12 ޖުލައި 2021 - 14:37
ކޮވިޑް-19ގެ ބަލިމަޑުކަން މުޅި އިންޑޮނީޝިޔާ އަށް ފެތުރި، ގައުމުގެ ހޮސްޕިޓަލްތައް ފުރި ފަރުވާ ދެވޭނެ ގޮތެއް ނެތި، އޮކްސިޖަން ލިބުން ދަތިވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ވެރިރަށް ޖަކާޓާގައި އޮކްސިޖަން ވިއްކާ ފިހާރަތައް ދޮށުގައި މިހާރު ވަނީ ދިގު ކިޔޫތައް ދަމާލައިފަ އެވެ. އަމިއްލަ ފިހާރަތަކުން އޮކްސިޖަން ގަންނަން ގިނަ ބަޔަކު ކިޔޫ ހަދާފައި މިވަނީ، ހޮސްޕިޓަލްތައް ފުރުމުގެ ސަބަބުން، ހޮސްޕިޓަލްތަކުން އިތުރު މީހުންނަށް ފަރުވާ ދެވެން ނެތުމުންނެވެ. އެހެން ކަމުން އަމިއްލަ ފިހާރަތަކުން ކުދި އޮކްސިޖަން ޓޭންކުތައް ގަނެގެން ގެއަށް ގެންގޮސް ބަލިމީހުންނަށް ފަރުވާ ދެނީ އެވެ.
ޖަކާޓާގެ ފިހާރައެއް ދޮށުގައި ކިޔޫގައި ހުރި މީހަކު އަލްޖަޒީރާ ވެބްސައިޓަށް ބުނި ގޮތުގައި އޭނާގެ މަންމަ އަށް ކޮވިޑް ޖެހިގެން، ނޭވާ ލާން އުނދަގޫވާން ފެށުމުން، ފަރުވާ ދިނުމަށްޓަކައި އެތައް ހޮސްޕިޓަލަކަށް ގެންދިޔަ އެވެ. ނަމަވެސް އެތަންތަން ފުރިފައި ހުރުމުން، އެއްވެސް ތަނަކުން މަންމައަށް ފަރުވާ ނުދެވުމުން އަމިއްލަ އަށް އޮކްސިޖަން ގަނެގެން ފަރުވާ ދޭން ނިންމީ އެވެ.
"އެކަމަކު މިއީ ވެސް ވަރަށް ތަކުލީފު ބޮޑު ކަމެއް. އޮކްސިޖަން ވިއްކާ ކަމަށް ބުނި ކިތަންމެ ތަނަކަށް މިހާރު ދެވިއްޖެ. ގިނަ ތަންތަން ހުރީ އޮކްސިޖަން ހުސްވެގެން ބަންދުކޮށްފައި. ހުޅުވާފައި ހުރި ތަންތަނުގައި ވެސް އެތައް ސަތޭކަ ބަޔަކު ދިގު ކިޔޫތަކުގައި އެބަތިބި،" ޕިންޓާ ކިޔާ އަންހެނަކު ބުންޏެވެ.
މިދިޔަ ހަފުތާތަކުގައި ޖަކާޓާގައި އޮކްސިޖަންގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ހޮސްޕިޓަލްތަކުން ޖާގައެއް ހޯދުން ދަތިކަމަކަށް ވެފައިވާތާ މިހާރު ތިން ހަފުތާ ވަނީ އެވެ. އެހެންކަމުން، ކޮވިޑްގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދެވެން މިހާރު އޮތް ހަމައެކަނި ގޮތަކީ އަމިއްލައަށް އޮކްސިޖަން ގަތުމެވެ.
އިންޑޮނީޝިޔާގައި ކޮވިޑްގެ ހާލަތު މިހާރު ގޯސްވަމުން ދަނީ، ކޮވިޑް ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަސް ފެތުރެން ފެށުމާ ގުޅިގެންނެވެ. އެ ގައުމުގެ ގިނަ ބަޔަކަށް ވެކްސިން ވެސް ނުޖެހި ވަނިކޮށް ޑެލްޓާ ބާވަތުގެ ވައިރަސް ފެތުރެން ފެށުމުން، ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މާ ބޮޑު ނަތީޖާއެއް ނުފެނުނެވެ.
މުޅި ދުނިޔެ އިން މިހާތަނަށް 187.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އިންޑޮނީޝިޔާ އިން 2.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 66 ހާސް މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy