22 ޖުލައި 2021 - 13:39
ކޮވިޑް-19 ބައްޔާ ދެކޮޅަށް އުފައްދާފައިވާ ފައިޒާ ވެކްސިނާއި އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން، ކޮވިޑް ޖައްސާ ވައިރަހުގެ އެންމެ ބާރުގަދަ ބާވަތް ކަމަށްވާ ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ނިއު އިނގްލޭންޑް ޖާނަލް އޮފް މެޑިސިންގެ، ޖުލައި 21، 2021ގެ އަދަދުގައި ޝާއިއުކުރި އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް އެކަށިގެންވާ ރަނގަޅު މިންވަރަކަށް، ފައިޒާ ވެކްސިނާއި އެސްޓްރާޒެނެކާ ވެކްސިން މަސައްކަތް ކުރެ އެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ހަށިގަނޑުގައި، ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ނިސްބަތް ހުރީ 88 ޕަސެންޓްގަ އެވެ. ނަމަވެސް ކޮވިޑްގެ އަލްފާ ބާވަތުވެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތްކުރާ ނިސްބަތަކީ 93.7 ޕަސެންޓެވެ.
މިއާ ޚިލާފަށް އެސްޓްރާޒެނެކާގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ހަށިގަނޑުގައި، ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތް ކުރާ ނިސްބަތަކީ، 67 ޕަސެންޓެވެ. އަދި އަލްފާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް، ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ނިސްބަތަކީ74.5 ޕަސެންޓެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، ފައިޒާ ވެކްސިންގެ އެއް ޑޯޒް ޖެހުމުން، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރާ ނިސްބަތަކީ 36 ޕަސެންޓެވެ. އަދި އެސްޓްރާޒެނެކާ ވެކްސިންގެ އެއް ޑޯޒް ޖެހުމުން، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރާ ނިސްބަތަކީ 30 ޕަސެންޓެވެ.
މި ދެ ވައިރަހާ ބެހޭ ގޮތުން އިޒްރޭލުގައި ކުރި އެހެން ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ފައިޒާ ވެކްސިނާއި އެސްޓްރާޒެނެކާ ވެކްސިން އިން، ކޮވިޑް-19އާ ދެކޮޅަށް ދިފާއު އުފެދޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ، އެ ދެ ވެކްސިންގެ އަސަރު ކުޑަ އެވެ.
އެމެރިކާގެ ބޮސްޓަންގައި ހުންނަ ބޭތު އިސްރާއީލް ޑޭކޮނެސް މެޑިކަލް ސެންޓަރުން ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ އެއް ޑޯޒް ޖެހުމުން ވެސް، ކޮވިޑް ޖައްސާ ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރަށް ރަނގަޅަށް މަސައްކަތް ކުރެ އެވެ. އަދި އަށް މަސް ދުވަސް ވަންދެން ހަށިގަނޑުގައި ކޮވިޑްގެ ދިފާއު ހުންނަ ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.
މިދިޔަ ޖޫން މަހު ރަޝިޔާ އިން ބުނި ގޮތުގައި އެ ގައުމުގައި އުފައްދާފައިވާ ސްޕުޓްނިކް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ވެސް، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރަށް ރަނގަޅަށް މަސައްކަތް ކުރެ އެވެ. އަދި ކޮވިޑް ވައިރަހުގެ އަލްފާ ބާވަތުގެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ނިސްބަތަކީ 92 ޕަސެންޓް ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފުރާސިޔާބު
23 July 2021
ތިޔަވެކްސިން ވިއްކަންވެގެން ހަދައިގެން ދައްކާ ވާހަކައަކާ ބޮޑަށް ވައްތަރީ. މިވައިރަސް އަކީ އެމެރިކާއިން ތައްޔާރުކޮށް ޔޫރަޕުގައި އަޖުމަބަލައި ޗައިނާ އަށް ފައްސާލި ވައިރަހެއް. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ޗައިނާ އަށް މިބަލި ފެތުރުނީ ޔޫރަޕުގައި މިބަލިމަޑުކަން ފެތުރިފައިވަނިކޮށް. މިއީ ޗައިނާ އިނދަޖައްސާލަން އެމެރިކާއާއި ޔޫރަޕު ގުޅިގެން ހިންގި ކަމަކަށް ވުން އެންމެ ބޮޑަށް ގާތީ.
ކަރީމުއްދީން ބާޝާ
22 July 2021
އަވަހަށް 4 އޯޑަރުކުރާންއުޅޭ ނަސީމްބޭ.
ޗައިނާ މީހާ
22 July 2021
ފަހުގެ ދިރާސާގައި ދައްކާގޮތުން އެސްޓްރާޒެނެކާގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ހަށިގަނޑުގައި، ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތް ކުރާ ނިސްބަތަކީ، 67 ޕަސެންޓް..ޗައިނާ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ހަށިގަނޑުގައި، ޑެލްޓާ ބާވަތުގެ ވައިރަހާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތް ކުރާ ނިސްބަތަކީ، 90% މިހާރު ހިތައް އަރާ ޗައިނާ ވެކްސިން ޖެހުން ނަމައޭ!
އަފުރާސިޔާބު
23 July 2021
ބަރާބަރު ވާހަކައެއް. ޗައިނާ ފޭލްކޮށްލަން ހިންގި އަފިހުނުގެ ވަބާ ފާޑުގެ ކަމެއްމީ.