ރިޕޯޓް / އެމްޑީޕީ

ނަފުރަތުގެ ބިލް: އެމްޑީޕީ ފަޅައިގެން ދިޔަ އެއް ސަބަބު!

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އޮތީ ދެ ފެކްޝަނެއް. އެއީ "ސަރުކާރު ފެކްޝަން" އަދި "ރައީސް ނަޝީދު ފެކްޝަން". ދެ ފެކްޝަނުގެ އަރައިރުން މަޖިލީހުގައި އެންމެ ގަދަވީ މަޖިލީހުގެ މި އަަހަރުގެ ދެވަނަ ދައުރު ނިމެން ދިޔައިރު

އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެޕާޓީގެ ތެރޭގައި ބޮޑު ބައިބައިވުމެއް އެބަ އޮތް.-- ފޮޓޯތައް: ހުސެން ވަހީދު/ މިހާރު

މީގެ ކުރިން އުފެދުނު އެއްވެސް ހިޔާލުތަފާވުމެއްގައި އެމްޑީޕީ މިހާރު ބައިވެފައި އެވާ ވަރަށް ބައިބައި ވެފައެއް ނެތެވެ. އެކަމަކު ހިޔާލުތަފާތުވުންތައް އުފެދިފައި އެބަހުއްޓެވެ. އެކަން ހައްލު ވެސް ކުރެ އެވެ. އެކަމަކު، މިހާރު މިއޮތީ ހައްލު ނުކުރެވޭ ހިސާބަށް މައްސަލަ ގޯސް ވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ސިޔާސީ ގޮތުން ދެމި ނުހުންނެވޭނެ ކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެމްޑީޕީގެ އަތުގައި އޮއްވައި އެ ޕާޓީ މިވަރަށް ދެފަޅިވީ ކީއްވެތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެ އެވެ. އެކަަމަކު ރައްޔިތުންގެ މަޖިލީހުގައި މިފަހުން ކުރި ބަހުސްތަކުން އެކަން ވަރަށް ރަނގަޅަށް ސާފުވާން އެބަ އޮތެވެ. އެ ބަހުސްތަކުން އެނގޭ ގޮތުގައި ޖެހިގެން މިއުޅެނީ ފިކުރީ މައްސަލަ އެކެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުން ދެ ފިކުރެއްގައި މަސައްކަތްކުރައްވާތާ މިހާރު އެތައް ދުވަހެެއް ވެއްޖެ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އޮތީ ދެ ފެކްޝަނެކެވެ. އެއީ "ސަރުކާރު ފެކްޝަން" އަދި "ރައީސް ނަޝީދު ފެކްޝަން" އެވެ. ދެ ފެކްޝަނުގެ އަރައިރުން މަޖިލީހުގައި އެންމެ ގަދަވީ މަޖިލީހުގެ މި އަަހަރުގެ ދެވަނަ ދައުރު ނިމެން ދިޔައިރު އެވެ. އެގޮތުން މިދިޔަ ހަފްތާގައި ބޭއްވި މި ދައުުރުގެ އެންމެ ފަހު ޖަލްސާތަކުގައި ކުރީ ވަރަށް ހޫނު ބަހުސްތަކެކެވެ. އެ ހުރިހާ ހިޔާލުތަފާތުވުންތަކެއްގެ ވެސް އަސްލަކީ އެންމެ މައްސަލަ އެކެވެ.

އެކަމަކު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މި ވާހަކައާ ދެކޮޅެވެ. އޭނާ ވިދާޅުވި ގޮތުގައި ނަފުރަތު ހުއްޓުވާ ބިލުގެ ހޫނު ބަހުސާ ހިސާބަށް އައި އިރު ވެސް ބައިބައިވުން އޮތީ ވަރަށް މައްޗަށް ގޮސްފަ އެވެ. އޭގެ ސަބަބުތަކުގެ ގޮތުގައި އޭނާ ގަބޫލުކުރައްވާ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ އެމްޑީޕީގެ އެތެރޭގައި ހިނގަން ޖެހޭ ޑިމޮކްރެޓިކް ޕްރޮސެސް ރަނގަޅަށް ނުހިނގުމެވެ. ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ވެސް ގުޅުން ހުންނަ މުހިއްމު ކަންތައްތަކުގެ ބަހުސްތައް ސިއްރު ކުރުމަކީ އޭގެ އެއް ކަންތަކެވެ.

"މިސާލަކަށް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް އާއްމުކޮށް ހުޅުވައި ނުލިޔަސް، އެންމެ ކުޑަމިނުން ޕާޓީގެ މެމްބަރުންނަށް އެނގެންވާނެ ބަހުސް ހިނގަނީ ކޮން ކަމަކާ ކަން. ނިންމީ ކޮންކޮން ނިންމުމެއްކަން. މިއީ އެތެރޭގެ ޑިމޮކްރެޓިކް ޕްރޮސެސް އޮންނަން ޖެހޭނެ ގޮތަކީ. އެކަމަކު ފަހަކަށް އައިސް އެހެނެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަފުރަތު ހުއްޓުވާ ބިލަކީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމުގެ ހަމައެކަނި ސަބަބެއް ނޫނެވެ. އެބިލްގެ މައްސަލައާ ހިސާބަށް އައީ ވަރަށް މެމްބަރުން ނުރުހޭ ގޮތަށް ގިނަ ކަންތައްތަކެެއް ހިނގަމުން "ހީޓްއަޕް" ވަމުންނެވެ. އެކަމަކު އެ ބިލް ޕާކް ކުރި ހިސާބަކީ އެ ހުރިހާ ކަމެއް ފަޅައިގެން ދިޔަ ހިސާބެވެ.

އެމްޑީޕީގެ ލީޑަޝިޕް ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި: ޕާޓީ ތެރެ ވަނީ ބައިބައިވެފައި -- ފައިލް ފޮޓޯ: މިހާރު

"އެ ބިލާ މެދު ކަންތައްވީ ގޮތް އެެއީ މި ބައިބައިވުމުގެ ހަމައެކަނި ސަބަބެއް ނޫން. އެތައް ދުވަހަކުއްސުރެ، އެތައް ކަމެއް ހިނގަމުން އައިސް އެ ދުވަސް އެއީ އެންމެ ބޮޑަށް މައްސަލަ ޖެހުނު ދުވަސް،" އޭނާ ވިދާޅުވި އެވެ.

ނަފުރަތުގެ ބިލު ބޭރުކޮށްލަން މަސައްކަތް ކުރުން

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައިލި އިރު، އެ ދުވަހު ދެ ޖަލްސާ ބޭއްވި އެވެ. އެ ދުވަހު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތް އެންމެ ބޮޑު ކަމަކަށް އޮތީ އަގީދާއާ ގުޅުވައިގެން ނަަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާން ހުށަހެޅި ބިލުގެ އެންމެ ފަހު ބަހުސެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބޭއްވި ޖަލްސާގައި ފާސްކުރެވެން އޮތެވެ. އެކަމަކު އެ ރިޕޯޓް މަޖިލީހުގެ ތަަޅުމަށް ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައި، ވަރަށް ހޫނު ބަހުސެއް ކުރި އެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވި، މެމްބަރަކު ވިދާޅުވި ގޮތުގައި ނަފުރަތު ހުއްޓުވުމުގެ ބިލާ މެދު އެމްޑީޕީ ޕީޖީ ގްރޫޕްްގައި އުފެދުނު ހިޔާލުތަފާތުވުމަކީ ފެކްޝަނުގެ އަރައިރުމެއް ނޫނެވެ.

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި ފެކްޝަނުގެ އަރައިރުމެއް ނޫން. މީގައި މިއުޅެނީ ހަރުކަށި ފިކުރުގެ މީހުން ފަތުރާާ ވާހަކަތަކުގައި ޖެހިގެން، އުޅުއްވާ މެމްބަރުން ކޮޅަކާ، އެ ފިކުރު ހުއްޓުވަން ބޭނުންވާ މެމްބަރުންްތަކެއްގެ ހިޔާލުތަފާވުމެއް،" ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމުގައި ކުރި ހޫނު ބަހުސަށް ފަހު "މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.

މަޖިލީހުގައި އެ ދުވަހު ކުރިި ހޫނު ބަހުސަަކީ ދެ ފެކްޝަނުގެ އަރައިރުމެއް ކަމަށް މީޑިއާގައި ސިފަކުރުމުން އެ މެމްބަރު ހުންނެވީ ރުހިވަޑައިނުގެންފަ އެވެ.

ކަން ހިނގައިދިޔަ ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ގޮތް ވެސް ވިދާޅުވެދެއްވި އެވެ.

"އެ ދުވަހު ޕީޖީ ބައްދަލުވުމުގައި މަދު މެމްބަރުންކޮޅެއް ހުށަހެޅުއްވީ ބިލު މަޖިލީހުން ބޭރުކޮށްލަން. އެކަމަކު އެހެން ގިނަ މެމްބަރުން އެދިވަަޑައިގަތީ ބިލަށް ބަދަލުތަކެއް ގެނެސްގެން ފާސްކުރަން. ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ގޮތަށް ފާސްކުރަން އެދިވަޑައިގެންނެވި މެމްބަރުން ވެސް ތިއްބެވި،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އަށް ދޭތެރެ މެދުގެ ހައްލެއް އެ ދުވަހު ހޯދި އެވެ. އެއީ ބިލު އަލުން ކޮމިޓީ އަށްް ގެންގޮސް، އިތުރަށް ދިރާސާކުރުމުގެ ހުށަހެޅުމެކެވެ. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހަޅުއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ޕީޖީ ގްރޫޕްގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

އެހެންވީމާ މަޖިލީހުގެ ތަޅުމަށް ބިލުގެ ރިޕޯޓް ހުށަހެޅި އިރު އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެ ރިޕޯޓާ މެދު ކުރަން އޮތް ބަހުސް ހަގީގަތުގައި އޮތީ ނިމިފަ އެވެ. އެކަމަކު ބިލު އަވަހަށް ފާސްކުރަން އެދިވަޑައިގަންނަވާ މެމްބަރުންނަކަށް އެކަމެއް ނުހިފެހެއްޓެވުނެވެ.

ބޮންޑޭ ވިދާޅުވީ ބިލު އަވަހަށް ފާސްކުރަން އެދިވަޑައިގަންނަވާ މެމްބަރުންގެ ނުރުހުން މަޖިލީހުގެ ތަޅުމުން ފެނިގެން ދިޔައީ އެ ބިލު ކޮމިޓީއަށް ގެންގޮސް "ޕާކްކުރުމަކީ" އެ މެމްބަރުން އެދިވަޑައިގަންނަވާ ކަމަަކަށް ނުވާތީ އެވެ. ޕީޖީ ގްރޫޕްގެ ބޮޑު އަޣުލަބިއްޔަތަކުން އެގޮތަށް ފާސްކުރީ އެހެންވިއްޔާ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ އެވަގުތަށް މަސްލަހަތަަށް ޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

"ސަރުކާރުން ބިލު ހުށަހަޅާފައި އެ ބިލަށް އަނެއްކާ ސަރުކާރުގެ ވުޒާރާތަކުން ބޮޑެތި އިސްލާހުތައް ހުށަހަޅައި، ބިލާއި މެދުގައި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ކަންތައްތައް ވަމުން ދިޔައިމާ، އިންޓެންޝަން އޮތް ގޮތް އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓް ތަޅުމަށް ހުށަހެޅުއްވި އިރު، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެން، ޖަޒުބާތުގައި ޖެހިވަޑައިގެންފަ އެވެ. ބިލާ ދެކޮޅު ހަދާ ފަރާތްތަކުން ދައްކާ ވާހަކަ އޭނާ ސިފަކުރެއްވީ ބިލާ އެއްކޮޅު އެންްމެން މަރާ ހިސާބަށް ގެންދަން ދައްކާ ވާހަކައެއްގެ ގޮތުގަ އެވެ.

"ތީގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ވެސް ދެކޮނޑު ދެމެދުގައި ބޮލެއް ވެސް ހުންނާނެ. ވިސްނަވައިލެއްވީމާ، މީގެ ތެރޭގައި އެބަ އޮތްތޯ ދީނާ ހިލާފު ކަމެއް؟ ނޫނިއްޔާ އެއްވެސް [ގޮތަކަށް] އަޅުގަނޑުމެން އުރެދިފައި އެބަ އޮތްތޯ؟ އެއްވެސް ގޯސްކަމެއް އެބަ އޮތްތޯ؟ ދެން މި ބިލުގައިވާ ކަންތައްތަކަކީ ބަލައިނުގަނެވޭނެ ކަންތައްތަކެއް ކަމުގައި ވާހަކަދައްކައިގެން އަޅުގަނޑުމެން އެންމެން މަރާ ހިސާބަށް ގެންދާން، އެ ރާގަށް މަސައްކަތްޕުޅު ކުރެއްވުން އެއީ ރަނގަޅު ގޮތެއްތޯ؟" އިންތި ސުވާލު ކުރެއްވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ބިލާ ބެހޭ ގޮތުން ގޮތްގޮތަށް އަނބުރަނީ ބިލުގައި ނުވެސް ނެތް ވާހަކަތަކެއް ކަމަށެވެ. އެގޮތަށް ވާހަކަ ނުދައްކަވަން އޭނާ އެދިވަޑައިގެންނެވި އެވެ. ސަރުކާރުން އެ ބިލު ފޮނުވާފައި، ބިލު ސްޕޮންސާކުރެއްވި މެމްބަރު ދިފާއު ނުކުރާތީ އެކަން ވެސް އޭނާ ކުށްވެރިކުރެއްވި އެވެ.

ނަފުރަތު އުފެއްދުމަކީ ކުށަކަށް ހަދަން ސަރުކާރުން ބިލެއް ހުށަހެޅީ ނަޝީދު އަވަހާރަށްކޮށްލަން ބަޔަކު ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއަަކީ އެމަނިކުފާނާ ދެކޮޅަށް ތަކުރާރުކޮށް ރާއްޖޭގައި އުފައްދަމުން ގެންދިތަ ނަފުރަތުގެ ސަބަބުން ވީ ކަމެއްކަން ރައްޔިތުންގެ މަޖިލީހުން ހެދި އިންކްއަަރީގެ ރިޕޯޓުން އެނގެ އެވެ. ހަމަލާދިން އިރު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކްއަރީގެ ރިޕޯޓް ފާސްކުރަން ބުރާސްފަތިދުވަހުގެ ރޭ ބޭއްވި، އެ ދުވަހުގެ ދެވަނަ ޖަލްސާގައި ވައްޑޭ އެ ވާހަަކަ ވަރަށް ސާފުކޮށް ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން އެ ދުވަހު ބަންޑާރަނައިބު ވިދާޅުވީ ބިލެއް އެބަ ހުށަހަަޅަމޭ. އެ ބިލާ ދޭތެރޭ ކަންކުރެއްވި ގޮތުން،، އަޅުގަނޑުމެންނަށް މި އިންކްއަރީ ރިޕޯޯޓްގައި މިހިރަ ރިކޮމެންޑޭޝަންތަކާ، މިއިން ފާހަގަވެފައި ހުރި، އިސްލާހުކުރަން މިމަޖިލީހުން ހުށަހަޅާ ކަންކަން އިހުލާސްތެރިކަމާ އެކުގައި ތަންފީޒުކޮށްދެއްވާނެ ކަމާ މެދު އަޅުގަނޑުމެންނަށް ސުވާލު އުފެދޭ މިހާރު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންކްއަރީ ރިޕޯޓްގައިވާ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލުކޮށްފާނެ ކަަމަށް ގަބޫލުނުކުރެވެނީ އެ ބިލާ މެދު އަމަލުކުރި ގޮތުން ކަމަށެވެ. އޭނާއާއި ނަޝީދުގެ އަރިސް އެހެން ބައެއް ބޭފުޅުން ވެސް ދައްކަވާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަކީ ހަމަލާއާ ގުޅިގެން މިހާރުން މިހާރަށް ފާސްކުރަން ޖެހޭ ބިލެކެވެ. އެހެނީ އެ ހަމަލާގެ އަސްލު ސަބަބުކަމަށް އެބޭފުޅުން ގަބޫލުކުރައްވަނީ ނަޝީދާ ދެކޮޅަށް ދީނީގޮތުން އުފެއްދި ނަފުރަތެވެ.

މި ވާހަކަތަކުން ސާފުވާ ހަގީގަތަކީ ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު ފާސްނުވެ އޮތް އޮތުމަކީ ސީދާ ސަރުކާރުން އެކަން އެގޮތަށް ކުރަން ބޭނުންވެގެން ކަން ހިނގާފައިވާ ގޮތް ކަމަށް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގަބޫލުކުރައްވާ ކަމެވެ.

އެމްޑީޕީގެ އެތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާއި އަދި "އެ ފިކުރުގެ ތެރޭގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާށިވެފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އޭގެ އެއް މާނަ ގޮސް ގުޅިފައި ވަނީ ވެސް މި ބިލާ އެވެ.

މިދިޔަ ދެތިން ދުވަހު ނަޝީދު ދެއްކެވި އެކިއެކި ވާހަކަފުޅުތަކުން ހީވަނީ ދެން އަލުން އެއްބައިވަންތަ ނުވެވޭ ވަރަށް އެމްޑީޕީ ދެފަޅިވީ ކަަމަށެވެ؛ އެކަމަކު މެމްބްރު އިބްރާހީމް ރަޝީދު ވިދާޅުވީ އެއީ އަދި ހައްލުވާނެ ކަމެއް ކަމަށެވެ. އެކަން ހައްލުވާނީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެޓިކް ޕްރޮސެސް ކުރިން އޮތް ވަރަށް ހަރުދަނާވުމުން މައްސަލަ އޮންނާނީ ހައްލުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޖީގެ ނިންމުންތަކާ، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މިހާރަށް ވުރެ އޯޕަންވެ، ޕާޓީން ކުރިން ގެންގުޅުނު އުސޫލުތައް އިއާދަވީމާ މައްސަލަތައް އޮންނާނީ ހައްލުވެފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަފްރަތުއުފެއްދުން ކުށަަކަށް ހަދާ ބިލު އަލުން ފާސްކުރަން ދެން މަސައްކަތްތަކެއް ކުރާނެކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންވީމާ މައްސަލަ އިތުރަށް ހޫނުވުމުގެ ފުރުސަތެއް ނެތެވެ.

28 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުބޫތު

14 July 2021

މީގެކުރީގަ ރާއްޖެ ޓީވީ އިން ހަމައެގޮތަށްޔާމީނުއޭ ކިޔައިގެންވެސް އޭތމޭތި ދެއްކި , އަދި ދުވަހަކު އިންސާނަކާ ދިމާލަށް މީހަކު ކިޔަންނުވާފަދަ ބަހުރުވައިން ތިޔަ ނަޝީދުއާ އެމްޑީޕީފެ ބައިގަނޑުވަނީ ވާހަކަދައްކާ ޔާމީނަށް ފުރައްސާރަ ކޮށްފަ އެކަމަކީ ހަމަ ޑިމޮކްރަސީވެގެން ކުރި ކަންތައް .އެހެން ބަޔަކު ކުރީމަވަނީ ނަފްރަތު އުފެއްދުން ކަމަށް ވާހް!ތިމާގެ ގުދެއް ނުފެންނާނެ .އަނެކާގެ ގުދު ފެންނާނީ.

The name is already taken The name is available. Register?

އަލިބޭ

15 July 2021

އިންތިވެސް އީވާވެސް ވަރަށް ހުތުރުކޮށް މީހުންނާމެދު ނަފްރަތު އުފެދޭގޮތަށް ވާހަކަ ދައްކާފަ އެބަހުރި

The name is already taken The name is available. Register?

ތެދު

14 July 2021

މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅު ނިކަން ދެކެބަލަ. އެމީހުންގެ ނުބައި ރޭވުން އެކަލާންގެ އެވަނީ ހާމަ ކުރައްވާ އެބައިމީހުން ބައިބައި ކުރައްވާފަ.

The name is already taken The name is available. Register?

މީހަކު މީހަކު

14 July 2021

މައްސަލަތައް ޙައްލުކުރަން ބޮންދޭމެންފަދަ ޤާބިލް، މޮޅު، ހުނަރުވެރި ތަޖްރިބާކާރުން ނުކުތީމަ ކޮންމެ މައްސަލައެއްވެސް ޙައްލުވާނެ

The name is already taken The name is available. Register?

މުޙުއްމާ

14 July 2021

އައްނި ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފަވެސް ވެރިަން. އެކަން ނުލިބެންޏާ ތިމައްސަލަ ޙައްލެއްނުވާނެ. ތިބިލް މިރާއްޖޭގަ ތިބި ދީނީ ޢިލްމްވެރިން ލައްވާ އިސްލާޙް ކޮށްބަލަ މަޖްލިހަކު ނެތޭ ތި އިސްލާޙް ކުރެވޭވަރަށް ދީން އެގޭ ބަޔަކު.

The name is already taken The name is available. Register?

އަބްދުއްލަތީފުއުމްރާނީ

14 July 2021

ބަލަގަ ނަފުރަތުގެ ބިލަކުންނޫން. އެ ބިލު އުފެދެން ޖެހުނީ ހައްދުފަނަ އަޅާފަތިބި ދިވެހި ދަރިންތަކެއް މީހުން މަރާ، ތަންތަން ގޮއްވާތީ. އަދި ދިވެހި މުއްލާއިން އެވެރިންގެ ދިފާއުގެ އިކި ކަހަލަ ސްޓޯރީޖައްސާއިގެން ނުކުމެއުޅޭތީ. ތުބުޅިތަކުގަ ކުލަޖައްސާއިގެން އަންހެންވެރިން ކަވަރަށްލައްވައިގެން މުޅި މުޖުތަމައް ބިރުވެރިކަމާއި ނަފުރަތައްގޮސް ހުސްކޮށްލީމާ.

The name is already taken The name is available. Register?

އިހޫ

15 July 2021

ދީނީ ގޮތުން ހައްދުފަހަނައަޅާ މީހުން، މީހުން މަރަމުން ގެންދިޔައީ ކިހިނެތް ވެގެންތޯ؟މީހަކަށް ނޭގި އޮޅިގެން އެއްޗެއް ބުނެވުނީމާ އެމީހަކާ ދޭތެރޭ ނަފުރަތު އުފައްދާ މަރަންގޮވާ މިކަންތައްތައް އާންމުވެގެން މިދަނީ..! މަސްތުވާ ތަކެއްޗަކީ މިހުރިހާ ކަމެއް ދިވެހިންގެ ފަރާތުން ފެނިގެންދިޔަ މައިގަނޑު ސަބަބު..

The name is already taken The name is available. Register?

ހ‫ީޓްއަޕްޕާކްޑް

14 July 2021

ސ‫ަލާމަތީ ކަންކަން އެއްވެސް ވަރަކަށް ނޭނގޭ ބަޔަކު 241 އަށް ލައިގެން އަތަށް ގޮވާނީ.

The name is already taken The name is available. Register?

ސޯބު

14 July 2021

ނަފުރަތާއި ރުޅިވެރިކަމަކީ ތިމާ އަމިއްލައަށްވެސް ހޯދޭ އެއްޗެއް ކަމެއް ނޭގޭތަ؟

The name is already taken The name is available. Register?

ސަލީމު އިދުރީސް

14 July 2021

އަގަނޑު ހިތައް އިލުހާމްވަނީ މިއޫޅޭ އަންހެނުން ހިތާނުކުރުމާ ހައިލުވީމަ ބޮޑުމީހަކައް ވީއްޔޭކިޔާފަ ތުއްތު ކުދިން މީހަކާދެވަން ގޮވާ ބައިގަނޑު ހަމާލާއިން މާތްﷲ މުހަންމަދުނަސީދު ސަލާމަތް ކުރެއްވީ އެމަނިކުފާނައް އެކަލާންގެ މިގައުމުގެ ވެރިކަންދޭއްވާ މިބައިގަނޑު ކުޑަކަކޫޖަހޫވާ ހަމަބިމައް ތިރިކޮއް ތަހުޒީބު ގައުމަކައް މިގައުމު ވާން އެކަލާންގެ އިރާދަފުޅުގަ އޮތީމަހެން! ހުރިހާކަމެއް ދެނެވޮޑި ގެންވަނީ އެކަލާންގެ

The name is already taken The name is available. Register?

އަލިކޮއި

14 July 2021

ބޮންޑޭ އެބުނީ މަތިއޮމާންކޮށް. ހަގީގަތަކީ ތި ޕާޓީގެ އޮތީ ޑިމޮކްރަޓިކް ގޮތުގެ ބަދަލުގައި، އަންނި ބޮސް ބުނާ އެއްޗަކަށް ތަބާވުމުގެ ފިކުރުކަން. ޑިމޮކްރަސީ ގެނައި މީހުން ޑިކްޓޭޓަރުންނަށްވެފައިވީކަން. މީހަކު ބޮޑުވަޒީރުކަމަށް އައުމަށް ޖެހި ސިޔާސީ ސްޓަންޓެއްކަން. މިކަންނޭގޭ އެއްވެސް މީހެއް ހުރިހެނެއް ހިއެއްނުވޭ. ބޮންޑޭ އޮޅުވާނުލާ. ތިބޭފުޅާގެ އަގަ ތާހިރުކަން މަޖިލިސް ޓީވީން ނިކަންރީތިކޮށް ފެނޭ. ދިސް އިޒްނޮޓް އެބައުޓް ސިޓިޒަންސް. އިޓްނެވާ ވޯޒް.

The name is already taken The name is available. Register?

ފަހާ

14 July 2021

ސަރުކާރުން ހުށަހެޅި ބިލެއް ނަފްރަތުގެ ބިލަކީ ހިސާގެ ބިލެއް ނޫން އެއީ. ކޮންމެ ކަމެއް ކުރަނީވެސް ނަސީދާ އިބޫ ސޯލިހާ ރާވައިގެން ރައްޔިތުންނަށް ވިސްނޭނެ ތި 2 ރައީސުންންނަކީ މަކަރުވެރިންކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454