ލައިފްސްޓައިލް / އެޕަލް

ޖޮބްސް ސޮއިކުރެއްވި މެނުއަލްއަކަށް ބޮޑު އަގެއް

އެޕަލް ކުންފުނި ވުޖޫދަށް ގެނައުމުގެ މޭސްތިރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސްޓީވް ޖޮބްސް ސޮއިކުރައްވާފައިވާ އެ ކުންފުނީގެ ކޮމްޕިއުޓަރު "އެޕަލް 2" ގެ މެނުއަލްއެއް 787،484 ޑޮލަރު (12.2 މިލިއަން ރުފިޔާ) އަށް ވިކިއްޖެ އެވެ.

މީގެ 44 އަހަރު ކުރިން ވިޔަފާރި އުސޫލުން އެންމެ ފުޅާކޮށް އަދި އެންމެ ފުރަތަމަ މާކެޓަށް ނެރުނު ކޮމްޕިއުޓަރުގެ މެނުއަލް ނީލަމުގައި ވިއްކާލީ އެމެރިކާގެ ބޮސްޓަންގެ އޮކްޝަން ހައުސް، އާރްއާރް އޮކްޝަނުންނެވެ.

އެ މެނުއަލްގައި، މިހާރު އަވަހާރަވެފައިވާ ޖޮބްސް ސޮއިކުރައްވާފައި އޮތީ 1980 ވަނަ އަހަރު އެވެ. ޖޫލިއަން ކިޔާ މީހަކަށް ދިން އެ މެނުއެލްގައި ޖޮބްސް އާއި އެޕަލްގެ ދެވަނަ ސީއީއޯ މާކް މާކްލާގެ ސޮއި ވެސް ހިމެނެ އެވެ.

ދެ ބޭފުޅުން ސޮއި ހިމެނޭ 196 ސޮފުހާގެ މެނުއަލްގައި ގަލަމަކުން ލިޔެފައިވާ އިބާރާތުގައި ޖޫލިއަން އަށް އިޝާރާތްކޮށް ވިދާޅުވެފައި އޮޔީ "ޖޫލިއަން ބޮޑުވާނީ ކޮމްޕިއުޓަރުގެ ޖީލަކާ އެކީގައި" ކަމަށާއި "އޭގެ ބޭނުން ވަރަށް ފުރިހަމައަށް ހިފަން ޖެހޭނެ" ކަމަށެވެ.

ނީލަމުގައި ވިއްކާލި މި މެނުއަލް އަކީ "އެޕަލް 2" ޕްރޮމޯޓްކުރަން އިނގިރޭސިވީލާތަށް ޖޮބްސް އާއި މައިކް 1980 ވަނަ އަހަރު ކުރި ދަތުރުގެ ތެރޭގައި ޖޫލިއަށް ބްރޫވާ އަށް ދެއްވި މެނުއަލްއެކެވެ. އޭނާ އަކީ ކުރިން އެޕަލްގެ އުފެއްދުންތައް އިނގިރޭސިވިލާތުގައި ޑިސްޓްރިބިއުޓްކުރުުގެ މަސައްކަތްކުރި ވިޔަފާވެރިއެއްގެ ދަރިއެކެވެ.

މި މެނުއަލްއާ ބެހޭ ގޮތުން ޖޫލިއަން ބުނީ އޭތި އޭނާ އަށް ޖޮބްސް އާއި މައިކްގެ ފަރާތުން ލިބުނީ އެ ބޭފުޅުން އެ މީހުންގެ ގެއަށް ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ.

"އެ މެނުއަލްގެ މުހިއްމުކަމާއި ހާއްސަކަން ފަހުން އަހަންނަށް އެނގުނީ ޖޮބްސް އަކީ އާންމުކޮށް އޮޓޯގްރާފް ވެސް ނުދެއްވާ ބޭފުޅެއްކަމާއި މެނުއަލްގައި ލިޔެފައިވާ އިބާރާތަކީ ވަރަށް މަދުން ނޫނީ މި ކަހަލަ އެއްޗެއްގައި ޖޮބްސް ނުލިއްޔުވާކަން ވެސް އެނގުނީމަ،" ޖޫލިއަން ބުންޏެވެ.

މިހާރު ދުނިޔޭގެ އެންމެ ކާމިޔާބު އަދި އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް ވުޖޫދަށް ގެނައުގައި އެންމެ އިސް ރޯލެއް އަދާކުރެއްވި ޖޮބްސް ވަނީ 2011 ގައި އަވަހަރާވެފަ އެވެ. އެކަމަކު ޖޫލިއަން އަށް ދެއްވި އެޕަލް 2 ގެ މެނުއަލްގައި ޖޮބްސްއާ އެކު ސޮއިކުރެއްވި މައިކް ދުނިޔޭގައި އެބަހުއްޓެވެ. އޭނާގެ އުމުރަކީ މިހާރު 79 އެވެ.

އެޕަލް 2 އާ އެކު ޖޮބްސް.

"އެޕަލް 2" އަކީ އެޕަލްގެ އެންމެ ފުރަތަމަ ކާމިޔާބު އުފެއްދުމެވެ. އެ ނެރުނީ 1977 ގަ އެވެ.

"އެޕަލް 2" ގެ މެނުއަލް ނީލަމުގައި ކާމިޔާބުކުރީ އެމެރިކާގެ ފުޓްބޯޅަ ކުލަބެއް ކަމަށްވާ އިންޑިއާނާޕޮލިސް ކޯލްޓްގެ ވެރިޔާ ޖިމް އާޒޭ އެވެ. އޭނާ ބުނި ގޮތުގައި ޓެކް އިންޑަސްޓްރީން ފެނުނު އެންމެ ވަރުގަދަ ސިކުނޑީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖޮބްސްގެ ހާއްސަ އެއްޗެއް އޭނާގެ މިލްކަކަށްވުމަކީ ވަރަށް ވެސް ހާއްސަ ކަމެކެވެ.

"އޭނަ އަކީ ދުނިޔެ އަށް ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެއް. ހަނދާނަށްޓަކައި ޖޮބްސްގެ ސޮއި ހިމެނޭ މެނުއަލް އަހަރެންގެ މިލްކެއްގެ ގޮތުގައި ރައްކާކުރަން ލިބުމަކީ ބޮޑު ޝަރަފެއް،" ޖިމް ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454