ދުނިޔެ / ހަރީރީ

ސައުދު ހަރީރީގެ އާ ސަރުކާރުގެ ހުށަހެޅުން ލެބަނަންގެ ރައީސަށް

15 ޖުލައި 2021 - 09:07

ލެބަނާންގައި ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު ލިބިވަޑައިގެން ހުންނެވި، ކުރީގެ ބޮޑުވަޒީރު ސައުދު ހަރީރީ، އަނެއްކާ ވެސް އާ ސަރުކާރެއް އެކުލަވައިލެއްވުމަށް އޭނާ ގަސްދުކުރައްވާ ގޮތުގެ ހުށަހެޅުއްވުމެއް، ލެބަނަންގެ ރައީސް މިޝޭލް އައުންއާ އިއްޔެ ހިއްސާ ކުރައްވައިފި އެވެ.

ސައުދު ހަރީރީ މިފަހަރު އެކުލަވައިލައްވާ ސަރުކާރުގައި 24 ވަޒީރުން ތިއްބަވާނެ އެވެ. ރައީސް މިޝޭލް އައުންއާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު، ސައުދު ވިދާޅުވީ އާ ސަރުކާރާ މެދު ރައީސް މިޝޭލް އައުން ދެކެވަޑައިގަންނަވާ ގޮތެއް މިއަދުގެ ވަގުތެއްގައި، އޭނާއާ ހިއްސާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެރިރަށް ބައިރޫތުގެ ކަނޑުގެ ބަނދަރުގައި ހިނގި ކެމިކަލް ގުދަނެއް ގޮވުމުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން، އޭރު އޮތް ސަރުކާރު އިސްތިއުފާ ދިނުމާ ގުޅިގެން، ލެބަނަން ވަނީ ސަރުކާރެއް އެކުލަވައިނުލެވި ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ. އޭގެ ސަބަބުން ގައުމުގެ އިގްތިސާދު ހީނަރުވެ، އާންމު ރައްޔިތުންގެ މެދުގައި ނުތަވަސްކަން އުފެދި، ބައެއް ސަރަހައްދުތަކުގައި އަންނަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، ފިހާރަތަކާއި ބޭންކު ފަދަ ތަންތަން ލޫޓުވަމުންނެވެ.

ސިޔާސީ ހަމަނުޖެހުމާއި އިގްތިސާދީ ހީނަރުގައި އޮންނަތާ ނުވަ މަސް ފަހުން، އާ ސަރުކާރެއްގެ ހުށަހެޅުން ރައީސް މިޝޭލް އައުންއާ ހިއްސާ ކުރެއްވުމަށް ފަހު، ސައުދު ހަރީރީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަލަށް އެކުލަވައިލާ ސަރުކާރުން ރައްޔިތުންނަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، އަލަށް މިއެކުލަވައިލާ ސަރުކާރަކީ، ގައުމަށް ފާގަތިކަން ގެނެސްދިނުމުގެ ގާބިލްކަން ލިބިގެންވާ ސަރުކާރަކަށް ވާނެ. އަދި ގައުމު މިހާރު ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި، ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ވަރަށް އެކަށީގެންވާ ސަރުކާރެއް،" ސައުދު ހަރީރީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ހުށަހެޅުމެއް ސައުދު ހަރީރީ މި ހުށަހެޅުއްވީ، މި ހަފުތާގައި މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ މަޝްވަރާ ކުރެއްވުމަށް ފަހު، އެނބުރި ވަޑައިގަތުމަށް ފަހު އެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކަށް ފަހު، މިސްރުގެ ރައީސް ސީސީ ވިދާޅުވީ ލުބްނާންގެ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސައުދު ހަރީރީ ކުރައްވާ މަސައްކަތްތަކަށް މިސްރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ލެބަނާންގައި އާ ސަރުކާރެއް އެކުލަވައިލެއްވުމަށް، ރައީސް މިޝޭލް އައުން، ސައުދު ހަރީރީ އަށް ދައުވަތު ދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ދައުވަތާ ގުޅިގެން، ސަރުކާރެއް އެކުލަވައިލެއްވުމުގެ މަސައްކަތް ދެ ފަހަރެއްގެ މަތިން ސައުދު ކުރައްވައިފި އެވެ. ނަމަވެސް ރައީސް މިޝޭލް އައުންއާ އެކު އެއްބަސްވުމަކަށް ނާދެވުމުން، ސަރުކާރެއް އެކުލަވައިނުލެވި ދިގުލައިގެން ދަނީ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454