ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި ސަރުކާރުން ދިނީ ފެންކައްކާ ބޮލީގެ އިއްޒަތްތޯ މަޑުއްވަރީގެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު އައްސަވައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހާއި ޕާޓީގެ ލީޑަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްތަކަށް ފޮނުއްވި މެސެޖެއްގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވިކަން ނަޝީދު އިއުލާން ކުރެއްވުމުންނެވެ.

އެހެންވެ، އަބަދުވެސް ނަޝީދަށް ތައުރީފު ކުރައްވާ މޭރުމަކުން ވަރަށް ގިނައިން ވާހަކަ ދައްކަވާ އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދަށް ޓެރަރިސްޓް ހަމަލާދީ ފުރާނަ އަށް ނުރައްކާވުމުން، އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން ނަޝީދު "ހަވަރަށް" ދިނީތޯ ވިދާޅުވެ ސުވާލު އުފައްދަވައިފަ އެވެ.

"ނޫނީ ފެންކައްކާ ބޮލީގެ އިއްޒަތް ދެއްވީތޯ؟" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އެއްސެވި އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައި އެމްޑީޕީން އެންމެ ގަދަ އަށް ވަކާލާތު ކުރި އަދި "ހޯދައިދޭން ބުނި އިންސާފުގެ ރަހަ ރައީސް ނަޝީދު އަށް ވެސް ހިތި" ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް އާދަމް ޝަރީފް ފާޑުވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ހިޔާލު ތަފާތުވުން ބޮޑުވެ، ސިޔާސީ ގޮތުން ރައީސް ދޫކޮށްލެއްވިކަން ނަޝީދު މިއަދު އިއުލާން ކުރެއްވިއިރު، އެ މަނިކުފާނުގެ ވިސްނުންފުޅު ބޮޑަށް ހުރީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

ނަމަވެސް މިހާތަނަށް އާންމުވެފައިވާ މެެސެޖުތަކުން އެނގޭ ގޮތުގައި ނަޝީދު ގަބޫލުފުޅު ކުރައްވަނީ ޔާމީނާއި ޕީޕީއެމް ދީނީ ގޮތުން ގެންގުޅެނީ މެދުމިނުގެ ސިޔާސަތެކެވެ. ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަމަށް ނަޝީދު އެދިވަޑައިގަންނަވާ މައިގަނޑު ސަބަބެއް ކަމަށް ވިދާޅުވަނީ އެ ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާުލު ތަފާތުވުންތަކުގެ ނަތީޖާ އަކީ މިހާރު އެމްޑީޕީ ދެބައިވެ، ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަން އޮތްކަން މިހާރު އެންމެ ފަސޭހައިން ފެންނަ އެއް މާލަމަކީ ރައްޔިތުންގެ މަޖިލީހެވެ.

ރައީސާއި އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސިޔާސީ ގޮތުން ރައީސާ ހިޔާލު ތަފާތު ނަމަވެސް ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ "މައްސަލައެއް ޖެހިގެން" ނޫޅުއްވާ ކަމަށާއި "ނުވެސް ޖެހޭނެ" ކަމަށެވެ.