12 ޖުލައި 2021 - 19:17
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާއި އަދި "އެ ފިކުރުގެ ތެރޭގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާށިވެފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު މިހެން ވިދާޅުވީ، ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވައި، އެ ޕާޓީގެ އިސްވެރިން ތިއްބަވާ ވަޓްސްއެޕް ގުރޫޕްތަކަށް ފޮނުއްވި މެސެޖުތަކެއްގަ އެވެ.
ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅޭ މީހުންގެ ކޯލިޝަނެއް ކަމަށެވެ.
"އެއީ ޕީޕީއެމް ވިޔަސް، މިހާރު މިކަން މާ މުހިންމު،" ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން ދޭހަވާ މޭރުމަކުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެ ވާހަކަތައް ޔާމީންގެ އަރިހުގައި ދެއްކެވުން މުހިންމެވެ.
"އެ ވެރިން [ހަރުކަށި ފިކުރުގެ މީހުން] އެ ތައްޔާރުވަނީ ހަނގުރާމަ އަށް. އަޅުގަނޑުމެން ކޯލިޝަނަށްޓަކައި އެ މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ،" ނަޝީދު ވިދާޅުވި އެވެ.
ބޭރުގެ ބައެއް އެޖެންސީތަކުން ލިބިވަޑައިގެންފައިވާ މައުލޫމާތުތަކާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން އަންނަނީ ރާއްޖޭގައި ހަނގުރާމައެއް ކުރުމަށް ތައްޔާރުވަމުން ކަމަށެވެ. އަދި އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފައިބައި، އެ ތަނަށް ތާލިބާނުން ދިއުމުން އެކޮޅާއި މިކޮޅު މާ ގުޅޭނެ ކަމަށާއި ، ރާއްޖޭގައި އެ ފިކުރުގެ 1،000 މީހުން އެބަ އުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފަޅު ރަށްރަށަށް ގޮސް ތަމްރީނު ވާނީ. ކަންނެލި އޮޑިތަކުގައި އާއި ޑިންގީގައި އަދި ލޯންޗުފަހަރުގައި އުޅޭނީ،" ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ތަމްރީނުވާ ގޮތް ކިޔައި ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭ ކަމަށާއި ބޭނުންފުޅުވަނީ ވެރިކަން ނޫން ކަމަށެވެ.
"ވެރިކަމެއް ބޭނުމެއް ނޫން. އެކަން ވެސް ކުރެވިއްޖެ. ނުކުރެވޭ އެއްކަމެއް ވެސް ނެތް،" ތިން އަހަރު ދުވަހުގެ ވެރިކަމަށް ފަހު އިސްތިއުފާ ދެއްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން ނަޝީދު މިއަދު އިއުލާން ކުރެއްވިއިރު، އެ ދެ ބޭފުޅުން އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުން އުޅޭތާ ކިތަންމެ ދުވަހެކެވެ. ހާއްސަކޮށް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ނަޝީދު ވަނީ ފަހަކަށް އައިސް ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާުލު ތަފާތުވުންތަކުގެ ނަތީޖާއަކީ މިހާރު އެމްޑީޕީ ދެބައިވެ ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަން އޮތްކަން މިހާރު އެންމެ ފަސޭހައިން ފެންނަ އެއް މާލަމަކީ ރައްޔިތުންގެ މަޖިލީހެވެ.
ރައީސާއި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސިޔާސީ ގޮތުން ރައީސާ ހިޔާލު ތަފާތު ނަމަވެސް ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށެވެ.
"އަޅުގަނޑުގެ ދަރިންގެ އިބޫދޮންބެއޭ އެއީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ އޮތް އާއިލީ ގާތްކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ "މައްސަލައެއް ޖެހިގެން" ނޫޅުއްވާ ކަމަށާއި "ނުވެސް ޖެހޭނެ" ކަމަށެވެ.
"އެކަމަކު އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާއާ މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތު،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
14 July 2021
ހާދަފަހުން ގެޓްވީ! ހިމަންދޫ "ހަނގުރާމަ" އިން އަހަރުމެނަށް ތިކަން އޮތީ އެނގިފަ.
ސަކޫން
14 July 2021
މީނާ މިދައްކާ ވާހަކައާ ބެހޭގޮތުން ނާޒިމް ސައްތާރު ބުނަނީ ކީކޭތޯ ބަލާލަން ބޭނުންވޭ
ވަހުތާން
13 July 2021
މިއީ ދެ ފިކުރުގެ އައްޕައަށްވެ ވާހަކަ ނިމުނީޔޯ؟ އެއީ މަޑު ފިކުރާއި ހަރު ފިކުރު!
ނަންޓީ
13 July 2021
މައުމޫން ވެރިކަމުން ބާލަން ގޮވީ އަންނިއާ އަންނިގެ ފަހަތުން ދުވި މީހުންވެސް އިންތިހާއަށް ހަރުކަށިވީމަ. މައުމޫނަކީ އަންނި ބޭނުންވާ މެދުމިން ދީނުގަ ގެންގުޅޭ މީހެއް. އެކަމު ވެރިކަން ބޭނުންވިލެއް ބޮޑުކަމުން މައުމޫން ބާލަންވެގެން ހަރުކަށި މީހުންނާވެސް އަތުގުޅީ އަދި ސިޔާސީ މަގްސަދުގައި އެމީހުންގެ ދޫތަކަށް ފަހުން އެތައް މިނިވަންކަމެއްވެސް ދިނީ. އެންމެ ފަހުން ބޮމެއް ގޮއްވާލައި ތިމާގެ ފުރާނައަށް ނުރައްކާވުމުން ތިޔަ ހޭ އެރީ.
ރަދީފްއޮފިޝިއަލް
13 July 2021
މިނޫނީ މިއަހަރު އަދި ނަޝީދު ތެދެއް ނުބުނޭ.ހަރުކަށި ފިކުރުގެ މީހުން އެންމެ ގިނަވާނީ އެމްޑީޕީގަ.
މުޙުއްމާ
13 July 2021
ވެރިކަމާއިހެދި މީހަކު ބޫތްކާނީ މިވަރަށް. ވެރިކަން ނުލިބިގެން މީނަ ކޮންމެ މޮޔައެއްވެސް ގޮވާފާނެ. ވެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ލިބިއްޖެއްޔާ މީނަ މަރަން ބޮންގޮއްވި މީހާޔާ ވެސް ގުޅެން މީނަ ހުންނާނީ ތައްޔާރަށް.
ޟ އަސްލު
13 July 2021
ތެދުފުޅެއް ހަރުކަޝިވީމަތާ ޕާޓީ ކުދިން މަޖިލީސް ބަހުސުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިސްތިއުފާ އަށް ގޮވަނީ، ހަރުކަށި އެކަނި ނޫން ލަދުވެސް ހަޔާއްވެސް.....؟
އެލެކްސް ކުރުސީ
13 July 2021
ދެން ނެތެއްނު ރަނގަޅު ގޮތެއް. ދެންވީ މީނަ އުޅޭ ގޮތަށް އުޅެންތަ؟ ހެޔޮ ނުވާނެ.
އެމްސް
13 July 2021
މައުމޫނަށް މާބޮޑުކަމެއް ވެފަ ނެތަސް، ހަރުކަށި ފިކުރަށް އޭނާ ޖާގައެއް ނުދިން! ދީނީގޮތުންވެސް، ހައްދުފަހަނެޅި މީހުނަށް ފުރަތަމަވެސް ޖާގައެއް ލިބުނީ އެމްޑީޕީ ވެރިކަމުގަ!
ސިޓިޒަން އޮފް މާލެ
13 July 2021
މިއީ އަމިއްލަ އެދުމާއިގެން އުޅެންވި ވަގުތެއްނޫން! ގައުމުގެ އިގްތިސޯދު އާރާސްތު ކުރަންވި ވަގުތު!
އެމްސް
13 July 2021
އެކަމަކަށް ނޫންތޯ ސުކޫކަށްފަހު ސުކޫކެއް ވިއްކަމުން ފިނޭންސް މިނިސްޓރ އެދަނީ!