ކުޅިވަރު / ކޮޕާ އެމެރިކާ

އާޖެންޓީނާ "މީހެއް" ކަން ސާބިތުކޮށްދޭން މެސީއަށް އޮތް ފުރުސަތު

ކޮޕާ އެމެރިކާގައި މެސީ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ރިއޯ ޑީ ޖެނީރޯ (ޖުލައި 10) - އެފްސީ ބާސެލޯނާގެ އެކެޑެމީ "ލަ މާސިއާ" ގައި ލިއޮނެލް މެސީގެ ނަން ކިޔާ ހުނަރުވެރި ޒުވާން ކުޅުންތެރިޔަކު ހުރިކަން އެނގިގެން ސްޕެއިންގެ އުމުރުފުރާގެ ގައުމީ ޓީމަށް އޭނާ ކުޅުވަން ސްޕެއިންގެ ފެޑްރޭޝަނުން ބޭނުންވި އެވެ. ސްޕެއިންއާ ވަކިވެގެންނަން މަސައްކަތް ކުރާ ކަޓަލާންގެ ހިޔާލަށް ތާއީދު ކުރާ ކްލަބެއްގެ ގޮތުގައި ބާސާ މަޝްހޫރު ވެފައި ވީނަމަވެސް، އެ ދަނޑިވަޅުގައި ބާސާ އިން ވެސް ބޭނުން ވެފައި ތިބީ އެ ކުޅުންތެރިޔާ ސްޕެއިންގެ ގައުމީ ޓިމަށް ކުޅުވުމަށެވެ.

އުމުރުން 13 އަހަރުން ފެށިގެން، ލިއޮނެލް މެސީ ދިރިއުޅެމުން ގެންދިޔައީ ސްޕެއިންގެ ބާސެލޯނާގަ އެވެ. ދެން ވެސް އޭނާ ދިރިއުޅެން އޮތް ތަނަކީ އެއީ ކަމަށްވުމުގެ ފުރުސަތު އެބައޮތެވެ.

ސްޕެއިންގެ ޓީމަށް މެސީ ކުޅުނަ ނުދިނުމަށްޓަކައި، މެސީގެ ބައްޕަ ޖޯޖް މެސީ އަވަސް ފިޔަވަޅުތަކެއް އެޅި އެވެ. ޖޯޖްގެ ބާރު އެޅުމުގެ މަތިން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން އަވަސް އަވަހަށް ކުއްލި ޔޫތު މުބާރާތެއް ބޭއްވި އެވެ. އަދި އެ މުބާރާތުގައި އާޖެންޓީނާގެ ސްކޮޑަށް މެސީ ނަގައި، އޭނާގެ ކިބައިގައި އާޖެންޓީނާ ވަންތަކަން ހަރުލެއްވުމަށް މަސައްކަތް ކުރި އެވެ.

އީޓަލީގައި ކުޅެ 2009 ގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދުމުން އުފާފާޅުކުރުމަށް، ބާސެލޯނާގެ ރަސްމީ ސްޓޭޑިއަމް، ކޭމްޕް ނޯގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބާސެލޯނާގެ ސަޕޯޓަރުންނާ އެކު މުޅި ކޭމްޕް ނޯ އޮތީ ފުރި ބާރުވެފަ އެވެ. އެކި ކުޅުންތެރިން ވާހަކަ ދެއްކި އެވެ. ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިޔާ ވާހަކަ ނުދައްކައި އުފާފާޅު ކުރުމުގެ އެ ރަސްމިއްޔާތު ފުރިހަމައެއް ނުވާނެ އެވެ. އެންޑްރެސް އިނިއެސްޓާ އާއި ލިއޮނެލް މެސީ ފިޔަވައި އެހެން ހުރިހާ އެންމެން ވާހަކަ ދެއްކި ކަޓަލާން ބަހުންނެވެ. އިނިއެސްޓާ އާއި މެސީ ވާހަކަ ދެއްކި ސްޕެނިޝް ބަހުންނެވެ. އެ ބަހަކީ އާޖެންޓީނާގެ ރަސްމީ ބަހެވެ.

މެސީގެ ބަސް މަގުގައި އާޖެންޓީނާގެ ރާގު ކޮންމެވެސް ވަރަކަށް ހުއްޓެވެ. ނަމަވެސް އެ ރާގު ނެތި ގޮސްފައިވާ ކަމުގެ އަސަރު ވެސް ފާޅު ވެއެވެ.

އާޖެންޓީނާގެ ބައެއް އާންމުން މެސީ ބަލައިގަންނަނީ އެ ގައުމުގެ މީހެއްގެ ގޮތުގައެއް ނޫނެވެ. ބާސާގައި މެސީ ދައްކާ ޖާދޫ އާޖެންޓީނާގެ ގައުމީ ޓީމުގައި ނުދެއްކެނީ ކީއްވެގެންތޯ ސުވާލު އުފައްދަ އެވެ. އާޖެންޓީނާގެ ފުޓްބޯލް އެސޯސިއޭޝަނުން ވެސް އެ ޕްރެޝަރު މެސީ އަށް އޮވެ އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުން 2016 ގައި ކުރިމަތިވި ނާކާމިޔާބަށް ފަހު، ގައުމީ ޓީމުން ރިޓަޔާ ކުރިކަން މެސީ އިއުލާން ކުރީ އެ ޕްރެޝަރު ކަނޑުވާލުމަށެވެ. އަލުން އޭނާ ގައުމީ ޓީމަށް އައުމަށް އާދޭސް ކުރީވެސް އާޖެންޓީނާގެ އެސޯސިއޭޝަނުންނެވެ.

ވޯލްޑް ކަޕު 2014 ގައި މެސީ މާޔޫސް ވެފައި ---

ކްލަބު ލެވަލްގައި އަދި އިންޑަވިޖުއަލް ލެވަލްގައި ދުނިޔޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށް މެސީ ވެއްޖެ އެވެ. ނަމަވެސް ސީނިއާ ލެވަލްގައި އިންޓަނޭޝަނަލް ޓްރޮފީއެއް އާޖެންޓީނާ އަށް ހޯދައި ނުދެވޭހާ ހިނދަކު އެރަށު މީހަކަށް ނުވާ މިރަށު މީހަކަށް ނުވާ މީހެއްގެ ލޭބަލް މެސީގެ ގައިން ކަނޑުވައެއް ނުލެވޭނެ އެވެ. އާޖެންޓީނާ އަށް ތައްޓެއް ހޯދައިދޭން މެސީ ހުރީ ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށެވެ.

"އާޖެންޓީނާ އަށް ތައްޓެއް ހޯދައިދޭން ބަދަލުގައި އަހަންނަށް ލިބުނު ހުރިހާ ރަން ބޫޓުތައް ދޭން ޖެހުނަސް އެކަން ކުރަން ވެސް އަހަރެން ތައްޔާރު," މެސީ ބުނެފައިވާ ކަމަށް އޭނާ އާ ގާތް ގުޅުމެއް އޮންނަ ޖާނަލިސްޓް ވެރޯނިކާ ބުރުނާޓީ ލިޔެފައި ވެއެވެ.

މެސީއާ އެކު އާޖެންޓީނާ އަށް ތައްޓެއް ހޯދައި ދެވޭތޯ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް މެސީ ބޭނުންވި ގޮތްވެސް ހަދައިދިނެވެ. ރަޝީއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް ކޯޗު ކޮށްދިން ހޯޖޭ ސަމްޕައޮލީ އަކީ މެސީ އާއި އާޖެންޓީނާގެ ސީނިއާ ކުޅުންތެރިން ބޭނުން ވެގެން އާޖެންޓީނާގެ އެސޯސިއޭޝަނުން ހަމަޖެއްސި ކޯޗެވެ. ސަމްޕައޮލީ އަކީ 2015 ގެ ކޮޕާ އެމެރިކާގައި އާޖެންޓީނާ ބަލިކޮށް ޗިލީ އަށް މުބާރާތް ކާމިޔާބު ކޮށްދިން އާޖެންޓީނާ އަށް ނިސްބަތްވާ ކޯޗެވެ. އިންޓަނޭޝަނަލް ތަށި ހޯދުމުގައި ސަމްޕައޮލީ ތަޖުރިބާ ހުއްޓަސް އާޖެންޓީނާގެ ގައުމީ ޓީމުގައި އޭނާ ވީ ފްލޮޕަކަށެވެ.

އާޖެންޓީނާގެ ކޯޗުކަމާ މިހާރުގެ ކޯޗު ލިއޮނެލް ސޮކާލާނީ ހަވާލުވީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސުމުގެ ކުރިން އާޖެންޓީނާގެ ގިނަ ރައްޔިތުންނަށް އޭނާ އަކީ ކާކު ކަމެއްވެސް ނޭނގެ އެވެ. ސަމްޕައޮލީ ސްޕެއިންގެ ސެވިއްޔާގައި މަސައްކަތް ކުރި އިރު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސްކޮލާނީ އަށް ދިނެވެ. ފަހުން ސްމްޕައޮލީ ގައުމީ ޓީމަށް ދިޔަ އިރު އޭނާ ދިޔައީ އެސިސްޓެންޓެއްގެ ގޮތުގައި ސްކޮލާނީ ގޮވައިގެންނެވެ. ސަމްޕައޮލީ އަށް ވޯލްޑް ކަޕުގައި ނާކާމިޔާބުވުމުން އޭނާ މަގާމުން ވަކިވި އެވެ. ވަގުތީ ކޯޗުކަން ހަވާލު ކުރީ ސްކޮލާނީ އާ އެވެ.

މެސީ ހިލޭ ޖެހުން ފޮނުވާލަނީ ---

ކޮޕާ އެމެރިކާ 2019 ގެ ސެމީ ފައިނަލަށް އޭނާގެ ކޯޗުކަމުން އާޖެންޓީނާ ގެންގޮސް ދިނީ އިންޓަރިމް ކޯޗެއްގެ ގޮތުގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް އާޖެންޓީނާ ގެންގޮސް ދިނުމުން އޭނާގެ އެއްބަސްވުން ދާއިމީ ކުރި އެވެ. އޭނާ ގެނައި ބަދަލުތަކުން އެންމެ ބޮޑު ފައިދާއެއް ކުރީ މެސީ އަށެވެ. މެސީ އާ ރައްޓެހި ގޭމް ޕްލޭނަކަށް އާޖެންޓީނާގެ ގޭމް ބަދަލު ކުރި އެވެ. އާޖެންޓީނާގެ ގައުމީ ޓީމުން ފެނުނު މެސީގެ އެންމެ މޮޅު ކުޅުން ނެރެދެވުނު ހަމައެކަނި ކޯޗަކީ ސްކޮލާނީ އެވެ. ހާއްސަކޮށް މިފަހަރުގެ ކޮޕާ އެމެރިކާ އެވެ. އެހެން މުބާރާތްތަކުން އާޖެންޓީނާ އިން ފެނުނު މެސީ އާއި މިފަހަރު ފެންނާން ހުރި މެސީ ހާސްބައި ތަފާތެވެ. އެންމެ ބޮޑު ތަފަތަކީ އޭނާގެ ލީޑާޝިޕް ދައުރު ބޮޑުވުމެވެ. ޓީމުގެ އެޓޭކުގައި އޭނާވީ އެހެން ކުޅުންތެރިން ލައްވައި ކުޅުވާ ޕްލޭމޭކަރަކަށެވެ. ނަތީޖާވެސް ފެނުނެވެ. އިންޑަވިޖުއަލީވެސް މެސީ އަށް ބޮޑު ކުރި އެރުމެއް ލިބުނެވެ.

އަނެއްކާވެސް އާޖެންޓީނާ އަށް ކޮޕާ އެމެރިކާގެ ފައިނަލެކެވެ. މިރޭ ފަތިހު ބްރެޒިލް އާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަކީ އިންޓަނޭޝަނަލް ތައްޓެއް ހޯދުމަށް މެސީ އަށް އޮތް ފުރުސަތެވެ.

އަނެއްކާވެސް އާޖެންޓީނާއާ މެދު އެ ގައުމުގެ ސަޕޯޓަރުންގެ އުންމީދު އާ ވެއްޖެ އެވެ. ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރު ކުރި އިރު އާޖެންޓީނާގައި އޮތް ރޫހު އެ ޓީމުގައި އަލުން ދިރިއްޖެ އެވެ. މުބާރާތް މެސީ އަށް ކާމިޔާބު ކުރެވިދާނެކަން އާޖެންޓީނާގެ ސަޕޯޓަރުންނަށްވެސް ގަބޫލު ކުރެވެން ފަށައިފިކަން އެ ގައުމުގައި ނެގެމުންދާ ޕޯލްތަކުން ހާމަ ކޮށްދެ އެވެ. މިރޭ ބްރެޒިލް ބަލިކޮށް އާޖެންޓީނާ އަށް ކޮޕާ އެމެރިކާގެ ތަށި ހޯދައި ދެއްވިއްޖަނަމަ އާޖެންޓީނާގެ ރައްޔިތުން މެސީ އަކީ ގައުމީ މީހެއް ކަން ބަލައިގަނެ ޑިއޭގޯ މެރަޑޯނާ އަށް ދިން ވަރުގެ ހައިބަތެއް މެސީ އަށް ވެސް ހޯދައި ދީފާނެ އެވެ.

އާޖެންޓީނާ އާއި ބްރެޒިލް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ފަތިހު ފަހެއް ޖާހާއިރު އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 29%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެސީ

11 July 2021

އޮންނާނީ ސާބިތުކޮށްދީފައި.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

11 July 2021

ކޮބާ؟؟ ކޮބާ؟/ އޮންނާނީ ތަށި ނަގާފަ.ފެނޭތަ؟؟ ފެނޭ ދޯ.

The name is already taken The name is available. Register?

ޓެކްސް ފްރޯޑް

11 July 2021

އާ ކުކުޅަށް ގާ ބިސް އެޅިފަ ދޯ މިއޮތީ.. ސޯ ލޭމް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454