަށް ފާޅުގަ ފެންނަން އޮންނާނެ. އަދި އޭނަ ކޮންމެ ގައުމެއްގަ ހުއްޓަސް އެއީ އެ ކުށުގެ ބާވަތާ ގުޅޭ ލިސްޓަށް އަރާފަ ހުރި މީހަކަށްވާނީ.

The name is already taken The name is available. Register?

ޒީމް

23 June 2021

މީ ޤާނޫނު ހިނގާ ތަނެއްތޯ؟ ކޮބާތޯ ތިބުނާ ޤާނޫނަކުން ރައްޔިތަކަށް ލިބުނު ރައްކާތެރިކަމެއް، ޤައުމު ޕޮލިސް ކުރަން ތިބިމީހުނާ،ރައްޔިތު މީހާއަށް ރައްކާތެރިކަން ދޭންތިބި ސިފައިންގެ އިޙްމާލު ނެތް އެއްވެސް ކަމެއް މިތަނަކުން މަށަކު އަމުދަކުން ނުދެކެމު..؟

The name is already taken The name is available. Register?

ޖީޖީ

23 June 2021

ކޯޓުގެ ޝަރީއަތްތަކަކީ ދިގު މުއްދަތަކަށް ދެމިގެންދާ އެއްޗަކަށްވާއިރު އަލީ ވަހީދަކީ އުމުރު ދުވަހަށް ބޭސްފަރުވާ ކުރަން އެތަނުގައި ހުންނަންޖެހޭ މީހެއްބާ؟ އަދި ޝަރީއަތް ހިނގާ ހުރިހާ ދުވަހަކު ޝަރީއަތް ހިންގަންޖެހޭނީ އެގައުމުގަ ހުރެގެންބާ؟ އަލީ ވަހީދަށް ބޭސްފަރުވާއަށް އިތުރުކޮށްދިން މުއްދަތަކީ ކޮބައިބާ؟ 4 މަސްދުވަހުން ނުނިމުނު ބޭސްފަރުވާއެއް ދިގުލައިގެންދާން އޮތީ ކިތައް އަހަރަށްބާ؟ ކޮވިޑްގައި ކިތައް އާ ގަވައިދާ އެއްގޮތަށް ކަންކަން ކުރަންޖެހިއްޖެބާ؟

The name is already taken The name is available. Register?

އެލެކޮސް

23 June 2021

ރީނދޫ ކުލަގަދަ މީހާގެ މައްޗަކަށް ޝަރީޢަތެއް ނޫން އެއްވެސް ޙުކުމެއްވެސް ނުހިނގާނެ! ދައުލަތުން ޕާސްޕޯޓު ދީފައި ރީއްޗަށް ވީއައިޕީ މާލަމުން ފުރުވާލި މީހެއްގެ މައްޗަށް ޙުކުމް ހިނގާނީ މަޙްޝަރު ދުވަހުން.

The name is already taken The name is available. Register?

ނާމްދި ކާނޫ

23 June 2021

މިރާއްޖޭގަ ގާނޫނެއް ރަންގަޅައް ހިންގާތޯ؟ހުކުމެއް ރަންގަޅައް ތަންފީޒުވޭތޯ؟

The name is already taken The name is available. Register?

ބައިރޯ

23 June 2021

ބަލަ ބުނީމަތަ ނުހިގާކަން އެގެނީ، އާޒިމާ ޝުކޫރު، އަލްހާން، މަހްލޫފު، އުމަރު ހަރުގަޑުގެ މައްސަލަ ހިގިތަ ދެދުވަހުން އެއްދުވަހު ކެންސަލް އެހެންނޫނީ އުންސުރު، ދުނިއުމުރު މީހުން މަގު ފުރައްދަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454