ޚަބަރު / ހައި ކޯޓް

އަލީ ވަހީދުގެ މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ދައުލަތަށް

ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުގެ މައްސަލައިގައި އަލީ ވަހީދު ކުރިން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ފުލުހުންގެ އިދާރާ އިން ނުކުމެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދިން މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގައި ހައި ކޯޓު ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، ކޯޓުގެ ހުއްދައާ އެކު އަލީ ވަހީދު ވަނީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. އެކަމަކު، އޭނާ އެނބުރި ވަޑައިގަންނަވަންޖެހޭ މުއްދަތު ހަމަވިއިރު ވެސް، އޭނާ ވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީި ރާއްޖެ އިން ބޭރުގައި އަލީ ވަހީދު ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދީފަ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން ނިންމުމުން، ދައުލަތުން ވަނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ކެންސަލްވި ކަމަށް ހައި ކޯޓުން މިއަދު ފުރަތަމަ ބުންޏަސް، އެގޮތަށް ބުނެވުނީ އިދާރީ އޮޅުމަކުންނެވެ.

އަލީ ވަހީދު ރާއްޖެ ގެނެވޭނެތޯ އުފެއްދި ސުވާލު

މިއަދުގެ އަޑުއެހުން ހައި ކޯޓުން ބޭއްވީ އިދާރީ ގޮތުން ބައެއް ކަންކަން ސާފު ކުރުމަށެވެ. އެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ ފަނޑިޔާރުންނާއި ދައުލަތުގެ ވަކީލުން އެކަންޏެވެ.

އަލީ ވަހީދު ބައިވެރިނުކޮށް، އެ މައްސަލަ ހައި ކޯޓަށް ކުރިއަށް ގެންދެވިދާނެތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ އެ މައްސަލަ ގެންދެވޭނީ އަލީ ވަހީދު ވެސް ބައިވެރިކޮށްގެން ކަމަށާއި އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަލީ ވަހީދު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަން ދައުލަތަށް އެނގޭއިރު، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި މި މައްސަލައިގައި ހައި ކޯޓުން ދެން އަމަލު ކުރަންވީ ކިހިނެއްތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ކޯޓުގެ ނިންމުމެއް ގޯސް ކަމަށް ގަބޫލު ކުރެވިއްޖެ ނަމަ، އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ. އެކަމަކު ކޯޓުތަކަށް މީހުން ހާޒިރު ކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށާއި އެހެންވެ، ދައުލަތުން އެދެނީ އަލީ ވަހީދު ރާއްޖެ ގެނެސްގެން ޝަރީއަތް ކުރަން ކަމަށް ދައުލަތުން ބުންޏެވެ.

ކޯޓުން އަމުރެއް ކޮށްފި ނަމަ، ދައުލަތަށް އަލީ ވަހީދު ރާއްޖެ ގެނެވިދާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެގޮތަށް އަމުރު ނެރުމުގެ ބާރު ކޯޓަށް އެބައޮތް ކަމަށެވެ. ރާއްޖެ އިން ބޭރުގައި ހުރި މީހެއް ނަމަ، ޕާސްޕޯޓް ހިފެހެއްޓިދާނެ ކަމަށާއި އަލީ ވަހީދުގެ މައްސަލައިގައި އެފަދަ އަމުރެއް މިހާތަނަށް ނުލިބޭ ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ސުވާލުތައް ދެން އަމާޒު ކުރެއްވީ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަތުމަށް ދިން ފުރުސަތާ މެދު އެވެ. މީގެ ކުރިން ވެސް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާ ކަމަަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނިގޮތުގައި، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ދައުވާ ލިބޭ މީހާ ހުރެގެން ޝަރީއަތް ކުރިއަށް ގެންދެވޭ ނަމަ، ހެކިންނަށް ނުފޫޒު ފޯރުވުމާއި ޝަރީއަތުގެ ހުރުމަތް ކެނޑޭ ފަދަ ކަންކަމަށް ފިޔަވަޅު ނޭޅޭނެ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވުމަކީ ކޯޓުން ކުރާ ހުކުމަށް އަސަރު ކުރާނެ ކަމެއްތޯ އާއި އެ މައްސަލާގައި މިހާތަނަށް އިންސާފަށް ހުރަސް އެޅޭ ފަދަ ކަމެއް ދިމާވެފައި އެބައޮތްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

"މިހާތަނަށް އެފަދަ ހުރަހެއް އެޅިފައިވޭތޯ؟" އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު އަލީ ވަހީދަށް ކޯޓުން ދިނީ ސިއްހީ ފަރުވާ ނުނިމޭތީ ކަމަށް ކޯޓުން ބުންޏަސް، މެޑިކަލް ލިޔުންތަކުން އެފަދަ ކަމެއް އެނގެން ނެތް ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނުފެށޭތީ ހެކިންނަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް މިހާތަނަށް އެ މައްސަލާގައި ނުހިނގާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެގޮތަށް ބުނުމުން ފަނޑިޔާރު މަޒީދު ވިދާޅުވީ ދައުލަތުން އެ ދައްކާ ވާހަކައަކީ ވަކި ގޮތަކަށް ކަމެއް ހިނގާފާނެ ކަމުގެ ގަބޫލު ކުރެވިގެން ދައްކާ ވާހަކައެއް ކަމަށެވެ.

"ދައުލަތުން އެ އުއްމީދު ކުރަނީ މިހެން ވެދާނެ ކަމަށް ދެއްތޯ؟. އެފަދަ ފުރުސަތުތަކެއް އޮވެދާނެ ކަމަށް ދެއްތޯ؟." ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން އަނެއްކާވެސް ބުނީ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އޭނާގެ ޝަރީއަތް ކުރަނިކޮށް އެފަދަ ކަމެއް ހިނގިޔަސް، ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އޭނާ ކޯޓަށް ހާޒިރު ނުވިޔަސް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެހެން ގައުމުތަކުގައި ވެސް އޮންލައިންކޮޮށް ޝަރީއަތް ކުރަނީ އެ ގައުމެއްގެ ގާނޫނު ހިނގާ ތަނެއްގައި ދައުވާ ލިބޭ މީހަކު ބަހައްޓައިިގެން ކަމަށް ދައުލަތުން ބުންޏެވެ.

"މައްސަލަ ހިންގަން އުޅުނީމަ ތި ބޭފުޅުން ހިތްހަމައެއް ނުޖެހޭ"

އަލީ ވަހީދު ރާއްޖެ ގެނެސް، ޝަރީއަތަށް ހާޒިރު ކުރުމުގެ ގާބިލުކަން ދައުލަތަށް އެބަހުރިތޯ އާއި ދައުލަތުން ބޭނުންވަނީ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ނުހިިންގާ ބާއްވަންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

"ކިހިނެއްތޯ މައްސަލަ ހިންގަނީ؟. ހިންގެން އޮތް ގޮތަކަށް ހިންގަން ދެއްތޯ އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ. އެކަމަކު އެ ގޮތް ތި ބޭފުޅުންނަށް ހިތްހަމައެއް ނުޖެހޭ. ހިންގަން ބޭނުންވާ ކަމަށް ވަންޏާ އެ ބޭފުޅާ ހާޒިރު ކުރެވިދާނެތޯ ދައުލަތަށް؟." ފަނޑިޔާރު މަޒީދު ސުވާލު ކުރެއްވި އެވެ.

ފަނޑިޔާރު މަޒީދު ވިދާޅުވީ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ ހުކުމަށް އަސަރުކުރާ ފަދަ އިޖުރައާތެއް އޮވެގެން ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގައި ހުރެގެން ޝަރީއަތް ކުރުމުން ދަށު ކޯޓުގެ ހުކުމަކަށް އަސަރު ކުރާނެ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މި ބުނާ އިޖުރައާތާ ޚިލާފްވުމުން ހުކުމަށް އަސަރުކުރާ ގޮތެއް ދައުލަތުން ބުނެ ދެއްވާ،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

ދައުލަތުން ބުނިގޮތުގައި ގާނޫނު ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގައިގެން ކުރާ ހުކުމެއްގެ ސަބަބުން މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ.

"ބޭރުގައި ތިބެގެން ކުރިން ވެސް ޝަރީއަތުގައި ބައިވެރިވޭ"

ފަނޑިޔާރު މަޒީދު ދެން ދެއްކެވީ ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރި މައްސަލާގައި ހައި ކޯޓުން ބެލި ދުސްތޫރީ މައްސަލަ އަށެވެ. އެ މައްސަލާގައި ދައުވާކުރި މޫސާ އަންވަރު ޝަރީއަތުގައި ބައިވެރިވީ ރާއްޖެ އިން ބޭރުގައި ހުރެގެން އޮންލައިންކޮށެވެ. އެގޮތަށް އެ މައްސަލަ ކުރިއަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށް އެޓާނީ ޖެނެރަލްގެ ފަރާތުން އޭރު ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އެ މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން، ވަކާލާތު ކުރައްވައި، މި ނުކުތާ ކުރިމަތިވެގެން ދައުލަތުން ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް. ހަމަ މިއަދު ވެސް ދައުލަތުން ތި ތަމްސީލު ކުރައްވަނީ. ކޮބައިތޯ ޖަވާބަކީ މިއަދު؟" ފަނޑިޔާރު މަޒީދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ޖިނާއީ މައްސަލަ އަކާއި ދުސްތޫރީ މައްސަލަތައް ތަފާތު ކަމަށެވެ. ދުސްތޫރީ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، ދައުވާކުރާ މީހާ އުފުލަންޖެހޭ ބުރައެއް ނޯންނާނެ ކަމަށާއި އެކަމަކު މި މައްސަލާގައި އަލީ ވަހީދުގެ މައްސަލަ ނިމޭ ގޮތަކުން، އޭނާ އުފުލަންޖެހޭ ބުރަތަކެއް އަތުވެދާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ކަންބޮޑުވުމަކީ އަލީ ވަހީދުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ހުކުމް ތަންފީޒު ނުކުރެވިދާނެތީ ތޯ ބެންޗުން ސުވާލުކުރެއްވި އެވެ. އެކަމަކު، ހުކުމް ކުރުމާއި ތަންފީޒު ކުރުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

"ހުކުމް ތަންފީޒު ކުރުމަކީ އެހެން މަރުހަލާއެއްގެ ކަމެއް. އެއީ މުޅިން އެހެން މުއައްސަސާއެއްގެ ޒިންމާއެއްގެ ތެރޭގައި ހިމެނޭ ކަމެއް. ހުކުމް ތަންފީޒު ނުވެދާނެތީތޯ ދައުލަތުން ކަންބޮޑުވެ ވަޑައިގަންނަވަނީ؟" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

ދައުލަތުން ބުނީ ހުކުމް ކުރުމުގައި މައްސަލަތަކެއް ކުރިމަތިވުމުގެ އިތުރުން ހުކުމް ތަންފީޒު ނުކުރެވުމުގެ މައްސަލަ ވެސް އަންނާނެ ކަމަށެވެ. އަދި ޖިނާއީ އިޖުރައާތުގެ ގާނޫނާއި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ވެސް އޮތީ ހެކިވެރިން ރާއްޖެ އިން ބޭރުގައި ބައިތިއްބައިގެން ހެކިބަސް ނެގުމުގެ މަރުހަލާގައި އެކަނި ކަމަށާއި ދައުވާ ލިބޭ މީހުން ރާއްޖެ އިން ބޭރުގައި ތިބެގެން ޝަރީއަތް ކުރެވޭނެ ކަމަށް ގާނޫނާއި ގަވާއިދުގައި ވެސް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަޒީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއު އެވެ.

55 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިކޯޓު

08 July 2021

މިއީ ހައިކޯޓު ގާޒީއެއްތަ ނޫނީ އަލީ ވަހީދުގެ ބޯއި އެއްތަ؟ ތަންފީޒު ކުރުމަކީ ތިމަންނަމެންގެ ކަމެއް ނޫނޭ ބުނާ އިރު ކޮބާތަ ތިކުރާ ހުކުމެއްގެ ބޭނުން ތަންފީޒު ނުކުރެވެންޏާ؟ ވާހަކަ ހުރީ އަލީ ވަހީދުގެ ކޮޅަށް ގޮސް ހުސްވެފަ. މިސާލު ނަގަނީވެސް ޖިނާއީ މައްސަަލައަކާއި ޖިނާއީ ކުށް ނޫން މައްސަލައެއްގެ. ސާބަސް. މިއޮތީވާ ކޯޓުތަކެއް ލިބިފަ!

The name is already taken The name is available. Register?

ހޮޓްކިންގ

07 July 2021

ހައިކޯޓްގެ ވާހަކަ ތައް ހުރީ އަލީވަހީދުގެ ވަކީލުންގެ ވާހަކަ ހުންނަގޮތަށް. ހިތްހަމައެއް ނުޖެހޭ.

The name is already taken The name is available. Register?

އިންސާފީ ދަތުރު

07 July 2021

ރައީސް އެބަ ޖެހޭ ރަނގަޅު މައުލޫމާތު ހޯދަން. ސިޔާސީ ކުރިމަގޭ، ދެރަގޮތެއް ނުހަދާނޭ ބުނެ، ދައުލަތުގެ އެތައް މުވައްޒަފުންނެއްގެ ކަނދުރާއަށްއަރައި، މަޖިލީހުގެ ރައީސް މީހުން ދީފަ ހުރި ބަޔާންތައް ކިޔައިފީމޭ ހައިރާންވަމޭ ބުނީމާ އެބަ އެނގޭ ޝަރުއީ ނިޒާމަށް ކުރާނެ އަސަރު. ޕީޖީ ގޮސް ބައެއްގެ ހައްގުގަ ރޮއި ހޭރުނަސް ފަހު ބަސް ބުނަން ހުރި މީހާއަށް ލަފާދޭން ތިބި މީހުން ރަނގަޅު ނޫނިއްޔާ ހޯރަ އިއްބެގެ ވާހަކަ އަނެއްކާ ތަކުރާރުވާނީ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ

The name is already taken The name is available. Register?

ޕީޖޭ

07 July 2021

ޕީޖީ ޝަމީމް ކުރެން އައްސަވާ އެބޭފުޅާ މި މައްސަލާގައި މާބޮޑުކޮށް އުޅުއްވާ ސަބަބު. ފަޅާ އަރާ ދުވަސް އަންނާނެ. މިއީ ކޮންމެހެން ބަޔަކަށް ޖިންސީ އަނިޔާ ލިބިގެން އިންސާފް ހޯދުމަށް ކުރެވޭ މަސައްކަތެއް ނޫން.

The name is already taken The name is available. Register?

އަހުމަދު ކަލޯ

07 July 2021

ވަރަށް ވާހަކަ

The name is already taken The name is available. Register?

އަލީލީ

07 July 2021

ގުޅިގެން ކުޅޭ ޑްރާމާއެއް މީ. ރާއްޖެތެރޭ ނިކަމެތި ސޮރެއްނަމަ މިވަރު ކުށެއްގަ ލާހިކެތް ނޫން މިގޮތަށް ސަލާމާތް ވެގެން ދާކަށް. ޝަރީއަތް ނިމެންދެން ގޮޅިޔަށް ލާފަ އޮތީހީ. މީ އެބުނާ ހަމަ ހަމަ ކަމާ ޒީރޯ ޓޮލަރެންސް އަކީ. ސަރުކާރު ބަދަލުވިޔަސް ރާއްޖޭގެ ލީގަލް ސިސްޓަމް ހިނގާ އުސޫލެއް ބަދަލެއް ނުވޭ. މޮޅު މީހާ އަށް މޮޅުގޮތް ހަމަ. ރޯޔަލް ރޭޕަށް ބެއްޔަސް، އީސަ މައްސަލަ އަށް ބެއްޔަސް

The name is already taken The name is available. Register?

އަމިލް

07 July 2021

ގުޑް ޑްރާމާ. ލޮލަ

The name is already taken The name is available. Register?

އަހައްމަދޫ

07 July 2021

މިޑްރާމާ ނިމޭނީ ކޮނަގޮތަކަށް ކިހިނެއް ބާވައޭ ހިތައް އަރާ. ފުރުވައިލައިފައި ހައިކޮމިޝަންގައި ނިންދަވައިފައި

The name is already taken The name is available. Register?

ޢަލީ ޢަލީ

07 July 2021

''ދައުވާ ލިބޭ މީހުން ރާއްޖެ އިން ބޭރުގައި ތިބެގެން ޝަރީއަތް ކުރެވޭނެ ކަމަށް ގާނޫނާއި ގަވާއިދުގައި ވެސް ނެތް ކަމަށް ދައުލަތުން ބުންޏެވެ.'' މީދެން ކިހާ ދެރަކަމެއް ފަނޑިޔާރުންނަށް މިވަރުވެސް ނޭނގިއޮތުން!!! ވަﷲ އަޢުލަމް

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

07 July 2021

އިޚްލާސްތެރިކަމެއް ހުރީޔާ އަލީގެ މުދާ ދައުލަތަށް ނެގޭނެ ގާނޫނެއް ހަދާ އެކަން ކޮށްބަލަ.

The name is already taken The name is available. Register?

ދޮންބެއަލީ

07 July 2021

އިންސާފު ބޮލަށް ލައިގެން އައި މީހުން 10 ފިޔަވަޅު ފަހަތަށް އަޅައިފިއެވެ. އާދޭހެވެ. މިއީ ދުނިޔޭގެއެއްވެސް ޤައުމެއްގައި ޝަރިއަތް ކުރެވިފައިވާ ގޮތެއްނޫނެވެ. ދައުވާ ލިބޭމީހާ ސަރުކާރުގެ ބާރު ނުހިގައި ތަނެއްގައި ހުރެ ކުރެވޭ ޝަރިއަތަކީ ޤަރުނުގެ އެންމެ ބޮޑު ޖޯކަށް ވެއްޖެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454