ރިޕޯޓް / ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓު: މަޖިލީހަށް ވެސް އިމުން ބޭރެއް ނުވެވޭނެ!

ސުޕްރީމް ކޯޓު: ރައްޔިތުންގެ މަޖިލީހުން ވެސް ގާނޫނާ ޚިލާފަށް އަމަލުކޮށްފި ނަމަ، ކޯޓުތަކަށް އެކަން ބެލޭނެ ކަމަށް އެ ކޯޓުން ދާދިފަހުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބޮޑެތި ބާރުތަކާ އެކު، ބޮޑެތި ކަންކަމުގައި އަބަދުވެސް މަޖިލިސް ފެނިގެންދަނީ ސިޔާސީ ނިންމުންތައް ނިންމާ ތަނެއްގެ ގޮތުގަ އެވެ. ހާއްސަ ގޮތެއްގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޖަވާބުދާރީ ކުރުމާއި އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގައި، މަގާމުން ދުރު ކުރުމުގަ އެވެ. އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ހިތްހަމަނުޖެހޭ ބޭފުޅެއް ނަމަ، އެ ބޭފުޅަކު މަގާމުން ދުރުކުރަން މާ ބޮޑު ހުއްޖަތެއް ނުވަތަ ސަބަބެއް މަޖިލީހުން ބޭނުމެއް ނުވެ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގައި، ބައެއް ބޭފުޅުން މަގާމުން ދުރު ކުރުމުގައި އެކަށީގެންވާ ތުހުމަތެއް ނެތުން އެކަންޏެއް ވެސް ނޫނެވެ. އެންމެ ކުޑަމިނުން، އެ ތުހުމަތުތަކަށް ޖަވާބުދާރީވާން ވެސް އެކަށީގެންވާ ފުރުސަތެއް މަޖިލީހުން ނުދީ ބައެއް ބޭފުޅުން މަގާމުން ދުރުކޮށްފައި އެބަހުއްޓެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދުު ޖަމީލް އަހުމަދު 2015 ގައި މަގާމުން ވަކިކުރި މައްސަލައަކީ އޭގެ މިސާލެކެވެ. އެއީ ކީއްވެގެން ކަން އެންމެ އާދައިގެ މީހާއަށް އެނގުނަސް، އެކަމާ މެދު މިހާތަނަށް ކުރެވުނު ކަމެއް ނެތެވެ.

ސަބަބަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އޮންނަ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކުގެ މައްސަލަ ކޯޓުތަކަށް ނުބެލުމެވެ. މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ސައްހަ ކަން ބެލުމާއި ރައީސަކު މަގާމުން ދުރުކުރަން ނިންމާ ނިންމުންތަކާއި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މަޖިލީހުން ނިންމާ ނިންމުންތައް ފިޔަވައި އެހެން ނިންމުންތައް ކޯޓުތަކުން ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި އޮތުމުން މަޖިލީހުން އޭގެ ނާޖާއިޒް ފައިދާ ނަގާފައި އެބަހުއްޓެވެ. ބައެއް ކަންކަމުގައި މަޖިލީހުން އަމަލުކުރީ ހިތުހުރި ގޮތަކަށެވެ.

މަޖިލީހުން ގޯސްކޮށް އަމަލުކޮށްފި ނަމަ، ކޯޓުތަކަށް ބެލޭނެ

އެހެން ނަމަވެސް ދާދިފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ އެކު، މަޖިލީހަށް މިފަދަ ނިންމުންތަކުގައި ބޭނުންހާ ގޮތަކަށް އަމަލު ނުކުރެވޭނެ ކަން މިވަނީ ސާފު ކޮށްދީފަ އެވެ. ޖަމީލް ވަކިކުރި މައްސަލާގައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ އަސާސީ ހައްގުތަކަށް އިހްތިރާމް ކުރުމާ އެކު ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުން ދައުލަތުގެ މައްޗަށް ލާޒިމް ވާއިރު، އެކަމުގައި މަޖިލީހަށް ވެސް އިސްތިސްނާއެއް ލިބިގެންނުވާ ކަމަށެވެ. އެހެންވުމުން މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއްގައި ގާނޫނުއަސާސީއާ ހިލާފަށް ނުވަތަ އަސާސީ ހައްގެއް ގެއްލޭ ގޮތަށް މަޖިލީހުން އަމަލު ކޮށްފި ނަމަ އެފަދަ މައްސަލަތައް ކޯޓުތަކުން ބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"ދައުލަތުގެެ އެއް ބާރުން ކުރާ ކަމެއް ގާނޫނުއަސާސީއާ ހިލާފްވާ ނަމަ، އެ މައްސަލައެއް އެހެން އެއްވެސް ފަރާތަކަށް ނުބެލޭނެ ކަމަށް މާނަ ކުރުމަކީ ގާނޫނުއަސާސީއާ ވެސް ހިލާފް އަދި ގާނޫނުއަސާސީއެއް އޮތުމުގެ މަގްސަދާ ވެސް ހިލާފް ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ. އެހެންކަމުން ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ށ. އަކީ ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަމެއް ކޯޓުތަކަށް ހުށަހެޅުން ހުރަސް އަޅާ މާއްދާއެއް ނޫން،" އެ ހުކުމުގައިިވެ އެވެ.

މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި --- ފޮޓޯ/މަޖިލިސް

ހުކުމުގައި ވަނީ މަޖިލީހުން ނިންމާ ނިންމުންތައް ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރަނީ ގާނޫނުއަސާސީއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާ ނަމަ އެވެ. ދައުލަތުގެ ހުރިހާ ބާރުތަކުން އަމަލު ކުރަން ޖެހެނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ވާއިރު، މަޖިލީހުގައި ހިނގާ ހުރިހާ ކަމެއް ކޯޓުތަކުން ބެލުން މަނާވާނެ ކަމަށް ބަލަން ފަށައިފި ނަމަ، ގާނޫނުއަސާސީން ލިބިދޭ އެތައް އަސާސީ ހައްގުތަކެއް ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ކޮންމެ ނިންމުމެއް ކޯޓުތަކަށް ނުބެލޭނެ

އެ ހުކުމުގައިވާ ގޮތުން އެގޮތަށް ނިންމިޔަސް، މަޖިލީހުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެ މައްސަލައެއް ކޯޓުތަކަށް ހުށަހަޅަން ފުރުސަތެއް ނުދެވޭނެ އެވެ. އެގޮތުން ކޯޓަށް މައްސަލަ ހުށަހެޅޭނީ ގާނޫނުއަސާސީއާ ހިލާފްވުން ނުވަތަ މަޖިލީހުން އަމަލުކުރި ގޮތުން ގާނޫނުއަސާސީއާ ހިލާފް ނަތީޖާއެއް ނިކުމެދާނެ މައްސަލަތަކުގައި އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ. ސަބަބަކީ މަޖިލީހުގެ ކޮންމެ ނިންމުމެއް ކޯޓުތަކަށް ހުށަހަޅަން ފުރުސަތު ނުދިނުމަކީ ގާނޫނުއަސާސީގެ މަގްސަދެއް ކަމަށްވާތީ ކަމަށް އެ ހުކުމުގައިިވެ އެވެ.

"ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަނެގެން ނުވާނެ އެވެ. ނުވަތަ އެ މައްސަލައަކީި ކޯޓުތަކަށް ހައްލު ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިިނާވާ މައްސަލައަކަށް ވެސް ވެގެން ނުވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި މައްސަލަ ހުށަހެޅޭނީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި، މަޖިލީހުން އަމަލު ކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފްވާ ހާލަތްތަކުގައި އެކަންޏެވެ." އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ މަޖިލީހުގެ އެފަދަ ނިންމުމެއްގެ މައްސަލަ ކޯޓުތަކުން ބެލޭނީ އެފަދަ މައްސަލައެއް ހުށަހެޅުމުގެ މަސްލަހަތު އޮތް ފަރާތަކުން ހުށަހެޅުމުން ކަމަށެވެ. އެފަދަ މައްސަލަތަކުގައި މަޖިލީހުން ގާނޫނުއަސާސީއާ ހިލާފް އިޖްރައާތަކަށް އަމަލުކޮށްފައިވާ ކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމާއި އަދި އެއީ ގާނޫނީ ގޮތުން ކޯޓަށް ހައްލު ހޯދައިދެވޭނެ ކަމެއް ކަން ވެސް ކޯޓުތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މަޖިލީހުގެ އިމްތިޔާޒެއް ކޯޓުން ހަނި ކުރީތަ؟

މަޖިލީހަކީ ދައުލަތުގެ އެންމެ ބޮޑު ބާރެވެ. ދައުލަތުގެ އަނެއް ދެ ބާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތީ މަޖިލީހަށް ކަމަށް ވާތީ މަޖިލީހުގެ ނިންމުންތަކަށް އަނެއް ދެ ބާރުން ބަސް ކިޔުމުގެ ފުރުސަތު ނުދިނުމަކީ މަޖިލީހަށް ގާނޫނުއަސާސީން ދީފައިވާ ހާއްސަ (އިމިއުނިޓީ) އިމްތިޔާޒެކެވެ. މިއީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މިކަން އޮންނަ ގޮތެވެ. އެހެންވީއިރު، ސުޕްރީމް ކޯޓުގެ އެ ހުކުމަކީ މަޖިލީހުގެ އިމްތިޔާޒެއް ހަނި ކުރުންތޯ މިއީ އުފެދިދާނެ ސުވާލެކެވެ. މިކަމަށް ވެސް އެ ހުކުމުގައި ޖަވާބު ދީފައިވެ އެވެ.

ހުކުމުގައި ވަނީ މަޖިލީހުގެ ކޮންމެ ނިންމުމަކީ އިމްތިޔާޒް ލިބިގެންވާ ނިންމުމެއްގެ ގޮތުގައި ބަލަމުން އައި އުސޫލު ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. މަޖިލީހުން ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަމަލުކޮށްފި ނަމަ، އެކަން ކޯޓުތަކުން ބެލޭނެ ކަމަށާއި އޭގެ މިސާލެއްގެ ގޮތުން އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެއީ މަޖިލީހުގެ ބާރެއް ހަނި ކުރުމަށް ވުރެ ބޮޑަށް އަސާސީ ހައްގެއް ހިމާޔަތް ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"އެއީ ގާނޫނު ހަދާ ބާރުގެ މައްޗަށް ގޮތް ކިޔުމުގެ މަގްސަދުގައި ކުރެވޭ ކަމަކަށް ވުރެ އަސާސީ ހައްގެއް ނުވަތަ ދުސްތޫރީ ނިޒާމު ހިމާޔަތް ކުރުމުގެ މަގްސަދުގައި ކުރެވޭ ކަމެއް،" ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ޖަވާބުދާރީ ކުރުވުމާއި ޒިންމާ އަދާ ނުކުރާ ނަމަ ނުވަތަ އެކަށީގެންނުވާ އަމަލެއް ކޮށްފި ނަމަ މަގާމުން ދުރު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ވާއިރު، މަޖިލީހަށް އޮންނަ އިހްތިޔާރީ ބާރުތަކުގެ ތެރެއިން މަޖިލީހުން ކުރާ ކަންކަމަށް ކޯޓުތަކަށް ބަހެއް ނުކިޔޭނެ އެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ނުކުރަނީސް، އެކަމުގައި އަމަލު ކުރަންޖެހޭ އިޖްރައާތުތައް ވެސް ކޯޓުތަކަށް ކަނޑަނޭޅޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ މަޖިލީހަށް ވިޔަސް، ބޭނުންހާ ގޮތަށް އަމަލު ކުރުމުގެ ފުރުސަތު ނެތްކަން އަންގައިދިން ބޮޑު ނިންމުމެކެވެ. އަދި މަޖިލީހަށް ލިބިދޭ ހާއްސަ އިމްތިޔާޒްތަކެއް އޮތުމަކީ އޭގެ ނާޖާއިޒް ފައިިދާ ނަގައިގެން ގާނޫނުއަސާސީއާ ޚިލާފަށް ކަންކަން ނިންމޭނެ ލައިސަންސެއް ނޫންކަން ވެސް އެ ހުކުމުން މަޖިލީހަށް ސާފުކޮށް ދީފި އެވެ. މިއީ މަޖިލީހުން ހިތުހުރި ގޮތަކަށް އަމަލު ކުރުން ހުއްޓުވަން އެޅިގެންދާނެ ބޮޑު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

9 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލެކޮސް އޮބި

18 August 2021

މިގައުމުގާ އޮތީ އަންދާ ގާނޫނު ބޮޑުއެތި ކުޑައެތި ކާ އުސޫލު. ޑިމޮކުރެސީގެ ސުންޕާވަބާއި މުސްލިމުގައުމުތަކާއި ދުނިޔޭގެ އެތައްގައުމެއް ހަލާކުވެ ހަފުސްވަމުންދާތަފެންނައިރު އަމިއްލަޔަށް ހަދާ ގާނޫނުތައް އަމިއްލަޔަތް ތަންފީޒު ނުކުރެވި އެގާނޫނަށް ފާޑުކިޔަން ތިމާމެންނަށް ޖެހުމީ ތިމާމެންގެ ނުކުޅެދުންތެރިކަމާއި ގޮތެއްނެތްކަމެވެ. މި ދިވެހި ގައުމު މިއުޅޭ ސިޔާސީ ލާނެތްބައިގަނޑު ކިބައިން މިންޖުވެ ދިވެހިނަށް ހަމަނޭވާއެއް ލެވޭނެ ދުވަހެއް އަނަނާނެ ބާވައެވެ.

The name is already taken The name is available. Register?

ދާރުލްއުލޫމް

18 August 2021

ޑިމޮކްރެސީއެއްނޫން މައްސަލައަކީ. މީހަކަށް ތަބާވެ ސަނާކިޔާ އެމީހަކުގެ ގޯހެއްނެެތް ކަމަށްދެކޭތީ މައްސަލައަކީ. މުސްލިމްގައުމުތައް ހަލާކުވަނީ އަމިއްލައަށް

The name is already taken The name is available. Register?

ހަފީޡް

18 August 2021

ޤ އގެ 73 ވަނަ މާއްދާގެ ރ ގެ 3 ގައި އަދި 8 ގައި ބުނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާ ފިޔަވައި އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެކަމަށް. ޤ އގެ 158 ވަނަ މާއްދާގައި ޖޭ އެސް ސީ އެކުލެވިގެންވާ ގޮތް ބުނޭ. އަދި ޤ އގެ 158 ވަނަ މާއްދާގެ ބ ގައި ވަނީ ރައްޖިތުންގެ މަޖިލީހުން ކަޑައަޅާ އެ މަޖިލީހުގެ މެންބަރެއް. ވީމާ އެބަ އެނގޭ ޖޭ އެސް ސީގެ ރައީސަކަށް ރައްޖިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭނެކަން.

The name is already taken The name is available. Register?

ހައިރާން

18 August 2021

ގާނޫނުއަސާސީއާ އެއިން ބާރުލިބިގެން ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތައް އޮތީ ވަރަށް ސާފު ސީދާ ދިވެހިބަހުން ލިޔެވި ތެދުވެރި ނިޔަތަކާ ތޫނު ކަންފަތަކާ އަލި ލޮލަކަށް ރަނގަޅަށް ފަހުމުވާނެ ގޮތަށް. މައްސަލަ އުފެދިގެން އަންނަނީ އެގާނޫނުއަސާސީއާ ގާނޫނުތަށް އުފައްދާ މީހުންނާ މާނަކުރާ މީހުންނާ ތަންފީޒުކުރާ މީހުންގެ ތެދުވެރި ނިޔަތެއް ނެތުމުން. ގާނޫނުއަސާސީން ދައުލަތުގެ ތިން ބާރަށް ހައްދުތަކެއް ކަނޑައެޅިފައިވާކަން ދައުލަތުގެ ތިން ބާރަށް ރަނފަޅަށް އެނގެން ޖެހޭ.

The name is already taken The name is available. Register?

ބައިރޯ

18 August 2021

ހެހެއް ފެށުނީ

The name is already taken The name is available. Register?

މުލޭ

18 August 2021

މިއީ ޖަމީލުގެ މައްސަލައިން ދައުލަތަށް ލިބުނު ކާމިޔާބީއެއްކަމަށް ދެކެންޖެހޭ. އެ މައްސަލަ ހުށަނޭޅިނަމަ މިހުކުމެއް ވުޖޫދުނުވީސް.

The name is already taken The name is available. Register?

ވަހުތާން

18 August 2021

ދެ ބުޅަލުގެ އަރައިރުމުގައި ތިއްބާ މަކުނު ޖަހައިގަތް ހަނދާންވަނީ! ތިގޮތަށް ޖޭ އެސް ސީވެސް ސައިޒު ކުރަންޖެހޭ

The name is already taken The name is available. Register?

ދަސް

18 August 2021

އިމުން ބޭރު ވެވޭނެ ގ ކެނެރީގޭ އަންނިބޭ ބޭނުން އެއްޗެއް ހަދާނީ މިޤައުމުގެ އެއްވެސް އިދާރާއަކަށް ނުކެރޭނެ ކުރިމަތިލާކަށް. ޤައުމު އަޅުވެތިކޮށް އިގްތިސާދު ފުޑާލިސް ތިބެންޖެހޭނީ އަތްޖަހަން މީ ފެންނަންއޮތް ހަގީގަތް

The name is already taken The name is available. Register?

އުދުހޭ

18 August 2021

2 ބަޓަނުންކުރެ އެއްބަޓަނަށް ފިތަން އެގެންޏާ މަޖިލިސް މެންބަރުކަން ކުރެވޭ. މަޖިލީހަކީ ގާނޫނު ހަދާތަން ކަމަށްވިޔަސް ބައިވަރު މެންބަރުންނަށް ގާނޫނު ނޭންގޭކަން ފާހަގަވޭ. މިހެން ވެދާނެނޫންތޯ އިލްމީ ގާބިލްކަން ނެތީމަ. އިލްމީގޮތުން ގާބިލް މެންބަރުންވެސް ސިޔާސީ ރޫހު އިސްކުރާތަން ފެނޭ. މިސާލަކަށް މަޖިލީހުގެ ރައީސް މެންބަރުން ސްކޫލުކުދިންނަށް ހެދުން. އެހެންވީމާ ސުޕްރީމް ކޯޓުގެ ނިންމުން ރަގަޅުކަމަށް ވިސްނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454