މާލޭގެ ރެސްޓޯރެންޓެއް: ފިހާަރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވާ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައި.--ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
01 ޖުލައި 2021 - 21:22
މާލެ ސަރަހައްދުގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވިޔަފާރިތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތަކަށް ސަރުކާރުން މިއަދުން ފެށިގެން ލުއި ދީފައިވާތީ ގެނައި ބަދަލެކެވެ. މިއާއެކު ކާފިއު ނޫން ވަގުތުތަކުގައި ފާހެއް ނެތަސް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. ނަމަވެސް ކާފިއު ވަގުތު އެ ހިދުމަތް ދެވޭނީ ފާސް އޮންނަ ފަރާތްތަކަށެވެ.
ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދިނުމަށާއި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހެއް ދޫކުރާނެ އެވެ. މި ފާސް ނެތް ވިޔަފާރިތަކުން ކާފިއު ވަގުތު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ޕޮލިސް ޕޯޓަލް މެދުވެރިކޮށް "މިސެލޭނިއަސް" ފާސް ނެގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ކުރިން ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ފާސް ދޫކުރި ނަމަވެސް މިއަދުން ފެށިގެން ވިޔަފާރިތަކަށް ފާސް ދޫކުރާނީ ފުލުހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
01 July 2021
ބިދޭސީން މަދުކުރަން މަސައްކަތުގެ ވަގުތު ކުޑަ ކުރަން ޖެހޭ!