އަނުޝްކާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ"
03 ޖުލައި 2021 - 08:00
ފިލްމެއްގައި މަސައްކަތް ނުކުރާތާ ތިން އަހަރުވާން ކައިރިވެފައިވާ ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މި އަހަރުގެ ފަހުކޮޅު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމަކީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އަނުޝްކާގެ އޭގެ ބައެއް މަސައްކަތްތައް ކުރި އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ބައޮގްރަފިކަލް ޑްރާމާ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަނީ ވާން ފަށައިފަ އެވެ.
މިއާ އެކު މި ފިލްމު ވަނީ މި އަހަރުގެ ކުރީކޮޅު އަލަތު ދަރިފުޅު ވިހޭ އަނުޝްކާ، ވިހެއުމަށް ފަހު މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އެންމެ ފަހުން ކުޅުނު ފިލްމަކީ ޝާހްރުކް ޚާނާއި ކެޓްރީނާ ކައިފާ އެކު ފެނިގެން ދިޔަ 2018 ގެ "ޒީރޯ" އެވެ. އެކަމަކު އެއީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބި ބޮކްސް އޮފީހުގައި ސުމަކުން ދިޔަ ފިލްމެކެވެ.
ޖޫލާންގެ ބައޮޕިކަކީ ސޮނީ ޕިކްޗާޒް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކަމަކު ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.
އިންޑިއާގެ އަންހެން ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޖޫލާން، 38، ގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާގެ އަންހެން ކްރިކެޓް ޓީމް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. ޖޫލާން ފާހަގަކުރެވުނީ އަންހެން ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ ހަލުވި ބޯލަރުގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy