ހިލަރީ ކްލިންޓަން ސަޕޯޓަރުންނަށް އިޝާރާތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
24 ނޮވެމްބަރ 2016 - 11:10
ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހިލަރީ ކްލިންޓަން ހޯއްދަވާފައިވާ ކަމަށް މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.
ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވީ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާ އިން ކުރި ހޯއްދަވައިގެންނެވެ. ޓްރަމްޕަށް ވަނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. އަދި އަންނަ ޖެނުއަރީ މަހު ވެރިކަމުގެ ހުވާ ޓްރަމްޕް ކުރައްވާނެ އެވެ.
އިންތިޚާބުގެ ބޭއްވިތާ ދެ ހަފުތާ ފަހުން އަދިވެސް ބައެއް ވޯޓު ގުނަމުންދާ އިރު މިހާތަނަށް 64.2 މިލިއަން ވޯޓު ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ.
ހިލަރީ ކްލިންޓަނާއި ރައީސް އޮބާމާ، ރައީސް ބިލް ކްލިންޓަން ކެމްޕޭނުގައި ފިލެޑެލްފިއާގެ ސްޓޭޖުގައި. --ފޮޓޯ:އޭއެފްޕީ
މިއީ އާއްމުންގެ ވޯޓު އިތުރަށް ލިބި ވެރިކަމަށް ކެންޑިޑޭޓަކު ނުހޮވުނު ފަސް ވަނަ ފަހަރެވެ. މި ފަހުން މިފަދަ ކަމެއް ދިމާވެފައި ވަނީ 2000 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ އަށެވެ. ރިޕަބްލިކަން ކެންޑިޑޭޓް ޖޯޖް ޑަބްލިއު. ބުޝް އަށް ވުރެ އިތުރަށް އަލް ގޯ 544،000 ވޯޓު ހޯއްދެވި ނަމަވެސް ބުޝް ވެސް ވެރިކަމަށް ވަޑައިގެންނެވީ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ވޯޓުގައި މައްސަލަ ޖެހުނު ފްލޮރިޑާ ސްޓޭޓުގެ މައްސަލަ ސްޕްރީމް ކޯޓާ ހަމައަށް ގެންގޮސް އެންމެ ފަހުން ކޯޓުން ނިންމީ އެ ސްޓޭޓުގެ ވޯޓު ކާމިޔާބުކޮށްފައި ވަނީ ބުޝް ކަމަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ކެލިފޯނިއާ ފަދަ ސްޓޭޓްތަކުން ހިލަރީ ވަނީ ބޮޑު ކާމިޔާބެއް ހޯއްދަވައިފަ އެވެ. ޓްރަމްޕް ކާމިޔާބު ހޯއްދަވާފައި ވަނީ ވާދަވެރިކަން ބޮޑު ސްވިންގް ސްޓޭޓްތަކުންނެވެ.
ރައްޔިތުންގެ ވޯޓުން ކުރި ލިބޭ ފަރާތެއް ވެރިކަމަށް ނާދެވޭ ގޮތަށް އޮންނަ އިލެކްޓޯރަލް ސިސްޓަމް އުވާލުމަށް ބައެއް ފަރާތްތަކުން މިހާރު ދަނީ އަޑު އުފުލަމުންނެވެ. އެކަމަކު އެ ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެންނެވެ. އެމެރިކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެނެވޭނީ ކޮންގްރެސްގެ ތިންބައިކުޅަ ދެ ބައި ވޯޓާ އެކު އެވެ. އަދި އިސްލާހު ތަސްދީގު ކުރަން ހަތަރު ބައިކުޅަ ތިންބައި ސްޓޭޓުގެ ތާއީދު ބޭނުންވާނެ އެވެ.
ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން 48 ސްޓޭޓުގައި އެ ސްޓޭޓުގެ އެންމެ ގިނަ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓާސް ވޯޓް ލިބޭނެ އެވެ. ސްޓޭޓްތަކުގެ އިލެކްޓާސް ބިނާވެފައި ވަނީ ކޮންގްރެސްގައި މެންބަރުން ހިމެނޭ އަދަދަށެވެ. މިސާލަކަށް ދެ ވަނަ އަށް އެންމެ ބައިބޯ ޓެކްސަސްގައި 38 އިލެކްޓޯރަލް ވޯޓް ހިމެނެ އެވެ. އެ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެ އެވެ. ޓެކްސަސްގެ ވޯޓު 53-43 ޕަސެންޓުން ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އެ ސްޓޭޓުގެ 38 އިލެކްޓޯރަލް ވޯޓު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
24 November 2016
ޢެހެންވީމާ ރައްޔިތުން ވެރިކަމަށް ގެންނަން ބޭނުންވީ މީހެއް ނޫން ވެރިކަމަށް ތި ހޮވުނީ..
އިބްރާހިމް
24 November 2016
ދެން ކީތްކުރަން ރައްޔިތުން ލާ ވޯޓެއް... ތީ ދުނިޔޭގެ 1 ވަނަ ޑިމޮކްރަސީ... ތީ ފައްކާ ކުޅިވަރެއް... އެމެރިކާ ވެރިންގެ ކަމަކީ ދުނިޔެ ހަލާކު ކުރުން
ކުޑަތުއްތު
24 November 2016
އިބްރާހިމްބެއަށް ނޭނގޭތަ އެމެރިކާއަކި އެތައް ފަންސާސް ސަހަރުގެ މައްޗަށް އޮންނަ އިއްތިހާދި ވެރިކަމެއް ކަމެއް. އެހެންވީމާ ބެނުންވަނީ އެންމެގިނަ ސަހަރުގެ ތާއިދު. ބޯގުނައިގެނެއް ނޫން.
ބޮޑުހުއްތު
24 November 2016
ކުޑަހުއްތުއެވެ. ސްޓޭޓްތައް ލިބެނީކީ ޑިމޮކްރެޓިކް ކޮށްތޯއެވެ. މިސާލަކަށް 35 ވޯޓުލިބޭ ސްޓޭޓްގެ 18 ވޯޓް ޓްރަމްޕަށް ލިބުމުން އެސްޓޭޓްގެ 35 ވޯޓުއެކީ ޓްރަމްޕަށް ލިބުނީއެވެ. 17 ވޯޓްލިބުނުމީހާޔަށް އިލެކްޓޯރަލް އެންމެ ވޯޓެއްވެސް ނެތީއެވެ. ހަގީގަތަކީ އެމެރިކާގެ ވެރިކަމުގެ ނިޒާމު އުފެއްދި ބަޔަކު ޑިމޮކްރަސީއަށް އިތުބާރު ނުކުރުމެވެ.
ކޮމެންޓޭ
24 November 2016
ޢެމެރިކާގެ ނަމުންވެސް އިނގޭ ގޮތުގައި އެއީ ވަކިވަކި ސްޓޭޓުތަކުގެ އިއްތިހާދެއް. އެސްޓޭޓު ތަކުގައި އެމެރިކާގެ ޤާނޫނުއަސާސީ އާ ހިލާފުނުޥާ ޤާނޫތައް ހެދޭ. އަދި ސްޓޭޓު ހިނގަނީ އިންތިހާބުވާ ގަވަރުނަރުގެ ސަރުކާރުން. އެހެންވީމާ ގިނާ ސްޓޭޓުތަކުގެ މެޖޯރިޓީ ހޯދި މީހަކަށް ކާމިޔާބު ލިބެނީ.
ބުމަރޭ
24 November 2016
ސްޓޭޓްތައް ލިބެނީކީ މެޖޯރިޓީގެ މައްޗަށް ބިނާކޮށެއްނޫނެވެ. މިސާލަކަށް 35 ވޯޓުލިބޭ ސްޓޭޓްގެ 18 ވޯޓް ޓްރަމްޕަށް ލިބުމުން އެސްޓޭޓްގެ 35 ވޯޓުއެކީ ޓްރަމްޕަށް ލިބުނީއެވެ. 17 ވޯޓްލިބުނުމީހާޔަށް އިލެކްޓޯރަލް އެންމެ ވޯޓެއްވެސް ނެތީއެވެ. ޢޭނަގެ 17 ވޯޓް ގުނޭނެ ގޮތެއް ނެތެވެ. އެހެންވީމާ މިއީ މެޖޯރިޓީއަކަށްވޭތޯއެވެ. މީގައި ހަގީގަތަކީ އެމެރިކާގެ ވެރިކަމުގެ ނިޒާމު އުފެއްދި ބަޔަކު ޑިމޮކްރަސީއަށް އިތުބާރު ނުކުރުމެވެ.
އިންތިހާބު
24 November 2016
ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބު 2 ބުރަށް ނުބާއްވައި ފުރަތަމަ ބުރުން އެންމެ މަތިން ލިބޭ ކެނޑިޑޭޓަކަށް ވެރިކަން ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭ.. އޭރުން %51 ހަމަ ކުރަން ބަތްކައްކާ ކޯލިޝަން ހެދުމާއި ބޯކިބާފަޅިހެން ސަރުކާރުގެ މަގާމުތައް ބެހުން ހުހްޓުވި ރައްޔިތުން ތާއިދު އެކަކަށް އެންމެ ބޮޑަށް އޮންނަ މީހަކަށް ވެރިކަން ލިބޭނެ.. 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައިވެސް ނަޝީދަށް %48 ލިބުނު.. ވެރިކަން ކުރަނީ ހަގީގަތުގައި %25 ލިބުނު މީހެއް.. މީތި ހަމަނުޖެހޭ..
ޖާރިޔާ އަހުމަދު ދީދީ
24 November 2016
ހަހަހަހަ.. ކޮން 2013އެއް؟ 2008 ގަ މައުމޫނަށްވެސް ލިބުނު އެވަރަށް.. ވެރިކަމަށް އައީ 23ޕަސެންޓް ލިބުނު ނަޝީދު.. ގައިމު އެއިރު ރަނގަޅު، މިހާރު ގޯސް؟ އެދުވަހު މާނުއަށް ވެރިކަން ދިންނަމަ ގައުމު މިހާލަތަކަށް ނައީސް..
އަކުނިވައި
25 November 2016
ބަލަ އިންތިހާބޫ އެވެ. 2008 ގައި ނަޝީދު އަށް ފުރަތަމަ ބުރުގައި %25 ވޯޓް ލިބިގެން ދެވަނަ ބުރުގައި އިއްތިހާދު ވެގެން ވެރިކަމަށް ނަޝީދު ވަޑައިގަތް ހަދާނެއް މިހާރު ތި މީހުން ނެތް ތާއެވެ 2013 ގައި ނަޝީދަށް %48 ލިބުނީ ވެސް 2008 ގައި %25 އާއެކު ވެރިކަމަށް އާދެވުނީމާ ނޫންތޯއެވެ؟ އެހެން ނޫންނަމަ 2008 ގެ ފަހުން ނަޝީދު ހޯދާ ނުފެންނާނެ އެވެ.އިބުރޭ އާއި އުމަރު ނަސީރަށް ވީ ވަރު ވެސް ނަޝީދަށް އެހެންނަމަ ނުވީސް އެވެ.
ފިތުނަ
24 November 2016
ޑިމޮކްރަސީގެ އައްޕަ ގައުމުގަ އޮންނަގޮތް ކަޑަ. މިއީ، މިޒަމާނުގެ ޑިމޮކްރަސީއެއްނޫން. އެގޮތް ކަނޑުވާލަންޖެހޭ. މިހާރުގެ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރުވެރިކަން. އެގޮތަށް އޮންނަންޖެހޭނީ.
ދޮންދީނި
24 November 2016
ޤާނޫނަށް ބަދަލުގެނައުއުމުގައި ރާއްޖޭގައި މިއޮތް ސަރުކާރު ލީޑް ކުރާވަރުގެ މަޖްލީހެއް ހިޔެއްނުވޭ މި ވުޖޫދަށް އަންނާނެހެންނެއް، އެވެސް ރައްޔިތުން ނަށް އެއްވެސް ފައިދާއެއްނެތް ނަމަވެސް އަމިއްލަ އަންބޮޑި ބޮޑުކުރެވޭކަހަލަ ބަދަލު..
ދޮން އާމިރު
24 November 2016
ތީދެން ބާވާހަކައެއް...