ޚަބަރު / ކޮވިޑް ވެކްސިން

ބެލެވެނީ ވެކްސިން ފުރިހަމަކުރި މީހުންނަށް ބޮޑު އީދުގައި ލުއި ލިބޭނެ ކަމަށް

ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއި ދިނުން ބިނާވާނީ ވެކްސިން ފުރިހަމަކުރާ މީހުންގެ އަދަދާއި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓްގެ މައްޗަށް

މިދިޔަ މާޗު މަހުގެ ތެރޭގައި ވެކްސިން ޖެހުމަށް ގިނަ ބަޔަކު ކިއުގައި ޖެހިފައި: ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ދޭ ލުއިތައް ވަރަށް އަވަހަށް އިއުލާންކުރާނެ-. ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާނުކުރާނެ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފި އެވެ.

ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް އިތުރު ލުއިތަކެއް ދޭނެ ކަމަށް ބެލެވިފައި ވާއިރު އެކަން ބިނާވާނީ އޭގެ ކުރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ އަދަދާއި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓަށް ކަމަށް ވަނީ އެނގިފަ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީ އެންމެ ފަހުން ނިންމި ކަންކަމުގެ ތެރޭގައި ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނުވާން ނުޖެހޭ ގޮތް ވަނީ ހަދައިފަ އެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލުއިތައް ދޭނެ ކަމަށް ކުރިން ބުނެފައި އޮތަސް އެ މީހުން ލުއި ނުދިނުމުން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

"ކޮވިޑް ޖެހި ރަނގަޅުވި މީހުންނަށް ލުއި ދޭ ނަމަ ވެކްސިން ފުރިހަމަކުރުމުން ވެސް ލުއި ލިބެން ޖެހޭނެ. އެކަމަކު ވެކްސިނާ ގުޅޭ ގޮތުން ކުރިން ލުއި ނުދިނީ ވެކްސިން ނެތުމުން އެކަމާ ގުޅިގެން ޝަކުވާ ވެސް އަންނާނެތީއާ އެކު. އެކަމަކު މިހާރު އަލުން ވެކްސިން ދޭން ފެށުމާ އެކު ކުރިއަށް އޮތް ތަނުގެ ހާލަތަށް ބަލައި ލުއި ދެވޭނެ،" މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

މަޝްވަރާގެ މައުލޫމާތު އެނގޭ އެހެން މީހަކު ވެސް ބުނީ ވެކްސިނާ ގުޅޭ ގޮތުން ލުއިތައް ދޭން މަޝްވަރާކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެކަން އިއުލާނުުކުރާނެ ކަމަށެވެ.

"އެކަމަކު އެ ނިންމުން ބިނާވާނީ ހާލަތަށް. ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ދަށްކޮށް ހުރެފައި ވެކްސިންގެ ކަވަރޭޖް ބޮޑުވެއްޖެ ނަމަ."

ކޮވިޑްގެ ފެތުރުން ކޮންޓްރޯލެއްގެ ދަށުގައި އޮތް ކަމަށް ބަލަނީ އަދި އެކަށީގެންވާ މިންވަރެއް ކަމަށް ބަލަނީ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރުމުންނެވެ. މިދިޔަ މަހުގެ ނަންބަރުތަކަށް ބަލާއިރު، ކޮންމެ 24 ގަޑިއިރެއްގެ ސާމްޕަލްތަކުން ޕޮޒިޓިވްވާ ރޭޓް 13 ޕަސެންޓަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ. ނަމަވެސް މަސް ނިމުނު އިރު ދެ ޕަސެންޓާ ހަމަޔަށް ދަށަށް ދިޔަ އެވެ. މި މަހުގެ ފުރަތަމަ ފަސް ދުވަހަށް ބަލާއިރު ވެސް ކޮންމެ ދުވަހެއްގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ދެ ޕަސެންޓާ ހިސާބުގަ އެވެ.

ވެކްސިނާ ގުޅޭ ގޮތުން ނަމަވެސް މިކަމާ ބެހޭ ގޮތުން އެޗްޕީއޭގެ ބަހެއް ނުލިބުނެވެ.

ހެލްތު މިނިސްޓަރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖަހާފައި ހުއްޓަސް ލުއި ދެވެން ނެތީ ބޭނުންވާ ވަރަށް އާބާދީގެ ބޮޑު ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައިނުވާތީ ކަމަށެވެ. އަދި އާބާދީގެ 75 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިވާ ނަމަ ލުއިދެވުނީސް ކަމަށާއި ރާއްޖޭގައި މިހާތަނަށް ވެކްސިން ފުރިހަމަކުރެވުނީ 38 ޕަސެންޓް މީހުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އޭގެ ފަހުން ވެކްސިން ލިބި އަނެއްކާވެސް ވަނީ ކުރިން ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ވެކްސިން ދޭން ފަށައިފަ އެވެ.

މިދިޔަ އޭޕްރީލް ހިސާބުގައި ވެސް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް ކޮވިޑްގެ ހާލަތު މާބޮޑަށް ގޯސްވެ އެ ލުއި ދިނުން މެދުކަނޑާލި އެވެ.

ކޮވިޝީލްޑް ވެކްސިން ނެތިގެން، ލައްކަ އަކަށް ވުރެ ގިނަ މީހުންނަށް ދެވަނަ ޑޯޒް ނުޖެހި ތިއްބުމަށް ފަހު އަލުން މި ޕްރޮގްރާމު ފަށާފައި މިވަނީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނާ އެކު އެވެ. އެކަމަކު ހަދިޔާކުރީ ކިހާ ވެކްސިނެއް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ވެކްސިން ޕްރޮގްރާމް ނުހުއްޓި ކުރިއަށް ގެންދެވޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިމަހުގެ 20 ގެ ކުރިން ރާއްޖެއިން ގަތް އެސްޓްރަޒެނެކާ ވެކްސިން ވެސް ލިބެން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް، 317،549 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަކުރީ 199،784 މީހުންނެވެ. އެހެންވެ މިހާރު ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތް މުޅި އާބާދީގެ ނިސްބަތުން ބަލާއިރު ވެސް 40 ޕަސެންޓަށް އަރަ އެވެ. އެކަމަކު ކޮވިޑަށް ރާއްޖޭގައި ދޭ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ނޫނީ ދެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެންވެ ވެކްސިން ދެވޭ އުމުރުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތް 40 ޕަސެންޓަށް ވުރެ މާ މަތިވާނެ އެވެ.

6 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޯމޭން

07 July 2021

މުޅިރާއްޖޭގެ އާބާދީގެ އިންސައްތައިން ނިސްބަތް ނުކިޔާ ވެކްސިންދޭން ޖެހޭ މީހުންގެ ނިސްބަތުން އިންސައްތަ ކިޔާބަލަ. ކުޑަކުދިންނަކަށް ތި ވެކްސިން ދޭށެކޭ ނުބުނޭ އެއްވެސް އިރަކު. އާބާދީގެ ތެރޭގަ ތިއެއްޗެއް ނުޖެހޭ ކެޓަގަރީއެއްގެ ބަޔަކުވެސް ތިބިކަން ދަނެގެން ތި މައުލޫމާތު ތަފުސީލުކޮށްދީބަލަ.

ކާފިއުއާ ހެދި މޮޔަވެއްޖެ

07 July 2021

ކާފިއު ހިންގާތާ 4 މަސް މިވަނީ. ވިކަމެއް ހަރާމް. ކަންތައް މިދަނީ ގޯހުން ގޯހަށް. ނަފްސާނީ ގޮތުން ހަލާކުވެ ނިމިއްޖެ. މިނިކާ ސަރުކާރެއް މިއީ. ރައްޔިތުންގެ ގައިގައި ކޮޅުފައިން ޖަހާ "އެމްޑީޕީ" ސަރުކާރެއް. ވަރިހަމަ ކޮންމެ ގޮތެއް ވިޔަސް. ކާފިއު ކުރުން ވަގުތުން ވަގުތަށް ހުއްޓާލަބަލަ. މީހާ އެއްކޮށް ދުނިޔެ މޮޔަވެއްޖެ.

ދަސަދަދ

07 July 2021

އަނެއްކާ އަނެއް ދަޅަ

ހަލުވި

07 July 2021

މިކަމުގަ އާބާދީ ކިޔަންވާނީ މިރާއްޖޭގަ އުޅޭ ދޮޅު ލައްކައެއްހާ ބިދޭސީންވެސް ހިމަނައިގެންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ދެލައްކަ އަށްޑިހަވަރަކަށް ހާސް މީހުންނާއި ބިދޭސީންނާއެކު 18 އަހަރުން މަތީގެ އާބާދީ ހަތަރުލައްކައަށްވުރެ މަތިވާނެއެވެ.0

އުމަރުބެ

07 July 2021

ކޮބާ ޔޯ ދިން ލުޔަކީ/////؟؟؟؟؟!!!

ސަސި

07 July 2021

ކަރަންޓީން 10 ދުވަހަށް ކުރު ކުރަން ގޮވާލަން

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454