ރިޕޯޓް / ސްކޫލް

ދަރިވަރުން ތިބީ އަލުން ސްކޫލަށް ގޮސް ކިޔަވަން ކެތްމަދުވެފައި

ްކޮވިޑް ފެތުރެމުން ދިޔައިރު ދަރިވަރުންތަކެއް ސްކޫލަށް ދަނީ: ކޮވިޑާ ހެދި ގިނަ ދުވަހު ކިޔެވީ ގޭތެރޭގައި ތިބެގެން -- ފައިލް ފޮޓޯ: މިހާރު

މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާ އެކު ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު އަހަރެވެ. މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖުލައި އެއް ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖޭގެ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ފެށި ނަމަވެސް ފަހުން ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިޔުމާ އެކު ދިން ލުއިތަކުގެ ދަށުން މާލޭ ސަރަހައްދު ފިޔަވައި ރަށްރަށުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ފެށި އެވެ.

އޭރު މާލޭގައި ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނީ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށެެވެ. އެކަމަކު ދޭތެރެއަކުން ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމުގެ ނަތީޖާއަކީ މި ގްރޭޑްތަކުގެ ކިޔެވުން ވެސް މާލޭ ސަރަހައްދުގައި އޮންލައިން ކުރުމެވެ. އެ ދަރިވަރުންނަށް މިދިޔަ އަހަރުގެ އިމްތިހާނުތައް ވެސް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

މިދިޔަ ދިރާސީ އަހަރު މި ގޮތަށް ނިންމާލަން ޖެހުނަސް، އަންނަ އަންގާރަ ދުވަހު ފަށާ އާ ދިރާސީ އަހަރު ކިޔެވުން ފެށޭނީ ސްކޫލުތަކުގައި ކަމަށް ބެލެނިވެރިން އުންމީދުކުރެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ތިބެގެން ކިޔެވުމަށް ފަހު، އަނބުރާ ސްކޫލަށް ދާން ކައިރިވެފައިވާ އިރު، އެކަމާ ގުޅިގެން ހުރިހާ ދަރިވަރުންގެ އުންމީދަކީ ސްކޫލަށް ގޮސްގެން ކިޔެވުމެވެ. ރަހުމަތްތެރިންނާ ދިމާވެ، ކުރިއެކޭ އެއްގޮތަށް ކިޔަވަން ހުރިހާ ކުދިން ވެސް ބޭނުމެވެ.

ގޭގައި އަބަދު ތިބެން ފޫހިވޭ، ބޭނުމީ ސްކޫލަށް ގޮސް ރައްޓެހިންނާ ދިމާވެލަން

ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގައި މިދިޔަ އަހަރު ކިޔެވި ދަރިވަރަކު ބުނި ގޮތުގައި އޭނާ ސްކޫލަށް ގޮސް ކިޔަވަން އެންމެ ބޭނުންވާ ސަބަބަކީ އެކުވެރިންނާއި ބައްދަލުވުމުގެ އިތުރުން ގޭގައި ކިޔެވުމަށް ވުރެ ސްކޫލަށް ގޮސްގެން ކިޔަވަން ފަސޭހަވީމަ އެވެ.

ކުދިންތަކެއް ސްކޫލުގައި: މުޅިން ތަފާތު މާހައުލެއް -- ފައިލް ފޮޓޯ: މިހާރު

އެކަމަކު ކޮވިޑްގެ ތެރޭގައި ސްކޫލަށް ގޮސްގެން ވެސް ކިޔަވަން އެންމެ އުނދަގޫ ސަބަބެއްގެ ގޮތުގައި އެ ކުއްޖާ ފާހަގަކުރީ އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ދެމެދުގައި ތިން ވަރަކަށް ފޫޓުގެ ދުރުމިނެއްގައި ތިބެން ޖެހުމެވެ. އެއީ ކައިރީގައި އިންނަ ގާތް އެކުވެރިޔާއާ ވެސް ވާހަކަ ދައްކާ ނުލެވި ސްކޫލު ގަޑީގައި ވެސް އިންނަން ޖެހުން ކަމަށް އެ ކުއްޖާ ބުންޏެވެ.

"ދުރުގަ ތިބެން ޖެހުނަސް އޯކޭ ދެން، ރައްޓެހިންނާ ވެސް ދިމާވާނެތާ ކޮންމެވެސް ގޮތަކަށް. އަދި ކުލާހަށް ގޮސްގެން ކިޔަވަން ވެސް މާ ފަސޭހަ."

އަރަބިއްޔާ ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރަކު ވެސް ބުނީ އެހާ ގިނަ ދުވަސް ވަންދެން ސްކޫލަށް ނުގޮސް ގޭގައި އިންނަން ޖެހުމުން ފޫހިވެފައިވާ ކަމަށެވެ. ރައްޓެހިންނާ ބައްދަލު ނުވެ، އަދި ކޮވިޑާ ހެދި ކުރިން ބޭރުގައި އުޅުން ގޮތަށް ބޭރަށް ނުދެވި، ޗުއްޓީތެރޭގައި ވެސް ޗުއްޓީއެއްގެ އިހުސާސް ނުކުރެވުނު ކަމަށް އެ ކުއްޖާ ބުންޏެވެ.

އޭނާ ބުނީ ކުލާހުގައި އިނދެ ޓީޗަރު ކިޔަވައިދޭ އެއްޗެއް އަޑުއަހައިގެން ފިލާވަޅުތައް ދެނެގަންނަން މާ ފަސޭހަ ކަމަށެވެ. އޮންލައިންކޮށް ކިޔަވާއިރު ޓީޗަރުގެ ފަރާތުން ހުރިހާ ކުދިންނަށް ސަމާލުކަން ނުލިބޭ ކަމަށާއި ކުދިން ކުރާ ނުކުރާ ކަމެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އެއީ އޮންލައިން ވެގެން ތިބެން ޖެހުނަސް، ކެމެރާ އޮން ކުރަން އެ ކުދިންނަށް މަޖުބޫރު ނުވާތީ އެވެ.

"ގޭގެ ހަތަރު ފާރުގެ ތެރޭގައި ބަންދުވެފައި މި އިންނަނީ އަބަދުވެސް. ސްކޫލަށް ދާން ބޭނުމަކީ. ކްލާސް ކުދިނާ ދިމާވެލަން،" އަރަބިއްޔާ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކު ބުންޏެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި އޮންލައިންކޮށް މުޅި އަހަރު ކިޔެވުން ކުރިއަށް ގެންދަން ޖެހުމުން ދަރިފުޅު ހުރީ ވަރަށް ބޮޑަށް ކިޔެވުން މަތިން ފޫހިވެފަ އެވެ. އެކަނި އިނދެ ޓީޗަރު ދޭ ފިލާވަޅުތައް ނިންމަން ޖެހުމާއި ސްކޫލުގެ އެކުވެރިންނާ ދިމާނުވެ ކިޔަވަން ޖެހުމަކީ ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެނާ ފާހަގަކުރި އެވެ.

އެ ބެލެނިވެރިޔާ ބުނީ ސްކޫލުގެ މާހައުލުގައި ދަރިވަރަށް ކިޔަވަން ފަސޭހަ ވަނީ އެކި ކުދިންނަކީ އެކި ސްޓައިލުގައި ކިޔަވާ ކުދިންނަށް ވެފައި ޓީޗަރަށް ވެސް ދަރިވަރުންނަށް ރަނގަޅަށް އަޅާލެވޭނީ ކައިރީގައި ތިބެގެން ކިޔަވައިދޭ ނަމަ ކަމަށެވެ.

މާލޭގެ ސްކޫލުތަކުގެ އިތުރުން ބައެއް ރަށްރަށް ވެސް ކޮވިޑާ ހެދި މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުނެވެ. މިހެންވެ، އެ ގޮތަށް މޮނިޓަރިންނަށް ގެންނަ ރަށްރަށުގެ ސްކޫލުތައް ވެސް ބަންދުކުރެ އެވެ. އެ ދަރިވަރުންގެ ކިޔެވުން ވެސް ކުރިއަށް ގެންދަން ޖެހެނީ އޮންލައިންކޮށެވެ.

ކުރިން އެ ކުދިން އެންމެ އިންތިޒާރުކުރަނީ ބޮޑު ޗުއްޓީ އަށް ނަމަވެސް މިފަހަރު ކޮވިޑާ ހެދި ޗުއްޓީ އެ ކުދިން ބޭނުމެއް ވެސް ނުވެ އެވެ. ބޭރަށް ނުގޮސް، ގޭގައި ބަންދުވެފައި ތިބެން ޖެހުމުން އެ ކުދިން ބޭނުމީ ސްކޫލަށް ގޮސް ރައްޓެހިންނާ ދިމާވެލައި، ވާހަކަތައް ހިއްސާކުރާށެވެ. މި ޗުއްޓީ ނިންމާލައި، އެ ކުދިން ތިބީ އަވަހަށް ސްކޫލަށް ގޮސް އެކުވެރިންނާ ބައްދަލުކުރާ ހިތުން ކެތްމަދުވެފަ އެވެ.

ކޮވިޑާ ހެދި ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ގޮތަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މިހާރު ސްކޫލު ދޮރާށިން ވައްދަނީ ކުދިންގެ ހުން ބަލައި ސެނިޓައިޒް ކުރުމަށް ފަހު އެވެ. ކުރިން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ޖެހިޖެހިގެން ތިބި ނަމަވެސް މިހާރު ކޮންމެ ދަރިވަރެއްގެ ދެމެދުގައި ތިން ވަރަކަށް ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހެ އެވެ. ބަލީގެ އަލާމާތެއް ހުރެއްޖެ ނަމަ، ސްކޫލަށް ނުގެންދިއުމަށް ވެސް އަންގާފައިވާއިރު ކުއްޖެއްގެ ކިބައިން އެފަދަ އަލާމާތެއް ފެނުނަސް އެ ކުއްޖަކު އަނބުރާ ގެއަށް ފޮނުވައިލަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ގިނަ ބަޔަކު ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައި ތިބޭނެ ކަމަށް ބެލެވުނަސް، ސްކޫލުތަކުގައި އަޅާފައިވާ މި ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބެލެވެ އެވެ. އެއީ އަދިވެސް މި ބަލީގެ ބިރުވެރިކަން ދިވެހިންގެ ތެރެއިން ފިލައިގެން ނުދިއުމެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖހދސސ

05 August 2021

ކޮވިޑްގެ ކުރިން އަހަރެންގެ 10 އަހަރުގެ ދަރިފުޅަކީ ވ ސްކޫލަށްދާހިތްވާ ކުއްޖެއް. މިހާރު ސްކޫލަށް ދާހިތެއްވެސް ނުވެޔޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454