އޮކްޓޯބަރުގައި ނެރޭ ވަޔަލެސް ޗާޖިން ކިޓް ވިއްކާނީ 139.99 ޑޮލަރަށް
ލެނޯވޯގެ ވަޔަލެސް ޗާޖިން ކިޓް.
25 ޖޫން 2021 - 07:41
ލެޓޮޕް ޗާޖްކުރަން ވަޔަލެސް ޗާޖިން ކިޓެއް ނެރެން ލެނޯވޯ އިން ތައްޔާރުވެއްޖެ އެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރެން ނިންމާފައިވާ މި ކިޓަށް ދީފައިވާ ނަމަކީ "ގޯ ވަޔަލެސް ޗާޖިން ކިޓް" އެވެ. މީގައި ހިމެނެނީ ސޯލާ ޕެނެލްތަކެއް ސިފަކޮށްދޭ ކަހަލަ 3.2 މިލިމީޓަރުގެ ޗާޖިން މެޓަކާއި ޗާޖިން ރިސީވަރެކެވެ. ޗާޖިން ރިސީވާ އިންނަނީ ލެޕްޓޮޕްގެ ފުލުގައި މޮނިޓަރާ ދިމާލުން އަޅުވައިފަ އެވެ. އަދި އެ ޑިވައިސް އިންނާނީ ޔޫއެސްބީ-ސީ ޕޯޓަށް ވެސް ގުޅައިލެވޭ ގޮތަށެވެ.
މި ޑިވައިސް ލެޕްޓޮޕްގައި ހަރުކޮށްފައި ލެޕްޓޮޕް ބަހައްޓާނީ ޗާޖިންގެ މެޓްގެ މަތީގަ އެވެ. އޭރުން ޗާޖް ވާނެ އެވެ. ލެނޯވޯ އިން ބުނީ އެއިން 13-14 އިންޗީގެ ކޮންމެ ލެޕްޓޮޕެއް ވެސް ޗާޖްކޮށްލެވޭނެ ކަމަށެވެ. އެއީ ވިންޑޯސް އަދި މެކްއޯއެސް ޑިވައިސްތައް ވިޔަސް ވަރިހަމަ އެވެ.
"ގޯ ވަޔަލެސް ޗާޖިން ކިޓް" މަސައްކަތްކުރާ ގޮތް ބަލައިލުމަށް ޓެކް އެކްސްޕާޓް ކިޔައިދޭ ގޮތް ތިރީގައި މި އޮތް ވީޑިއޯގެ 3:55 މިނިޓާ ހަމައިން ބަލައިލާށެވެ.
ޗައިނާގެ ލެނޯވޯ އިން ބުނި ގޮތުގައި ވަޔަލެސް ޗާޖިން ކިޓް ވިއްކާނީ 139.99 ޑޮލަރު (2,162ރ.) އެވެ، އޮކްޓޯބަރުގައި ނެރެން ނިންމި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy