ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ ގުޅިގެން އައި ފުރަތަމަ ބޯޓުން ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
18 ޖުލައި 2021 - 21:03
ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދެމުން ދިޔަ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ގޮތުން ބާތިލުކޮށްފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން، ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ވިސާ ދޫކުރުން މެދުކަނޑައިލުމަށް ފަހު، އަލުން އެ ސަރަހައްދުގެ ގައުމުތަކުގެ ޓޫރިސްޓުންނަށް މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ހުޅުވައިލި ނަމަވެސް، އެޗްޕީއޭ އިން އަންގާފައިވާ ގޮތުން މި މަހުގެ ނިޔަލަށް އެ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކުގައި ނުތިބެވޭނެ އެވެ. އެ މީހުންނަށް މި ވަގުތު ދެވޭނީ ހަމައެކަނި ރިސޯޓުތަކަށެވެ.
އެ ގަވައިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންތަކަކަށް ހިދުމަތް ދިން މައްސަލައެއްގައި މާލޭ ސަރަހައްދުގައި ހިންގާ އިތުރު ގެސްޓް ހައުސްއެއްގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައިވާ ކަމަށް މިރޭ ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، އެ ގެސްޓް ހައުސްގެ ނަމެއް ނުބުނެ އެވެ.
Ministry has decided to suspend another guest house in Greater Male' area for failing to comply with @HPA_MV and @MoTmv guidelines regarding accommodating tourists from South Asia. https://t.co/ODcTTJK8sn
— Ministry of Tourism (@MoTmv) July 18, 2021
ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓު --
ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދީގެން ހުޅުމާލޭގައި ހިންގާ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ އިއްޔެ ވެސް ބާތިލު ކުރި އެވެ. އޭގެ އިތުރު ތިން ގެސްޓް ހައުސްއަކަށް އިންޒާރު ވެސް ދިނެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވުމުން ދީފައިވާ ބޮޑެތި ލުއިތަކާއެކު، މި ވަގުތު އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެހެންވެ، އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނާ ހިލާފުވާ ކޮންމެ ގެސްޓް ހައުސްއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހުއްދަ ބާތިލުކުރި ގެސްޓް ހައުސްތަކުގައި ތިބި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް އެ މީހުންގެ ސްޓޭ، ރިސޯޓުތަކަށް ބަދަލު ކުރުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ދެ އެވެ. ސްޓޭ ބަދަލު ނުކުރާ ނަމަ އެ ޓޫރިސްޓުން އެނބުރި ދާން ޖެހޭނެ އެވެ.
އަންނަ މަހުން ފެށިގެން ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ވެސް ގެސްޓް ހައުސްތަކަށް ދެވޭ ގޮތް ހަދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭގެ ކުރިން، ގެސްޓް ހައުސް ހުރި ރަށްރަށުގެ އާބާދީގެ 60 ޕަސެންޓު އަދި ގެސްޓް ހައުސްތަކުގެ 95 ޕަސެންޓު މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބީބު
19 July 2021
ކޮން ދެކުނު އޭޝިޔާއެއް؟ ގައުމެއްގެ ނަން ވެސް ނެތީތަ؟ އުތުރު އެންޓާޓިކާއޭ ކިޔަން ވީނު؟
ކޮރަލް
19 July 2021
އެއްވެސްމީހަކު ކުއްވެރި އެއް ނުވެ އެވެ. ކުއްވެރިވީ ގެސްޓް ހައުސް އެވެ. ގެސްޓް ހައުސް ބަންދު ކޮށްފި އެވެ.
ގަބުޅިބޯކިބާ
19 July 2021
ހާދަ ބިރެކޭ ދޯ އިންޑިއާ ދެކެ މިގަންނަނީ. އިންޑިޢާ ޓޫރިސްޓުންނޭ ބުނަން ނުކެރޭތީ ދެކުނު އޭސިއާއޭ ސައުތު އެފްރިކާއޭ މިކިޔަނީ.
ހަސަނު1
19 July 2021
ބިރުކަނޑާލާފައި އުޅެނކޮށް ދޯ ދެވަނަ ރާޅު ބޮލަށް ބިންދާލީ.. ހަމަ ރަނގަޅު. ގެސްޓްހައުސް ހުންނަ ރަށްރަށުގެ މީހުންގެ %70 ޖަހާފަ ނޫނީ ނުހުޅުވުން މުޅިގައުމަށްވެސް އެންމެ ރަނގަޅީ.