ވިޔަފާރި / ކުދި ވިޔަފާރި ލޯނު

ކުދި ވިޔަފާރިތަކަށް އެހީވާން އެސްޑީއެފްސީން ވެސް ސްޓިމިއުލަސް ލޯނު ދޫކުރަނީ

ކެފޭއެއްގައި ހިދުމަތް ދެނީ: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެ ސްޓިމިޔުލަސް ލޯނެއް ސަރުކާރުން ވަނީ ތައާރަފު ކޮށްފައި-- ފައިލް ފޮޓޯ/މިހާރު

ވިޔަފާރިތަކަށް އެހީވާން ސަރުކާރުން އިއުލާންކުރި 20 މިލިއަން ޔޫރޯގެ ތެރެއިން ބައެއް ލޯނުތައް ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެސްޑީއެފްސީން ވެސް ދޫކުރާ ގޮތަށް ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އެސްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފު ކުރި ލޯނު ސްކީމެކެވެ. މި ލޯނަކީ ހަ ޕަސެންޓުގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއެޑަކާ އެކު ހަތަރު އަހަރުގެ ތެރޭގައި ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.

ސްޓިމިއުލަސް އިކޮނޮމިކް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ދޭ 20 މިލިއަން ޔޫރޯ (375 މިލިއަން ރުފިޔާ)ގެ ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މިދިޔަ އަހަރު ވެސް އެ ބޭންކުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ރާއްޖެ އަށް 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ދީފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގައި ބައެއް ވިޔަފާރިތަކަށް އިސްކަން ދޭނެ ކަމަށެެވެ. އެގޮތުން، ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރި ދާއިރާތަކާއި ރަށްތަކަށް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސަރަހައްދަށް ބޮޑަށް އަސަރުކޮށްފައި ވާތީ މި ސަރަހައްދަށް އިސްކަމެއް ދޭނެ. ދެން ލޮކްޑައުން ކުރި ރަށްތަކަށް ވެސް އިސްކަން ދޭނެ. ލޮކްޑައުންގެ ސަބަބުން ޖިމާއި ސެލޫން ފަދަ ތަންތަން އެއްގޮތަކަށް ވެސް ނުހުޅުވޭ. ރެސްޓޯރެންޓުތަކުން ވެސް ދެނީ ޑެލިވަރީގެ ހިދުމަތް އެކަނި. އެހެންކަމުން އެފަދަ ތަންތަނަށް އިސްކަން ދޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު ލޯނު ދޫކުރާއިރު ފައިސާގެ އިތުރުން ފަންނީ އެހީތެރިކަން ވެސް ވިޔަފާރިތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

ސްޓިމިއުލަސް ލޯނު ޕެކޭޖުގެ ދަށުން ކޮންމެ ވިޔަފާރިއަކަށް ވެސް ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާގެ ލޯނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިގޮތުގައި ކޮވިޑް-19އާ ގުޅިގެން މި އަހަރުގެ މިހާތަނަށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ވި ގެއްލުމުން އަރައިގަތުމަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ހަ ޕަސެންޓު ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސްކީމުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި ހަފުތާއިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފޯމާއި ހުށަހަޅަން ޖެހޭ ގޮތުގެ މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބޭންކުން ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454