16 ޖުލައި 2021 - 08:21
ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޯޑުތައް ބައިވެރިކޮށް އެ މީހުންގެ ލޯބި ޓެސްޓްކުރަން ގެނެސްދޭ ޝޯއެއްގެ ގޮތުގައި މަޝްހޫރު "ޓެމްޕްޓޭޝަން އައިލޭންޑް" ގެ ހިންދީ ވާޝަނެއް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތާ އެކު ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޑިޖިޓަލް ޕްލެޓްފޯމަކަށް ހަދާ އެ ޝޯގައި ކަންގަނާ ބައިވެރިވާނީ ހޯސްޓެއްގެ ގޮތުގަ އެވެ. މިކަންވެގެން ދާނީ އޭނާ މިފަދަ ޝޯއެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. "ޓެމްޕްޓޭޝަން އައިލޭންޑް" ގެ ހިންދީ ޝޯގެ މަސައްކަތް ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ފަށާނީ މިހާރު ނިންމަން ހުރި ފިލްމުތަކުގެ މަސައްކަތްތަކުން އަތް ދޫކޮށްލުމަށް ފަހު އެވެ.
ކަންގަނާ މި ވަގުތު އަންނަނީ ހަންގޭރީގައި އެކްޝަން ފިލްމު "ދާކަޅް" ގެ މަސައްކަތްކުރަމުންނެވެ. އަދި އޭނާ ނިންމަން ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ކުޅެން ފަށާފައި އޮތް ވަތަނީ ފިލްމު "ތޭޖާސް" އާއި ޕީރިއަޑް ފިލްމު "އިމަޖެންސީ" ހިމެނެ އެވެ.
ކަންގަނާގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން ހަދާ "އިމަޖެންސީ" އަކީ އޭނާ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކުޅޭ ފިލްމެކެވެ. އޭގައި ކަންގަނާ ކުޅޭނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.
އޭނާ އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ދެވަނަ ބައި "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ" ވެސް ހިމެނެ އެވެ.
ފޮކްސް އާއި ޔޫއެސްއޭ ނެޓްވޯކުން "ޓެމްޕްޓޭޝަން އައިލޭންޑް" ގެ ހަ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. އެއީ 2001 އިން 2021 އަށެވެ. ހަ ވަނަ ސީޒަން ނިންމައިލީ މި އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.
ބޮލީވުޑްގެ ބަތަލާ ކަންގަނާގެ މޮޅު އެކްޓިން ފިލްމުތަކުން މިހާތަނަށް ފެނިފައިވާ އިރު، ހޯސްޓެއްގެ ހުނަރު އޭނަގެ ހުރީ ކިހާ ވަރަކަށްކަން ޔަގީނުން ވެސް "ޓެމްޕްޓޭޝަން އައިލޭންޑް" ހިންދާ ވާޝަނުން އެނގިގެން ދާނެ އެވެ. މި ޝޯ ގެނެސްދޭނީ ކޮން ޕްލެޓްފޯމަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy