ޚިޔާލު / ދީން

ދިރިއުޅުމުގެ އިމްތިހާނާއި ފިތުނައާ ހުރި ގުޅުން ދެނެގަތުން

އިންސާނާ އާއި ދިރިއުޅުމުގެ ހަޔާތާ ދެމެދު އޮންނަން ޖެހޭ ގުޅުމަކީ ދިރިއުޅުމަކީ އިމްތިހާނެއް ކަމުގައި ބަލައިގެން އެ އިމްތިހާނުން ފާސްވުމަށް މަސައްކަތް ކުރުމުގެ ގުޅުމެކެވެ. މި ދެންނެވި އިމްތިހާނުގެ މަފްހޫމަށް ބަލާއިރު އެއާ ވަރަށް ގުޅުން ހުރި އެހެން މަފްހޫމެއް ވެ އެވެ. އެއީ ފިތުނަ އެވެ. އެހެންކަމުން ފިތުނައިގެ މާނަ އާއި، ފިތުނައާއި ދިރިއުޅުމުގެ އިމްތިހާނާ ހުރި ގުޅުމަކީ ކޮބައިތޯ ބަލައިލަން ޖެހެ އެވެ.

ބަހުގެ ގޮތުން ބަލާއިރު ފިތުނައިގެ ތަފާތު މާނަތައް އޮވެ އެވެ. މި ހުރިހާ މާނަތަކުގެ ހުލާސާ އަކީ ފިތުނަ އަކީ، ހައްގުން އެއްކިބާ ކުރުވަނިވި، ނުވަތަ ބުއްދި އާއި މުދާވެރިކަން ފަދަ ކަންކަން ބީވެގެންދަނިވި ގޮތުގައި މެދުވެރިވާ ދިރިއުޅުމުގެ އިމްތިހާނުތަކެވެ. ކީރިތި ޤުރުއާނުގައި ފިތުނައިގެ ލަފުޒު 45 ފަހަރު އައިސްފައިވާ އިރު އެ ހުރިހާ ތަނެއްގައި ވެސް އެކުލެވިގެންވާ މާނައިގެ ހުލާސާ އަކީ ފިތުނައަކީ، ދިރިއުޅުމުގެ އިމްތިހާނުގެ ދަނޑިވަޅުތަކުގައި ނާކާމިޔާބުވެ ކުށްތަކާއި ފާފަތަކަށް އަރައިގަތުން ނުވަތަ މަގުން ކައްސާލުމެވެ. އަދި މިކަމުގެ ނުބައި އަސަރު އެ މީހަކަށާއި އެހެން އެތައް ބަޔަކަށް ފެތުރިގެން ދިއުމެވެ.

ކީރިތި ޤުރުއާނުގެ އަލްއަންފާލު ސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވެ ތިބުމަށެވެ. އެ އާޔަތުން ދޭހަވާ ގޮތުގައި ފިތުނަ އައިސް ޖެހިދަނީ އަނިޔާވެރި ވީ މީހުންނަށް އެކަންޏެއް ނޫނެވެ. އެތައް ބަޔަކަށް އެ ފިތުނަ ފެތުރިގެންދެ އެވެ. ފިތުނައިގެ މަސްދަރަކީ ދިރިއުޅުމުގެ އިމްތިހާނު ކަމުގައިވާ ހިނދު މި އިމްތިހާނުގެ ހަގީގަތާއި އޭގެ ފަހަތުގައިވާ ހިކުމަތް ދެނެ ނުގަނެވިއްޖެ ނަމަ ފިތުނައިގައި ޖެހުން ވަރަށް ގާތެވެ. ސަބަބަކީ ހެޔޮ ކަމަކުން މީހަކު އިމްތިހާނު ކުރެވިއްޖެ ނަމަ އެއީ ﷲ އޭނާ މާތް ކުރެއްވީ ކަމަށް ބެލެވޭތީ އެވެ. އަދި ނުބައި ކަމަކުން އިމްތިހާނު ކުރައްވައިފި ނަމަ އެއީ ﷲ އޭނާ ނިކަމެތި ކުރެއްވީ ކަމަށް ބެލެވޭތީ އެވެ. (އަލްފަޖްރު 15-16).

ކީރިތި ޤުރުއާނުގައި ފިތުނައިގެ ލަފުޒު 45 ފަހަރު އައިސްފައިވާ އިރު އެ ހުރިހާ ތަނެއްގައި ވެސް އެކުލެވިގެންވާ މާނައިގެ ހުލާސާ އަކީ ފިތުނައަކީ، ދިރިއުޅުމުގެ އިމްތިހާނުގެ ދަނޑިވަޅުތަކުގައި ނާކާމިޔާބުވެ ކުށްތަކާއި ފާފަތަކަށް އަރައިގަތުން ނުވަތަ މަގުން ކައްސާލުމެވެ.

އިމްތިހާނުގެ މަފްހޫމް މިގޮތަށް ބަލައިފި ނަމަ ހެޔޮ ކަމަކުން އިމްތިހާނު ކުރެވޭ ހިނދު ބޮޑާވެ ފަހުރުވެރިވެ، ތިމާ މިހުރީ ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ހާސިލުކޮށްގެން ކަމަށް ދެކި، ތިމާ ކޮންމެ ފަދަ ގޮތަކަށް އުޅުނަސް މައްސަލައެއް ނޯންނާނެ ކަމަށް ހީކުރެވެ އެވެ. ﷲ އަށް ޝުކުރު ކުރުމާއި އެކަލާނގެ އަށް ކިޔަމަން ގަތުން ހަނދާން ނެތިދެ އެވެ. ތިމާ އަށް މި ދަރަޖަ މި ލިބުނީ ތިމާގެ ހުރި މޮޅު ކަމުން ކަމަށް ދެކެ އެވެ. މީގެ އަނެއް ކޮޅަށް ބަލާއިރު ނުބައި ކަމަކުން އިމްތިހާނު ކުރެވޭ ހިނދު އަމިއްލަ ނަފްސުގެ އަގު ދަށްކޮށް މާޔޫސް ކަމާއި ކަންބޮޑުވެ ހާސްވުމުގެ ތެރެއަށް ވަދެވެ އެވެ. ތިމާ މިހުރީ ﷲ ގެ ރަހުމަތުން ބޭރަށް ލެވިފައި ކަމަށާއި ދެން ﷲ ގެ ލޯބި ލިބޭނެ ގޮތެއް ނެތް ކަމަށް ގަބޫލު ކުރެވެ އެވެ. އާޚިރު ނަތީޖާ އަކީ ފިތުނައިގެ ތެރެއަށް ވަދެވުމެވެ.

އިންސާނާގެ ނަފްސަށާއި ސުލޫކަށް އަންނަ މި ގަޑުބަޑު ކީރިތި ޤުރުއާނުގައި އެތައް ތަނެއްގައި ބަޔާން ކުރައްވާފައި ވެ އެވެ. މިގޮތުން އައްރޫމް ސޫރަތުގެ 56 ވަނަ އާޔަތުގައި ބަޔާން ކުރައްވަނީ "އަދި ތިމަން ﷲ މީސްތަކުންނަށް ރަޙުމަތެއްގެ ރަހަ ދައްކަވައިފި ނަމަ އެއާ މެދު އެއުރެން އުފާ ކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުޅަ ކަންތައްތަކެއްގެ ސަބަބުން، އެއުރެންނަށް ނުބައި ކަމެއް ދިމާވެއްޖެ ނަމަ އެހިނދު އުއްމީދު ކަނޑާލާ ބަޔަކު ކަމުގައި އެއުރެން ވޫ އެވެ." ފުއްސިލަތުގެ ސޫރަތުގެ 49 ވަނަ އާޔަތުން އެނގޭ ގޮތުގައި ހެޔޮކަންތަކަށް ދުއާ ކުރަން އިންސާނާ ފޫއްސެއް ނުވެ އެވެ. އެކަމަކު ނުބައިކަމެއް ހަމަ ޖެހިދާ ހިނދުން އުންމީދު ކެނޑި ހިތްމަރުވެފައިވާ މީހަކަށް އިންސާނާ ވެދެ އެވެ. މިއާ ޖެހިގެން އޮތް ދެ އާޔަތުގައި މި އިންސާނާގެ ހާލަތާއި ސުލޫކު އިތުރަށް ޝަރަހަ ކުރައްވާފައި ވެ އެވެ.

ދިރިއުޅުމުގެ އިމްތިހާނު އިންސާނާ އަށް ތަސައްވުރު ކުރެވޭ ގޮތަކުން މިފަދަ ހާލަތަކަށް އިންސާނާ ދާނަމަ އޭނާގެ ޢަޤީދާ އަށާއި އަޚްލާޤަށާއި އިޖުތިމާއީ ގުޅުންތަކަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ އެވެ. މިސާލަކަށް ހެޔޮ ކަމަކުން އިމްތިހާނު ކުރެވުން އެއީ ﷲ އޭނާ އަށް ރުހިވޮޑިގެން ވުމުގެ ދަލީލެއް ކަމަށް ބަލައިފި ނަމަ ނުބައި ކަންކަން ނައްތާލުމަށްޓަކައި ހެޔޮކަންކަން ކުރުމަށް މީހާ ކަންނެއް ވާނެއެވެ. ތިމާގެ އަމަލުތައް ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ރަގަޅު ގޮތެއް ކަމަށް ދެކޭނެ އެވެ. އަމިއްލަ ސުލޫކު މުރާޤަބާ (އޮބްޒާވް) ކުރަން ހަނދާނެއް ނުހުންނާނެ އެވެ. ކުށެއް ކުރެވޭ ކަމަށް ވެސް ގަބޫލެއް ނުކުރާނެ އެވެ. މި ޣާފިލު ކަމުގެ ނަތީޖާ އެއްގެ ގޮތުން ނުބައި ކަންކަމަށް ނަސްރުދޭން ވެސް ފަހެއް ނުޖެހޭނެ އެވެ. ﷲ ގެ ހައްދުތަކަށް އަރައިގަންނަން ޖެހިލުމެއް ނުވާނެ އެވެ.

"އަދި ތިމަން ﷲ މީސްތަކުންނަށް ރަޙުމަތެއްގެ ރަހަ ދައްކަވައިފި ނަމަ އެއާ މެދު އެއުރެން އުފާ ކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުޅަ ކަންތައްތަކެއްގެ ސަބަބުން، އެއުރެންނަށް ނުބައި ކަމެއް ދިމާވެއްޖެ ނަމަ އެހިނދު އުއްމީދު ކަނޑާލާ ބަޔަކު ކަމުގައި އެއުރެން ވޫ އެވެ." --އައްރޫމް ސޫރަތުގެ 56 ވަނަ އާޔަތް

ހަމަ މިފަދައިން ނުބައި ކަމަކުން އިމްތިހާނު ކުރެވުން އެއީ ﷲ އޭނާ ނިކަމެތި ކުރެއްވުމާއި އޭނާ އަށް އެކަލާނގެ ނުރުހުންތެރިވެ ވޮޑިގެންނެވި ކަމުގެ ދަލީލެއް ކަމަށް ބަލައިފި ނަމަ ނަފްސުގެ އަގު ދަށްކޮށް ތިމާ އަކީ ނުބައި ކަންކަން ނައްތާލުމަށް ގާބިލު މީހެއް ނޫން ކަމަށް ދެކޭނެ އެވެ. ދިރިއުޅުމުގެ ހަޔާތުގައި ގަދައަޅައި މަސައްކަތް ކުރުމުގެ ބަދަލުގައި ނުކުޅެދުންތެރިކަން އިހުސާސްކޮށް ކަންނެތް ވެދެ އެވެ.

ފިތުނައިގެ އިމްތިހާނުތައް ވަރަށް ގިނަ އޭރިއާތަކުން ފެނިގެން ދެ އެވެ. މިގޮތުން ވިސްނުމާއި ޢަޤީދާގެ ފިތުނަ ހިމެނެ އެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ގިނަ ފިތުނަތައް ގުޅިފައި ވަނީ މި އޭރިއާ އަށެވެ. މީގެ އިތުރުން މުދަލާއި ދަރިންގެ ފިތުނަ ހިމެނެ އެވެ. ޖާހާއި އާރާއި ބާރު ގެ ފިތުނަ ހިމެނެ އެވެ. އަންހެނުންނާއި ފިރިހެނުންގެ ފިތުނަ ހިމެނެ އެވެ. ހިޔާލު ތަފާތުވުމުގެ ތެރެއިން އުފެދޭ ފިތުނަ ހިމެނެ އެވެ. އަޚްލާޤީ ފިތުނަ ހިމެނެ އެވެ. މިފަދަ ފިތުނަތަކުން ސަލާމަތް ނުވެވޭ މީހުންގެ މުސްތަގުބަލުގެ ތަސައްވުރު ހަދީސް ފޮތްތަކުގައި ފިތުނައާ ގުޅޭ ބާބުތަކުގައި ބަޔާންކުރެވިފައި ވެ އެވެ.

މި ހާލަތަށް އިންސާނާ ދާން މެދުވެރި ކުރުވާ އެންމެ ބޮޑު ސަބަބަކީ ދިރިއުޅުމުގެ ހަޔާތާ އިންސާނާ އާ މި އޮންނަ އިމްތިހާނީ ގުޅުމުގެ ރަނގަޅު ތަސައްވުރެއް ނެތުމެވެ. ތަރުބިޔަތު ކުރުމުގެ ތެރެއިން ދިރިއުޅުމުގެ އިމްތިހާނުގެ ހަގީގަތްތައް ދަސްކޮށްދެވިފައި ނެތުމެވެ. ނުބައި ކަންކަމުން އިންސާނާ އަށް ކުރެވޭ އިމްތިހާނަށް އެކަނި ވިސްނައި މުޅި ދިރިއުޅުމަކީ "ނުބައި" ކަމަށް ބަލަން އާދަވެފައި ތިބުމެވެ. މިގޮތުން އިންސާނާ އަށް އޮތީ ހަމައެކަނި ކެތްކޮށްގެން ހުރުން ކަމަށް ތަސައްވުރު ކޮށްދެވިފައި އޮތުމެވެ. ނުބައި ނައްތާލަން މަސައްކަތް ކުރުމުގެ ބަދަލުގައި ނުބަޔަށް ތިމާ ލެނބެން ދަސްވެފައި ވުމެވެ. ކެތްތެރި ވުމަކީ އެއީ ކަމަށް ދެކުމެވެ.

ފުއްސިލަތުގެ ސޫރަތުގެ 49 ވަނަ އާޔަތުން އެނގޭ ގޮތުގައި ހެޔޮކަންތަކަށް ދުއާ ކުރަން އިންސާނާ ފޫއްސެއް ނުވެ އެވެ. އެކަމަކު ނުބައިކަމެއް ހަމަ ޖެހިދާ ހިނދުން އުންމީދު ކެނޑި ހިތްމަރުވެފައިވާ މީހަކަށް އިންސާނާ ވެދެ އެވެ

މީގެ އިތުރުން މިކަމާ ގުޅުންހުރި އެހެން ބައެއް މަފްހޫމުތައް ވެސް މުޅިން އިދިކޮޅަށް މާނަ ނެގުމެވެ. މިގޮތުން މިސާލަކަށް ޒާހިދުކަން އެއީ ފަގީރުކަން ކަމަށާއި އެއީ މަސައްކަތެއް ނެތިފައި ތިބެން ދައްކާ އުޒުރަކަށް ހެދުމެވެ. ވަކީލު ކުރުމަކީ ސަބަބުތަކުގައި ނުހިފައި ކަންނެއްކަން މަތީ ހުރުމަށް އޮތް ކަމެއް ކަމަށް ދެކުމެވެ. ކަމެއް ކުރުމުގައި "އިރާދަ ކުރެއްވިއްޔާ" އޭ ބުނާ ބުނުން އެއީ އެކަން ނުކުރާނެ ކަމުގެ ދަލީލެއް ކަމަށް ބެލުމެވެ. ހަމަ މި މޭރުމުން އަނެއްކޮޅުން ބަލާ އިރު ރަނގަޅު ކަންކަމުން ކުރެވޭ އިމްތިހާނަށް އެކަނި ބަލައި ދިރިއުޅުމަކީ އުފަލާއި މަޖަލާއި އަރާމު ކުރުން ކަމަށް ދެކުމެވެ. ޤާރޫނުގެ މަންހަޖު ކޮޕީކޮށް އާޚިރަތުގެ މަތިން ހަނދާން ނައްތާލައި ހަމައެކަނި ދުނިޔެ އަށް ވިސްނުމެވެ. ﷲ ގެ ނިޢުމަތްތަކުގެ އަސަރު ފެނުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށް އޮންނަ ހަދީސް ގެ މާނަ ވެސް އެކޮޅުކޮޅުން ޖަހައި އޭގެ މާނައަކީ ތިމާ ހިތު ހުރި ގޮތަކަށް އިސްރާފުކޮށް ދިރިއުޅުމުގައި މަޖާ ނެގުން ކަމަށް ދެކުމެވެ. އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުޘްމާނުގެފާނު ފަދަ ބޭފުޅުން މިކަމުގައި ގެންގުޅުއްވި މަންހަޖު ހަނދާން ނައްތާލުމެވެ.

ވީމާ މިކަންކަމުން ސަލާމްތަވުމަށްޓަކައި ދިރިއުޅުމުގެ އިމްތިހާނާއި ފިތުނައާ ހުރި ގުޅުން މި ބަޔާންކުރި ގޮތުގެ އަލީގައި ދެނެގަނެ، ދިރިއުޅުން އެގޮތަށް ބައްޓަން ކުރުން ވަރަށް މުހިންމެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454