މަދޫރީ.
30 ޖުލައި 2021 - 07:51
ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީ އަކީ ދެ ލޯބިވެރިންނެވެ. އެކަން ދެ ތަރިންގެ ދުލުން ކަށަވަރުނުކޮށްދޭކަން އެކަންޏެވެ. އެކަމަކު ޑިޝާ އަކީ ޓައިގާގެ އެންމެ ފެވަރިޓް ބަތަލާއެއް ނޫނެވެ. ދެ ތަރިން އެކީގައި މަސައްކަތްކޮށްފައި ވިޔަސް، ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ޓައިގާ އަށް އެންމެ ކަމުދަނީ މަދޫރީ ޑިކްސިޓެވެ.
އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ "އާސްކް މީ އެނީތިން" ސެޝަންގައި ތަކުރާރުކޮށް، ޓައިގާއާ ކުރެވުނު ސުވާލަކީ ފެވަރިޓް ބަތަލާ އަކީ ކާކުތޯ އެވެ؟ ޖަވާބުގައި ބުނީ މަދޫރީ ކަމަށެވެ. އޭނާ ބުނި ގޮތުގައި މަދުރީ ކަމުދަނީ ބަތަލާއެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ހުރިހާ ސިފަތަކާއި ހުނަރުތަކެއް ހުންނާތީ ކަމަށެވެ. ރީކަމާއި އެކްޓިން އަށް މޮޅުވުމާއި ނަށަން ވެސް މަދޫރީ އަކީ ބޮލީވުޑްގައި އެއް ވަނައިގެ ބަތަލާއެކެވެ.
ޓައިގާ ގޮތަށް މަދޫރީ އަކީ މިހާރު ވެސް ލަވަ ކިޔުމުގެ ހުނަރު ވެސް ދައްކަމުން އަންނަ ބަތަލާއެކެވެ.
އަބަދު ވެސް އެންމެ ބޮޑު ފެވަރިޓަކީ މަދޫރީ ކަމަށް ޓައިގާ ބުނެފައިވާ އިރު، އޭނާގެ ބައްޕަ ޖެކީ ޝްރޮފަކީ މަދޫރީއާ އެކު ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "100 ޑޭސް"، "ކަލް ނަޔަކް" އަދި "ދޭވްދާސް" ފަދަ ފިލްމުތައް ހިމެނެ އެވެ.
މަދޫރީ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ކަލާޒް ޗެނެލްގެ "ޑާންސް ދިވާނޭ 3" ގައި ވެސް ދާދި ފަހުން ޖެކީ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، މަދޫރީއާ އެކު ކުރެވުނު ބައެއް ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.
ނެށުމާއި އެކްޝަން ރޯލްތަކަށް އަރާހުރި ޓައިގާ، 31، ބުނި ގޮތުގައި ކޮންމެވެސް ދުވަހަކުން މަދޫރީއާ އެކު ފިލްމެއްގައި މަސައްކަތްކުރަން ލިބުމަކީ ވެސް ވަރަށް އުންމީދުކުރާ ކަމެކެވެ.
އެންމެ ފަހުން "ބާގީ 3" އިން ފެނުނު އެކްޓަރު މިހާރު އަންނަނީ "ހީރޯޕަންތީ 2" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 3 ގަ އެވެ. އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ 2019 ގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޓައިގާއާ އެކު މަސައްކަތްކުރި ތާރާ ސުތާރިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy