28 ޖުލައި 2021 - 07:41
ހޯމަ ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި ބޮލީވުޑްގެ ފިލްމު "މިމީ" އަކީ ޒުވާން ބަތަލާ ކްރިތީ ސެނަންގެ އެންމެ މޮޅު ފިލްމު ކަމަށާއި މި ފިލްމުގެ ސަބަބުން އޭނާގެ ކެރިއަރަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.
ކުރިން މި މަހުގެ 30 ގައި ޕްރީމިއާކުރަން އޮއްވައި އޮންލައިންކޮށް ފިލްމު ލީކްވުމާ ގުޅިގެން ހޯމަ ދުވަހު ޕްރީމިއާކުރި ފިލްމަށް ތަރަން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި "މިމީ" އަކީ ބަލަން ކަމުދާ ކަހަލަ ހިތްގައިމު ފިލްމަކަށްވުމުގެ މައިގަނޑު ސަބަބަކީ އޭގެ ޕްލޮޓް ޝައުގުވެރިވެފައި ސްކްރީންޕްލޭ ރާވާލާފައި އޮތްލެއް ފުރިހަމަވުމެވެ.
މި ފިލްމަކީ ރަށްފުށުގެ ޒުވާން އަންހެނަކު އާމްދަނީ ހޯދަން ރަހިމު ވިއްކައިގެން ދަރިން ހޯދައިދޭ މަޔަކަށްވާން ނިންމުމާއި އޭގެ ސަބަބުން ދިމާވާ ހާދިސާތައް ވަރަށް ލައިޓް-ހާޓެޑްކޮށް ގެނެސްދީފައި އޮތް ފިލްމެކެވެ.
"މިމީ" އަކީ 2011 ގައި ރިލީޒްކުރި މަރާޓީ ފިލްމު "މާލާ އާއީ ވައްޗޭ" ގެ ޕްލޮޓް އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. އެކަމަކު އެ ފިލްމަށް ވުރެ "މިމީ" ގެ ސްކްރީންޕްލޭ ފުރިހަމަވެފައި ފިލްމު ގެނެސްދީފައި އޮތް ގޮތް މާ ބޮޑަށް ވެސް ފުރިހަމަ ކަމަށް ތަރަން ބުންޏެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ފިލްމު ޑައިރެކްޓް ވެސް ކުރި ލަކްޝްމަން އުޓޭކަރްގެ އިތުރުން ރޯހަން ޝަންކަރް އެވެ.
#OneWordReview...#Mimi: WONDERFUL.
— taran adarsh (@taran_adarsh) July 27, 2021
Rating: ⭐️⭐️⭐️⭐️#Mimi rests on four pillars: Interesting plot, engaging screenplay, fine balance of drama, humour and emotions and super performances… This is #KritiSanon’s breakout film, career-best act… Strongly recommended! #MimiReview pic.twitter.com/2aJypprdLG
ތަރަން ބުނި ގޮތުގައި މި ފިލްމަކީ ފެށިގެން ގޮސް ނިމެންދެން ވެސް ބަލާ މީހާ ފޫހިކުރުވާނެ އެންމެ ހިނދުކޮޅެއް ވެސް ގެނެސްނުދީ ބަލަން އިނދެވޭ ކަހަލަ އަދި މޫނުމައްޗަށް އުފާވެރިކަން ގެނުވައިދޭ ކަހަލަ ފިލްމެކެވެ. އޭނާ ބުނީ "މިމީ" ގެ ސްކްރީންޕްލޭ އަށް ފިލްމުގެ ބަތަލާ ކްރިތީ ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދީފައިވާ އިރު އޭގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ޕަންކަޖު ތުރިޕަތީ ވެސް ވަރަށް މޮޅު ކަމަށެވެ. އެހެންވެ އެ ދެ މީހުންގެ ހުނަރު ބަލައިލަން ވެސް މި ފިލްމަކީ ކޮންމެހެން ބަލަން ޖެހޭ ވަރުގެ ފިލްމެއް ބުންޏެވެ.
"މިމީ" ކުޅެން ކްރިތީ ވަރަށް ބޮޑަށް ފަލަ ވެސް ވި އެވެ. އަބަދު ވެސް ވަރަށް ލޫޅާފަތިކޮށް ހުންނަ ބަތަލާ ސަރޮގޭޓް މަދާއެއްގެ ރޯލު ކުޅެން ގެނައި ބަދަލަކީ މިހާތަނަށް އޭނާ ފިލްމަކަށް ހަށިގަނޑަށް ގެނައި އެންމެ ބޮޑު ބަދަލު ވެސް ފެންނާނެ ފިލްމެވެ.
ތަރަން ބުނީ އާއިލާގެ އެންމެން އެކީގައި ރީތި، ފުރިހަމަ އަދި ހާއްސަ މެސެޖެއް ވެސް ފޯރުކޮށްދޭ ފިލްމެއް ބަލައިލަން ބޭނުން ނަމަ "މިމީ" އަކީ ދޫކޮށްލާ ވަރުގެ ފިލްމެއް ނޫން ކަމަށެވެ. ފިލްމަށް ތައުރީފު އޮއްސާލައި، އޭނާ ފިލްމަށް ދިނީ ފަހެކުން ހަތަރު ތަރީގެ ރޭޓިންއެކެވެ. އެއީ ތަރަން ކަހަލަ ކްރިޓިކަކާ ބަލާފައި ވަރަށް ބޮޑު ވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާބާ
28 July 2021
އަހަރެން ބަލައިފިން. ފިލްމް ރީތި. ފިހިހެންމީހާގެ އެކްޓިން އޮބިނަސް ޓްދަ މެކްސް. ކްރިތީ ވަރަށްވެސް ރީތި، އެކްޓިންވެސް ފައްކާ. ހީވަނީ ޖޫލިއާ ރޮބަޓްގެ ޒުވަންދުވަސްވަރުހެން. ދިވެހިންނަށްވެސް މިފެންވަރަށް މޮޅު ފިލްމު ހެދޭނެ، މައްސަލައަކީ ރަގަޅު ފެންވަރުގެ ލިއުންތެރިން ނެތީމަ.