ދުނިޔެ / މިލިޓަރީ

ހައިޓީން ބޭރުގެ އަސްކަރީ އެހީ ހޯދަނީ

11 ޖުލައި 2021 - 09:11

1 comments

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް، މިދިޔަ ހަފުތާގައި އަވަހާރަކޮށްލުމާ އެކު އެ ގައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް، އެހީވެދިނުމަށް، ހައިޓީ ސަރުކާރުން އދ. މަޖިލީހާއި އެމެރިކާގައި އެދިއްޖެ އެވެ.

ހައިޓީގެ ވަގުތީ ސަރުކާރުން ބުނި ގޮތުގައި ރައީސް ޖޮވެނެލް އަވަހާރަކޮށްލުމާ ގުޅިގެން އުފެދިފައިވާ ދާހިލީ ހަމަނުޖެހުންތައް މައިތިކުރުމުގައި، ހައިޓީގެ ފުލުހުންނަށް އެހީތެރިވެދިނުމަށް، ސިފައިން ނުވަތަ ފުލުހުން ފޮނުވައިދިނުމަށް، އދ. އާއި އެމެރިކާގައި އެދުނީ މިދިޔަ ހަފުތާގަ އެވެ. އދ.ގެ ފުލުހުން ނުވަތަ ސުލްހަ ބަލަހައްޓާ ލަޝްކަރުގެ ސިފައިން ހައިޓީ އަށް ފޮނުވޭނީ، ސަލާމަތީ މަޖިލީހުން ފާސްވެގެންނެވެ.

"އަހަރެމެން މިތިބީ ހަގީގަތުގައި ވެސް އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި. އަދި އަހަރެމެން މިހާރު ވާނީ އަހަރެމެންގެ ބައިނަލްއަގުވާމީ ބައިވެރިންގެ ފަރާތުން އެހީއަށް އެދިފައި. އަހަރެމެން ގަބޫލުކުރަނީ، މިހާރު މެދުވެރިވެފައި މިވާ މައްސަލަ ހައްލުކުރުމުގައި އަހަރެނެމެންގެ ބައިވެރިން އެހީތެރިވެދޭނެ ކަމަށް،" ވަގުތީ ބޮޑުވަޒީރު ކްލައުޑް ޖޯސެފް، އޭޕީ ނޫސް އޭޖެންސީ އަށް ދެއްވި ފޯން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ބޭރުގެ އެހީ އަށް ހައިޓީ ސަރުކާރުން މި އެދުނީ، ގައުމުގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން، އުފެދިފައިވާ ހަމަނުޖެހުންތައް މައިތިރި ކުރުމުގެ ގޮތުން، އަވަސް އިންތިހާބެއް ބާއްވަން، ވަގުތީ ސަރުކާރުން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

"އަހަރެމެން ގަބޫލުކުރަނީ، މިގައުމު އިތުރު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓައިލުމުގެ މަގްސަދުގައި، ގައުމުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ވެސް، ބާޣީން ހަމަލާ ދީފާނެ ކަމަށް،" ހައިޓީގެ އިންތިހާބާ ބެހޭ ވަޒީރު މެތިއަސް ޕިއާރް ވިދާޅުވި އެވެ.

މި ކަމުގައި އެމެރިކާ އިން އަސްކަރީ އެހީތެރިކަމެއް ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރައީސް ޖޮވެނެލް އޭނާގެ އަމިއްލަ ގެކޮޅުގައި ހުންނަވަނިކޮށް މިދިޔަ ބުދަ ވިލާރޭ އަވަހާރަކޮށްލި ހާދިސާގައި ތަހުގީގަށް އެހީތެރިވެދިނުމަށް، އެމެރިކާގެ ފެޑެރެލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމެއް ހައިޓީ އަށް ފޮނުވާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.

ރައީސް އަވަހާރަކޮށްލުމާ ވިދިގެން އުފެދުނު ހަމަނުޖެހުންތައް މައިތިކުރެއްވުމަށް، ވަގުތީ ބޮޑުވަޒީރު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ގާނޫނީ ވަކީލުންތަކެއް، މިދިޔަ ހުކުރު ދުވަހު ވަނީ އާ ރައީސަކު ކަނޑައަޅައި އިއުލާން ކޮށްފަ އެވެ. ވަގުތީ ބޮޑުވަޒީރާ ދެކޮޅަށް، އެމީހުން ހައިޓީގެ ރައީސްގެ ގޮތުގައި އިއުލާން ކުރީ، މިހާރު އުވާލާފައިވާ ސެނެޓްގެ ރައީސް ޖޯސެފް ލަމްބާޓް އެވެ. އޭގެ އިތުރުން ގައުމުގެ ބޮޑުވަޒީރުގެ ގޮތުގައި އެމީހުން އިއުލާން ކޮށްފައިވަނީ، އެރިއަލް ހެންރީ އެވެ.

އެރިއަލް ހެންރީ އަކީ، ޖޯސެފް ލަމްބާޓްގެ ބަދަލުގައި ސެނެޓްގެ ރައީސް ކަމަށް އައްޔަންކުރެއްވުމަށް، އަވަހާރަކޮށްލި ރައީސް ޖޮވެނެލް ހޮއްވަވާފައިވާ ބޭފުޅާ އެވެ.

ވަގުތީ ބޮޑުވަޒީރު ކްލައުޑް ޖޯސެފް ވިދާޅުވީ، ގައުމުގެ ރައީސް އަވަހާރަކޮށްލި ހާދިސާގެ ސިޔާސީ ނާޖާއިޒު ފައިދާތަކެއް ނަގަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަމަށް ތަޅާފޮޅުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށާއި ހައިޓީގައި ރައީސަކު ކަނޑައެޅޭނެ އޮތީ އެންމެ ގޮތެއް ކަމަށެވެ. އެއީ ހަމައެކަނި އާންމު ރައްޔިތުންގެ ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

11 July 2021

މުޅި ކެރީބިއަންގަ އޮތް އެންމެ ފަގީރު ގައުމު އެއީ ނުލަފާ ގޭންގްތަކުން ރަސްކަންކުރާ ތަނެއް.މިމަގުން ކަންހިނގަން މެދުވެރިވީ ގައުމުގަ ކުރިން ވެރިކަންކުރި މީހުންގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން.ރާއްޖޭގެ އާމީ ވަރަށް ރަނގަޅަށް ހައިޓީ ހަމަޔަކަށް އަޅުވާލެވިދާނެ.އެމީހުންގެ ފުރަތަމަ ސުވާލަކަށް ވާނީ ''މިފަދަ ކަމެއް ހިނގަން އުޅުނުއިރު ރައްޔިތަކަށް ހިލަމެއް ވެސް ނުވޭ ތަ؟/! ''. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454