މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގައި މަޝްހޫރު ދެބެއިންގެ ޓީމުތައް

ބޮލީވުޑަކީ އާއިލީ ނުފޫޒު ގަދަ އިންޑަސްޓްރީއެކެވެ. މީގެ ތެރޭގައި ސީދާ ފިލްމީ އާއިލާތަކަށް ނިސްބަތްވާ މީހުންނާއި ފިލްމީ ދާއިރާއާ މުޅިން ބޭރުން އިންޑަސްޓްރީ އަށް ނުކުމެ، ކާމިޔާބި ހޯދި ތަރިން ވެސް ގިނަ އެވެ.

އެގޮތުން ހިންދީ ސިނަމާގައި އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ތަރިންތަކެއް އެބަތިއްބެވެ. މީގެ ތެރޭގައި ވަރަށް ބޮޑު ކާމިޔާބި ހޯދި މީހުންނާއި ކާމިޔާބު ނޫން ވެސް މީހުން ވެސް ހިމެނެ އެވެ. އެފަދަ ބައެއް ތަރިންގެ މަތިން ހަނދާން އާކޮށްލަމާ ހިނގާށެވެ.

* ސަނީ އާއި ބޮބީ

ސަނީ އާއި ބޮބީ ޑިއޯލް އަކީ ހިންދި ސިނަމާގެ އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ ދަރުމެންދުރާގެ ދޮށީ ދެ ދަރިންނެވެ. ބެލުންތެރިން ދަރޭ ބަލައިގަތް ގޮތަށް ސަނީ އާއި ބޮބީ ވެސް ބަލައިގަތެވެ. އެ ދެ އެކްޓަރުން ވެސް ވީ ހިންދީ ސިނަމާގެ ކާމިޔާބު ދެ ތަރިންނަށެވެ.

ސަނީ، 64، ބޮލީވުޑަށް ނުކުތީ 1983 ގެ ކާމިޔާބު ފިލްމު "ބޭތާބު" އިންނެވެ. އޭގެ ފަހުން މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ސަނީ ކުޅެފައިވެ އެވެ. އޭނާ ބޮޑަށް މަޝްހޫރުވީ ވަރުގަދަ އެކްޝަން ތަރިއެއްގެ ގޮތުގަ އެވެ.

ބޮބީ، 52، ގެ ފުރަތަމަ ފިލްމަކީ 1995 ގެ "ބަރުސާތު" އެވެ. އެ ފިލުން ވިދައިލުމަށް ފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮބީ އަކީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދި ތަރިއެކެވެ.

އެކަމަކު މިހާރު ސަނީ އާއި ބޮބީ ވެސް ފިލްމުތަކުން ފެންނަލެއް މަދެވެ. މި ތަރިންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގޮށްލެވެނީ ބައްޕައާ އެކު ކުޅެން ހަމަޖެހިފައިވާ "އަޕްނޭ 2" އެވެ. އެ ފިލްމުގައި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނޭނެ އެވެ.

* ކަރިޝްމާ އާއި ކަރީނާ

ކަރިޝްމާ އާއި ކަރީނާ ކަޕޫރަކީ ހިންދީ ސިނަމާގެ ފުރަތަމަ އާއިލާގެ ގޮތުގައި ބަލާ ކަޕޫރް ޚާންދަނަށް ނިސްބަތްވާ ދެ ތަރިންނެވެ. އެ މީހުންގެ ކާފަ އަކީ އެފަދަ ދެވަނައެއް ނެތް ފިލްމީ ޝަހުސިއްޔަތު ރާޖް ކަޕޫރެވެ.

ކަޕޫރް ޚާންދާނުން ކަރިޝްމާ، 47، އާއި ކަރީނާ، 40، ފިޔަވައި އެއްވެސް އަންހެނަކު ފިލްމީ ދާއިރާގައި މާ ބޮޑަކަށް މަސައްކަތްކޮށްފައެއް ނުވެ އެވެ. ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރިޝްމާގެ އަލަތު ފިލްމަކީ 1991 ގެ "ޕްރޭމް ގައިދީ" އެވެ. އޭގެ ފަހުން އޭނާ ވަނީ ބެލުންތެރިންނަށް ރީތި އެތައް ފިލްމެއް ދޫކޮށްފަ އެވެ. ކަރިޝްމާ މިހާރު އެކްޓިންއާ ދުރުގައި ހުއްޓަސް އޭނާ އަކީ އަދިވެސް ބެލުންތެރިންގެ ހަނދާނުގައިވާ ބަތަލާއެކެވެ.

ކަރީނާ ބޮލީވުޑަށް ނުކުތީ 2000 ވަނަ އަހަރުގެ "ރެފިއުޖީ" އިންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އަކީ ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ބަތަލާ އެވެ.

ވަރަށް ގިނަ ބަޔަކު އަބަދު ވެސް އެންމެ އުންމީދުކުރާ އެއް ކަމަކީ ކަރިޝްމާ އާއި ކަރީނާ އެއް ފިލްމަކުން ފެނުމެވެ.

* ޝިލްޕާއި ޝަމީތާ

ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ޝިލްޕާ ޝެޓީ ބޮލީވުޑަށް ނުކުތީ ވަރުގަދަ ޑައިރެކްޓަރުންތަކެއްގެ ވަރުގަދަ ފިލްމަކާ އެކީގަ އެވެ. އެއީ ޝާހްރުކް ޚާން ބަތަލު ރޯލު ކުޅުނު އައްބާސް-މަސްތާންގެ 1993 ގެ "ބާޒީގަރް" އެވެ. އެ ފިލްމުގައި ޝިލްޕާ އާއި ކާޖޮލް އަކީ ދެބޭންނެވެ.

"ބާޒީގަރް" ވަރަށް ކާމިޔާބު ފިލްމަކަށް ވިޔަސް ޝިލްޕާ، 46، އަކީ ކެރިއަރުގައި މިހާތަނަށް ދެން އެހާ ކާމިޔާބު ފިލްމުތަކަކުން ފެނުނު ބަތަލާއެއް ނޫނެވެ. އޭނާގެ ހަނދާނާ ބެލުންތެރިން ގުޅެނީ 2000 ވަނަ އަހަރުގެ "ދަޅުކަން" އިންނެވެ. އެ ފިލްމަކީ މިހާތަނަށް ޝިލްްޕާ އަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ފިލްމެވެ.

އެކްޓިން އަށް މޮޅު ބަތަލާއަކަށް ވުރެ ބޮޑަށް ޝިލްޕާ އާންމުންގެ ތެރޭގައި މަޝްހޫރީ ވަރަށް ރީތި ހަށިގަނޑެއް ލިބިފައިވާ ލޫޅާފަތި ކަމަށް ބަދަލަށް ނާންނަ ބަތަލާއެއްގެ ގޮތުގަ އެވެ.

އޭނާއެކޭ އެއްގޮތަށް ކޮއްކޮ ޝަމީތާ ޝެޓީ، 42، އަށް ވެސް ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުނީ އާ ބަތަލާއަކަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކާ އެކީގަ އެވެ. ޝަމީތާގެ ފުރަތަމަ ފިލްމަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެނެސްދިން ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ދެވަނަ ފިލްމު 2000 ވަނަ އަހަރުގެ "މުހައްބަތޭން" އެވެ. މިއީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި އާ ތަރިން ވެސް ގިނަ އެވެ.

އެގޮތުން "މުހައްބަތޭން" ގައި ޝާހްރުކް، އަމީތާބް ބައްޗަން، އައިޝްވާރިއާ ރާއީގެ އިތުރުން ޖިމީ ޝެރްގިލް، އުދޭ ޗޯޕްޅާ، ކިމް ޝަރުމާ، ޖުގާން ހަންސްރާޖް އަދި ޕްރީތީ ޖާންގިއާނީ ހިމެނެ އެވެ.

މި ފިލްމަކ ވަރަށް ކާމިޔާބު ފިލްމެއް ނަމަވެސް ޝަމީތާ އަކީ ފަހުން ރަނގަޅު ފުރުސަތުތަކެއް ނުލިބި ވަރަށް އަވަހަށް ގެއްލުނު ބަތަލާއެކެވެ. ޝަމީތާ އާއި ޝިލްޕާ އެކީގައި 2005 ގެ "ފަރޭބް" ގައި މަސައްކަތްކޮށްފައިވެ އެވެ.

* ކާޖޮލް އާއި ތަނީޝާ

ކާޖޮލް އަކީ ހިންދީ ސިނަމާ މިހާތަނަށް ދުށް އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އޭނާ ތައާރަފުވީ 1992 ގެ "ބޭޚުދީ" އެވެ. އޭގެ ފަހުން ކާޖޮލް ކުޅުނު ފިލްމުތަކުގެ ތެރޭގައި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެތައް ފިލްމެއް ހިމެނެ އެވެ.

އެކްޓަރު އަޖޭ ދޭވްގަން އަންހެނުންނަކީ މިހާރު ވެސް ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އެކަމަކު ވަރަށް މަދުންނެވެ.

ކާޖޮލް، 46، ކިތަންމެ ކާމިޔާބު ބަތަލާއަކަށް ވިޔަސް އޭނާގެ ކޮއްކޮ ތަނީޝާ މުކަރްޖީ، 43، އަކީ ކާޖޮލްއާ ގާތްކުރާ ވަރުގެ ބަތަލާއެއް ނޫނެވެ. ކެރިއަރުގައި މިހާތަނަށް މާ ބޮޑު ސަމާލުކަމެއް ލިބުނު އެއްވެސް ފިލްމެއް ނެތެވެ. ތަނީޝާގެ ފުރަތަމަ ފިލްމަކީ 2003 ގެ "ޝޫޝޝ..." އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ނީލް އެންޑް ނިކީ" އާއި "ސަރުކާރު" ހިމެނެ އެވެ.

ކާޖޮލް އާއި ތަނީޝާ އަކީ ކުރީގެ މަޝްހޫރު ބަތަލާ ތަނޫޖާގެ ދެ ދަރިންނެވެ.

އަކްޝޭ އާއި ރާހުލް

އަކްޝޭ އާއި ރާހުލް ކަންނާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާނެ ދެ ދަރިންނެވެ.

ދެ ބެއިންގެ ތެރެއިން ހަގު އަކްޝޭ އަކީ ކުރިން ބޮލީވުޑްގައި ވަރަށް ކާމިޔާބު އެކްޓަރެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ބޯޑާ" އާއި "ދިލް ޗާތާ ހޭ" އާއި "ރޭސް" އާއި "ހަމްރާޒް" އަދި "ހަންގާމާ" އާއި "ހަލްޗަލް" ފަދަ އެތައް ފިލްމެކެވެ.

އަކްޝޭ، 46، މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އިރު، ގިނައިން ކުޅެނީ ސަޕޯޓިން ރޯލްތަކެވެ. އޭނާ ބޮލީވުޑަށް ނުކުތީ 1997 ގެ "ހިމާލަޔާ ޕުތުރާ" އިންނެވެ.

ރާހުލް އާއި އަކްޝޭ.

ބޭބެ ރާހުލް، 49، އަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދުނު އެކްޓަރެއް ނޫނެވެ. އޭނާ ގިނައިން ކުޅެފައި ހުރީ ސަޕޯޓިން ރޯލްތަކެވެ. ރާހުލްގެ ފުރަތަމަ ފިލްމަކީ އާމިރު ޚާން ލީޑް ރޯލު ކުޅުނު 1999 ގެ "1947 އާތު" އެވެ.

* ވިކީ އާއި ސަނީ

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ އެކްޓަރުންނަށް ބަލާ އިރު ވިކީ ކޯޝަލް އަކީ އެންމެ އުންމީދީ އެކެކެވެ. އޭނާ މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އިރު، ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ސޮއި ހޯދަން އެންމެ ބޮޑަށް ބޭނުންވާ އެކަކީ ވެސް ވިކީ އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ 33 އަހަރުގެ އެކްޓަރު ބޮލީވުޑަށް ނުކުތީ ސަޕޯޓިން ރޯލެއް ކުޅުނު 2010 ގެ "އުޅާން" އިންނެވެ. ލީޑް އެކްޓަރެއްގެ ގޮތުގައި ވިކީ ބެލުންތެރިންގެ ލޯބި ހޯދީ 2015 ގެ "މަސާން" އިންނެވެ. އޭގެ ފަހުން އޭނާ ވެފައި ވަނީ ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކަކަށެވެ.

މިހާރު ވެސް ވިކީގެ އަތުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ.

އޭނާގެ ކޮއްކޮ ސަނީ ކޯޝަލް، 32، އަކީ ވެސް މިހާރު އަރަމުން އަންނަ ތަރިއެކެވެ. ސަނީގެ ފުރަތަމަ ފިލްމަކީ 2016 ގެ "ސަންޝައިން މިއުޒިކް ޓުއާސް އެންޓް ޓްރެވެލްސް" އެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ގޯލްޑް" އާއި "ބަނގްރާ ޕާ ލޭ" ހިމެނެ އެވެ. ސަނީ އަކީ ޑައިރެކްޓަރު ކަބީރް ޚާންގެ ވެބް ސީރީޒް "ދަ ފޮގެޓްން އާމީ: އާޒާދީ ކޭ ލިޔޭ" ގެ ބަތަލެވެ.

އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހުދުރަންގް" އަދި "ޝިއްދަތު" ހިމެނެ އެވެ.

ވިކީ އާއި ސަނީގެ ވާހަކަ މި ފަހުން ދެކެވިފައި ހުރި ގޮތަށް ބަލާ އިރު، ވިކީ އުޅެނީ ބަތަލާ ކެޓްރީނާ ކައިފާ ރައްޓެހިވެގެންނެވެ. އަދި ސަނީ އުޅެނީ ކެޓްރީނާގެ ކޮއްކޮ އީޒަބެލް ކައިފާ ރައްޓެހިވެގެންނެވެ.

ވިކީ އާއި ސަނީގެ ބައްޕަ ޝާމް ކޯޝަލަކީ ހިންދީ ސިނަމާގެ ވަރުގަދަ އެކްޝަން ޑައިރެކްޓަރެކެވެ.

މި ތަރިންތަކުގެ އިތުރުން ވެސް ބޮލީވުޑުން އެއްބަނޑު އެއްބަފާ އެތައް ބަޔަކު ފެނިފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ބަތަލާއިން ކަމަށްވާ ޓްވިންކަލް އާއި ކޮއްކޮ ރިންކީ ކަންނާ އާއި އެ މީހުންގެ މަންމަ ޑިމްޕަލް ކަޕާޑިއާ އާއި އޭނާގެ ކޮއްކޮ ސަމްޕަލް ކަޕާޑިއާ އާއި އަޔޫޝްމަން ކްރާނާ އާއި ކޮއްކޮ އަޕަރްޝަކްތީ ކްރާނާ އާއި ތަނޫޝްރީ ދައްތާ އާއި އިޝިތާ ދައްތާ ޝްރަދާ ކަޕޫރާއި ބޭބެ ސިދާންތު ކަޕޫރް، ސަލްމާނާއި ކޮއްކޮއިން ކަމަށްވާ /އަރްބާޒާއި ސުހައިލް ޚާން ސޯނަމް ކަޕޫރާއި ކޮއްކޮ ހާޝްވަރްދަން ކަޕޫރް ފަދަ ތަރިން ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454