ދުނިޔެ / އަފްޣާނިސްތާން

ތާލިބާނުންގެ ބާރު ގަދަވާތީ، ތަޖަކިސްތާނުން ރަޝިޔާގެ އެހީ ހޯދަނީ

08 ޖުލައި 2021 - 14:37

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓިގެ ސިފައިން އެ ގައުމު ދޫކޮށް ފޭބުމާ ގުޅިގެން، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އެ ގައުމުގެ މައި ރަށްތަކުގައި ބާރު ގަދަކުރަމުން އަންނާތީ، އަވައްޓެރި ތަޖިކިސްތާނުން ރަޝިޔާގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މިހާރު ތާލިބާންގެ ހަނގުރާމަވެރިން ބާރު ގަދަކުރަމުން އަންނަނީ، އެ ގައުމުގެ ހުޅަނގާއި އުތުރު ސަރަހައްދުތަކުގަ އެވެ. މިއީ ތަޖަކިސްތާނާ އިންވެގެން އޮންނަ ސަރަހައްދުތަކަށް ވާތީ، އަފްގާނިސްތާނުގައި ހަނގުރާމަ ވަރުގަދަވަމުން ދާއިރު، އެ ގައުމު ދޫކޮށް ހިޖްރަކުރާ މީހުން ތަޖަކިސްތާން އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮވެ އެވެ. މިދިޔަ ހަފުތާގައި ތާލިބާނުން ދިން ހަމަލާތަކާ ގުޅިގެން، އަފްގާނިސްތާނު ސިފައިންގެ އެތައް ހާސް ބަޔަކު ވަނީ އެމީހުންގެ މަގާމުތައް ދޫކޮށްލައި، ތަޖިކިސްތާނުގެ ތެރެއަށް ވަދެ ފިލައިފަ އެވެ.

ތާލިބާނުންގެ ހަމަލާތައް އިއްޔެ އެންމެ ވަރުގަދަވީ ބާދުގީސް ޕްރޮވިންސްގެ ވެރިރަށް ގަލްއަތު ނާވްގަ އެވެ. އެ ރަށް ހިފުމަށް ތާލިބާނުން ދިން ހަމަލާތައް އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ އިރު، އެ ރަށުގައި ހުރި ޖަލަށް ދިން ހަމަލާތަކުގައި، 200 ވަރަކަށް ގައިދީން ވަނީ ޖަލުން ފިލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ތާލިބާން ޖަމާއަތަށް ނިސްބަތްވާ ގައިދީންނެވެ.

އަފްގާނިސްތާނގު އަސްކަރިއްޔާ އިން ބުނި ގޮތުގައި ގަލްއަތު ނާވް ހިފުމަށް ތާލިބާނުން ދިން ހަމަލާތައް ނާކާމިޔާބު ކޮށްލައި، ތާލިބާނުން ވަނީ ފަހަތަށް ޖައްސައިފަ އެވެ. ތާލިބާނުންނާއި އަފްގާން ސިފައިންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވުމަށް ފަހު، ތާލިބާނުން ފަހަތަށް ޖެއްސުނީ، ހީރާތު ޕްރޮވިންސްގައި ތިބި، އަފްގާންގެ ސްޕެޝަލް ފޯސްގެ ސިފައިން އައިސް ދޭން ފެށި ހަމަލާތަކުގެ ސަބަބުންނެވެ.

ބާދުގީސް ޕްރޮވިންސްގެ ގަވަރުނަރު ހުސާމުއްދީން ޝަމްސު ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި ތާލިބާނުންގެ ހަނގުރާމަވެރިން ގަލްއަތު ނާވް ހިފުމަށް އިއްޔެ ހެނދުނު ތިން ދިމާލަކުން ހަމަލާ ދޭން ފެށި އެވެ. އަފްގާން ސިފައިންގެ ހަމަލާތަކުގެ ސަބަބުން ވެރިރަށް ނުހިފުނު ކަމަށް ވިޔަސް، އެ ޕްރޮވިންސްގެ މައި ހަތް ރަށުގެ ތެރެއިން ހަ ރަށެއް ވަނީ ތާލިބާނުން ހިފައިފަ އެވެ. ނުހިފި އޮތީ ވެރިރަށް ގަލްއަތު ނާވް އެކަންޏެވެ.

ވެރިރަށް ހިފުމަށް މަސައްކަތް ކުރި ހަނގުރާމަވެރިން ފައްސައިލުމަށް ފަހު، ސްޕެޝަލް ފޯސްގެ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ، އެހެން ރަށްތަކަށް ވެރިވެގެން ތިބި ތާލިބާންގެ ހަނގުރާމަވެރިން އެ ރަށްތަކުން ފައްސާލުމަށް ކަމަށް، ސްޕެޝަލް ފޯސްގެ ކޮމާންޑަރު ސައްޔިދު ނިޒާމީ ބުންޏެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ވަމުން އަންނަ އިރު، އެ ހަމަލާތަކުން ރަޝިޔާގެ އަވައްޓެރިން ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް، ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ލަވްރޯވް މިއަދު ވިދާޅުވި އެވެ. އެ ގޮތުން ތަޖިކިސްތާނުގައި ރަޝިޔާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުގައި ތިބޭ ސިފައިން ބޭނުންކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454