އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދުކުރަނީ..---ފޮޓޯ: ނިޝާން އަލީ/މިހާރު
07 އޯގަސްޓް 2021 - 12:20
މާލެ ސަރަހައްދުގައި ކޮވިޑު-19ގެ ހާލަތު ރަނގަޅުވާން ފެށުމުން، މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމާއި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރި ގިނަ މަސައްކަތްތަކާއެކު އެ ބަލީގެ ހާލަތު ރަނގަޅުވެ، އާއްމުންނަށް ބޮޑެތި ލުއިތައް ދީ، ހުޅުވާލާފައިވާ ކަމަށެވެ.
އެހެންވެ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައި ވެސް ގައިދުރުކޮށް ޖަމާއަތް ހަދައި، ކޮވިޑުން ރައްކާތެރި ކޮށްދެއްވުން އެދި ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން ރޭގެ ފަތިސް ނަމާދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށް ބުންޏެވެ.
ގުނޫތު ނާޒިލާ ކިޔުން މި ވަގުތަށް ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔަވައި، ކޮވިޑްގެ ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި ގައުމުގެ އިގުތިސޯދީ ހާލަތު ރަނގަޅު ކޮށްދެއްވުމަށް ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަސިއްޔަތްކޮށްފައި ވެ އެވެ.
"ހުރިހާ ބޭފުޅުން ވެސް މިސްކިތްތަކުގައި ތިއްބަވާ ވަގުތުތަކުގަ އާއި ބޭރުގައި އުޅުއްވާ ވަގުތުތަކުތަކުގައި މާސްކު އެޅުއްވުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއިި މާތްﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމަ އަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރިވަމެވެ،" ބަޔާނުގައި ބުންޏެވެ.
ކޮވިޑުގެ ސަބަބުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މީގެ ކުރިން މެދުކަނޑައިލި އެވެ. އެކަމަކު، ހާލަތު ރަނގަޅުވާން ފެށުމުން މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދުކުރަން ފެށި އެވެ. ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އެންގީ އޭގެ ފަހުންނެވެ.
ކޮވިޑުން ދިފާއުވުމަށް މި މަހުގެ ނިޔަލަށް އާބާދީގެ 90 ޕަސެންޓު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް އަމާޒުކޮށް ސަރުކާރުން ވަނީ ބޮޑު ކެމްޕެއިނެއް ފަށައި ބޮޑެތި ލުއިތަކެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
08 August 2021
މިހާރު ކޮވިޑުގެ ހުރިހާކަމެއް ނިމުނީތަ؟
ވެކްސިން އަހުމަދު
07 August 2021
އަޅެ މިސްކިތަށް ވެކްސިޖް ނުޖަހާމީހުން ނުވައްދާ. އެމީހުނާހެދި މިސްކިތައް އަރާ ކުޑަކުދިންނާއިނއެހެންމީހުންގެ ސިއްހަތަށް ނުރައްކާފޯރާނެ.
މިނިމަލް
08 August 2021
ދެން ސަރުކާރުން ވީ ކޮންމެ މިސްކިތަކު މީހަކު ބަހައްޓަން ވެކްސިން ޖެހި އެންމެން ބަލަން.
ބޮސްގެ ބޮސް
07 August 2021
މިހާރު ކޮން ދުވްހެއް....އަދި ކިރިޔާ ރަސްމީވީ!
ކުޗީ
07 August 2021
އަހަރެން މިދާ މިސްކިތުގައި ގައިދުރުކޮށް ނުކުރާތާ އެތަށް ދުވަހެއް. މާސްކް އެޅުންވެސް ދޫކޮއްލަން އެބަޖެހޭ ...
ހެހެހެ
07 August 2021
މާލޭގައި އެއްވެސް އިރެއްގައި ގައިދުރު ކޮށް ނަމާދު ކުރިތަ؟ މިއުޅޭ "ހަރުކަށި" ޝޭހުން ގަބޫލެއް ނުކުރޭ މިގަވްމުގައި އެއްވެސް އިރެއްގައި ބަލިމަޑު ކަމެއް އުޅޭ ކަމެއް!
202119
07 August 2021
މިހާރު ވެކޮސިން ޖަހާފަ ހުރި ގައުމު ތަކުގަ ކޮވިޑް ޖެހިގެން ހާލުބޮދުޑުވެ މަރުވަނީ ވެކްސިން ނުޖަހާ، މާސްކް ނާޅާ، ގައިދުރުނުކޮށް އުޅޭ މީހުން. އެހެންވީމަ އޯކޭ އެންނު.