05 ޖުލައި 2021 - 16:44
މި އަހަރުގެ މާޗް މަހުގެ ތެރޭގައި މިސްރުގެ ސުއޭޒް ކެނަލް އަށް ހުރަސްވި ކޮންޓޭނަރު އުފުލާ ބިޔަ ބޯޓު، އެވަ ގިވަން މިނިވަންކޮށް ދޫކޮށްލުމާ މެދު، އެ ބޯޓު ދުއްވާ ޖަޕާނުގެ ކުންފުންޏާއި މިސްރުގެ ސުއޭޒް ކެނެލް އިދާރާ އިން އެއްބަސްވުމަށް އަތުވެއްޖެ އެވެ.
ސުއޭޒް ކެނެލް އިދާރާ އިން މިއަދު ބުނި ގޮތުގައި ދެ ފަރާތުން ވެސް މިހާރު ރުހިފައިވާ ގޮތަށް އެކުލަވައިލި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ މި ހަފުތާގެ ބުދަ ދުވަހު، އިސްމާއީލިއްޔާގެ ބަނދަރުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ބޯޓުގެ މިލްކުވެރި ކުންފުނި ކަމަށްވާ ޖަޕާނުގެ ޝޮއެއީ ކިސެން ކައިޝާ އާއި ސުއޭޒް ކެނެލް އިދާރާއާ ދެމެދު އެއްބަސްވެވުނު ގޮތެއް ދެ ފަރާތުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ސުއޭޒް ކެނަލް އަށް އެވަ ގިވަން ހުރަސްވެ، އޭގެ ދިރުނބާކޮޅު ސުއޭޒް ކެނެލްގެ ގޮނޑުދޮށަށް ބީހުމާ ގުޅިގެން، އެ ބޯޓު ފުން ނުކުރެވި ހަފުތާއެއް ދުވަސް ހޭދަވެ، ސުއޭޒް ކެނެލްގެ ދަތުރުތައް ހަފުތާއަކަށް ހުއްޓުނެވެ. އޭގެ ސަބަބުން މިސްރަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބުނެވެ.
އެ ހާދިސާއާ ގުޅިގެން، މިސްރު ސަރުކާރުން އެ ބޯޓު ހިފެހެއްޓީ، އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައިގައި، ސުއޭޒް ކެނެލް އިދާރާ އާއި ބޯޓުގެ މިލްކުވެރި ކުންފުންޏާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ދެ ފަރާތުގެ މެދުގައި މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ގޮތަށް ދެ ފަރާތުން ސޮއިކުރުމާ އެކު، މިހަފުތާގެ ބުދަ ދުވަހު އެ ބޯޓު ދޫކޮށްލާނެ އެވެ. އެވަ ގިވެން އަކީ ޖަޕާނު ކުންފުންޏެއްގެ ބޯޓަކަށް ވިޔަސް، މިހާދިސާ ހިނގި އިރު ބޯޓު ދުއްވަމުން އައީ ޕެނަމާ ކުންފުންޏަކުން ކުއްޔަށް ނަގައިގެންނެވެ.
މި ހާދިސާއާ ގުޅިގެން ހިފެހެއްޓި އެވަ ގިވެން ދޫކޮށްލުން ލަސްވީ، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސުއޭޒް ކެނެލް އިދާރާ އިން ހޯދަން ބޭނުންވި ފައިސާގެ އަދަދު ބޮޑުކަމުންނެވެ. އޭގެ ތެރޭގައި، ބޯޓު ފުންކުރުމަށް ދިޔަ ހަރަދާއި، ބޯޓު ހުރަސްވެ ދަތުރުތައް ކެންސަލްވުމުން ނުލިބުނު ފައިސާ އާއި، އެ މުއްދަތުގައި ޓްރާންސިޓް ފީގެ ގޮތުގައި ލިބޭނެ ފައިސާ ވެސް ހިމެނެ އެވެ. އެ ހުރިހާ ފައިސާއެއް ނުލިބުނީ އެވަ ގިވެން، ސުއޭޒް ކެނެލަށް ހުރަސްވެ، ހަފުތާއެއް ވަންދެން އެހެން އެއްވެސް ބޯޓަކަށް އެ ކެނަލްގެ ތެރެއިން ދަތުރު ނުކުރެވެމުންނެވެ.
އެވަ ގިވެންގެ މައްސަލައިގައި ސުއޭޒް ކެނެލް އިދާރާ އިން އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި ހުށަހެޅީ 916 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް ޖަޕާނުގެ ކުންފުނިން އެ އަދަދަށް ދެކޮޅު ހެދުމުން، ފަހުން އެ އަދަދު ވަނީ 550 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.
އެވަ ގިވެން ސުއޭޒް ކެނެލަށް ހުރަސްވީ މި އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. ބޯޓު ފުންކޮށް އެ ތަނުން ނެގުނީ، އޭގެ ހަ ދުވަސް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވީރު
05 July 2021
ފެށުނީސްސުރެ ހުރިހާ ހަބަރެއްގަ ބޯޓް ގެ ނަމަށް “އެވަރ ގިވަން”ތިޖަހަނީ ކީއްވެތަ؟. ބޯޓްގަ އެހާ ބޮޑުކޮށް އެވަރގްރީން ޖަހާފަ އޮންނަ އިރުވެސް
ރަދީފްއޮފިޝިއަލް
05 July 2021
އެވާގްރީން އެއީ ބޯޓު އޮޕަރޭޓްކުރާ ކުންފުނީގެ ނަން.ބޯޓުގެ ނަމަކީ އެވަ ގިވަން.މިމިންވަރުން ސާފުވެއްޖެކަމަށް އުއްމީދުކުރަން.{މަނިކްފާނު ދުއްވާ ސައިކަލްގަ ހޮންޑާ މިހެން ޖަހާފަ އޮތަސް މަނިކްފާނަކަށް ހޮންޑާއޭ ނުކިޔާނެ ދޯ.ޖަސްޓް ކިޑިން އިނގޭ} .ވ.ވެދުން
ހުސޭނުބޭ
05 July 2021
އެބޯޓަށް އެވާ ގިވެން ކިއާތީ އެހެން އެޖަހަނީ. އެވަރގުރީން އެއީ މަހިތަކުން އޮޕަރެޓް ކުރާ ކުންފުނީގެ ނަން. އެހެންވެ ބޮޑުކޮށް ޖަހާފަ އެއޮންނަނީ. އެވަރގިވެން ޖަހާފަ އޮވޭ ހީވާގޮތުން ކުޑަކޮށް ބޯޓްގެ ކުރީ ކޮޅުގަޔާއި ފަހަތުގަ.
ރަދީފްއޮފިޝިއަލް
05 July 2021
ބައެއްގެ ޖީބަށް ވަރުގަދަ ކޮމިޝަނެއް ލިބޭނެކަން ކަށަވަރުވެ ޔަގީންވޭ.ފިރުއައުނު އަދި ގާރޫނު އުޅުނު ގައުމު ދޯ.އެެހެންވީމަ ކަޓް ނަގާނެ.އެވެދާނެ 4 ފޮށި ރަަނަށް ވެސް.ފޮށީގެ ސައިޒަކަށް ވެދާނެ މުށެއް ގުނަކުރަން މުށެއް.ހެހެހެހެހެ.ވ.ވެދުން
ސީމަން
05 July 2021
ކަލެއަށް ކަޓެއްނުލިބޭތަ؟