ވާނާ (ކ) އާއި ނާގެލްސްމަން އެކުގައި ލައިޕްޒިގް ގައި މަސައްކަތް ކުރިއިރު --- ފައިލް ފޮޓޯ: އޭއެފްޕީ
27 ޖުލައި 2021 - 11:01
މިޔުނިކު (ޖުލައި 27) - ޗެލްސީގެ ފޯވަޑް ޓީމޯ ވާނާ، ބަޔާން މިޔުނިކަށް ގެންދަން އެ ޓީމުގެ ކޯޗު ހޫލިއަން ނާގެލްސްމަން ޝައުގުވެރިވާ ކަމަށް މީޑީއާތަކުން ބުނެފި އެވެ.
ރެޑުބްލ ލައިޕްޒިގްގައި، ވާނާ އަށް އިރުޝާދު ދިން ނާގެލްސްމަންގެ މިހާރުގެ ކްލަބު ބަޔާނަށް އޭނާ ގެންދަން ނާގެލްސްމަން ޝައުގުވެރިވާ ކަމަށް ފުޓްބޯލް އިންސައިޑާ އިން ވަނީ ރިޕޯޓުކޮށްފަ އެވެ. ޗެލްސީ އަށް ވާނާ ބަދަލުވީ ލައިޕްޒިގްގައި ހުރުމަށް ފަހު 2020 ގަ އެވެ. އޭނާގެ ފުރަތަމަ ސީޒަންގައި ޗެލްސީގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.
ޗެލްސީން ދަނީ، ބަޔާންއާ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުގެ އާލިން ހާލޭންޑް އެ ޓީމަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. ހާލޭންޑްގެ ޓްރާންސްފާ ޗެލްސީ އަށް ކާމިޔާބު ވެއްޖެނަމަ، މިހާރު ވެސް ޗެލްސީގައި އޭނާގެ އަސްލު ކުޅުން ދެއްކުމުގައި އުނދަގޫ ކުރިމަތި ވެފައިވާ ވާނާ އަށް ލިބޭ ފުރުސަތުތައް މަދުވާނެ އެވެ.
ވާނާގެ ކެރިއާގައި އެންމެ ރަނގަޅު ކުޅުމެއް އޭނާ ދެއްކީ ލައިޕްޒިގްގައި، ނާގެލްސްމަންގެ ކޯޗު ކަމުގެ ދަށުންނެެވެ. ނާގެލްސްމަންއާ އެކު 2019-2020 ގެ ސީޒަންގައި ވާނާ ވަނީ 34 ގޯލް ޖަހައި އިތުރު 13 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy