"ދުބާއީ ރިޓާން" އަކީ 2005 ގެ ފިލްމެއް
08 ޖުލައި 2021 - 07:31
މިދިޔަ އަހަރު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާންގެ ރިލީޒްނުވެ އޮތް ފިލްމުތަކުގެ ތެރެއިން "ދުބާއީ ރިޓާން" ކިޔާ ފިލްމެއް ޔޫޓިއުބަށް ދޫކޮށްލައިފި އެވެ.
މި ފިލްމުގެ ޕޯސްޓަރު އިރުފާންގެ ދޮށީ ދަރިފުޅު އަދި މިހާރު ބޮލީވުޑަށް ނުކުންނަން ވެސް ތައްޔާރުވަމުން އަންނަ ބާބިލް ޚާންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
އަފްތާބް އަނގްރޭޒް ކިޔާ ގޭންގްސްޓާރެއްގެ ރޯލު އިރުފާން ކުޅެފައިވާ "ދުބާއީ ރިޓާން" އަކީ 2005 ގައި ނިންމާފައި އޮތް ގޮތަށް ރިލީޒްނުކޮށް އޮތް ފިލްމެކެވެ. އަދިތިޔާ ބަޓަޗާރިއާ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ދިވްޔާ ދައްތާ، ވިޖޭ މޯރިއާ އަދި ރަޒަކް ޚާން ހިމެނެ އެވެ.
"ދުބާއީ ރިޓާން" އަކީ 2005 ގައި ނިއު ޔޯކް އިންޑިަން ފިލްމު ފެސްޓިލްގައި ވެސް ޕްރީމިއާކުރި ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު މިހާތަނަށް އާންމުންނާ ހަމައަށް ނުގެނެސްދެވި އޮތީ އެއަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ހެދި އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 29 ގައި މަރުވި އިރުފާންގެ ފިލްމަކަށް އެންމެ ފަހުން ސިނަމާތަކަށް އައީ މިދިޔަ އަހަރު މާޗް މަހުގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ.
އޭނާ މަރުވި އިރު ރިލީޒްނުކުރާ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ ވެސް މަސައްކަތް ނިމި ގިނަ ދުވަސްތަކެއްވެ، އަދި މި އަހަރު ރިލީޒްކުރާނެ ކަމަށް ބުނި "ދަ ސޯންގް އޮފް ސްކޯޕިއަންސް" އެވެ. އެ ފިލްމަކީ 2017 ގައި ބޭއްވި 70 ވަނަ ލޮކާނޯ ފިލްމު ފެސްޓިވަލްގައި ޕްރީމިއާކުރި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy