ޚަބަރު / ތ. ވިލުފުށި

ވިލުފުށީގައި ނުނިމިހުރި 100 ހައުސިން ޔުނިޓް އަޅަން އަމިންއާ ހަވާލުކޮށްފި

އަމީން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް. ނޫމަޑި އާ ހަވާލުކޮށްގެން ނުނިމި ހުރި ވިލުފުށީގެ 100 ހައުސިން ޔުނިޓުގެ މަސައްކަތްތައް މިއަދު ވަނީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފަ --- ފައިލް ފޮޓޯ: މިހާރު

19 އޯގަސްޓް 2021 - 12:39

މީގެ 10 އަހަރު ކުރިން ނޫމަޑި ރެޒިޑެންޓްސް އެންޑް ރިސޯޓްސް ކުންފުންޏާ ހަވާލުކުރި ނަމަވެސް، މަސައްކަތްހުއްޓިފައިވާ ތ. ވިލުފުށީގެ ނުނިމި ހުރި 100 ހައުސިން ޔުނިޓުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން އަމީން ކުންފުންޏާ 82.1 މިލިއަން ރުފިޔާ އަށް ހަވާލުކުރި މި މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އެ މިނިސްޓްރީގެ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އަމީން ކުންފުނީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ އެމްޑީ އަބްދުﷲ މުހައްމަދެވެ.

މި މަޝްރޫއުގެ ދަށުން، ވިލުފުށީގައި އަޅަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން މަސައްކަތް ފަށާފައިވާ 64 ޔުނިޓާއި، މަސައްކަތް އެއްވެސް ވަރަކަށް ނުފަށާ ހުރި 36 ހައުސިން ޔުނިޓުގެ މަސައްކަތްތައް އަށް މަސްދުވަހުގެ ތެރޭގައި އަމީން ކޮންސްޓްރަކްޝަނުން ނިންމަން ޖެހެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ގައި ނޫމަޑިއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ހަތަރު ރަށެއްގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތައް ފަށާފައި ވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2014 ވަނަ އަހަރު މި މަޝްރޫއު ވަނީ ހުއްޓިފަ އެވެ. އެއާއެކު މި މަޝްރޫއުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ހޯދުމަށް މިދިޔަ އަހަރުގެ ފެބްރުއަރީގައި މި ސަރުކާރުން ބީލަމަށް ހުޅުވާލި އެވެ. ސުނާމީގެ ސަބަބުން ގެއްލުންވި އެ ރަށްތަކަކީ ވިލުފުށީގެ އިތުރުން، ހދ. ކުޅުދުއްފުށްޓާއި، އެ އަތޮޅުގެ ހަނިމާދޫ، އަދި ނޮޅިވަރަންފަރެވެ.

ނަޝީދުގެ ސަރުކާރުން ނޫމަޑިއާ އެކު ހެދި އެއްބަސްވުން ޔާމީނުގެ ސަރުކާރުން އުވާލުމުން ބަދަލެއްގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން މީގެ ކުރިން އެ ކުންފުނިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ސެޓްލްމެންޓް އެގްރީމެންޓެއް ހަދައި، ސަރުކާރުން ވަނީ ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ.

މި މައްސަލަ އާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށް، ޝަރީއަތް ދަނީ ކުރިއަށެވެ. ނަމަވެސް އެ ދައުވާ ތަކަށް މުއިއްޒު އިންކާރު ކުރައްވަ އެެވެ.

ވިލުފުށީގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި އިރު އެ ދާއިރާ މަޖިލީހުގައި ތަމްސީލް ކުރައްވާ މެންބަރު ހަސަން އަފީފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސްއާ ބެހޭ ގޮތުން އަފީފް ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލައިދިނުމަށް، ރައީސް ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަފީފަކީ ނަޝީދާ އަރިސް ބޭފުޅެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454