ކުޅިވަރު / އޭއެފްސީ

ބެންގަލޫރުގެ ކިބައިން އޭއެފްސީން މާފަށް އެދެން ޖެހޭނެ: ކޯޗު

ބެންގަލޫރު އެފްސީގެ ކޯޗު ޕެޒައުއޯލީ

23 އޯގަސްޓް 2021 - 19:28

ބެންގަލޫރު އެފްސީން ޖެހީ ސައްހަ ގޯލް ބަލައިނުގަތް މައްސަލައިގައި އެ ކްލަބުގެ ކިބައިން އޭއެފްސީން މާފަށް އެދިފައި ނުވުމުން ހިތާމަ ކުރާކަމަށް ބެންގަލޫރުގެ ކޯޗު މާކޯ ޕެޒައުއޯލީ ބުނެފި އެވެ.

ޕެޒައުއޯލީ ފާހަގަ ކުރަނީ މިދިޔަ ހޮނިހިރު ދުވަހު ބެންގަލޫރާއި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް ކުޅުނު މެޗުގައި ބެންގަލޫރުން ފޮނުވާލި ބޯޅަ ބަށުންދަރާގެ ގޯލަށް ވަން ހާލަތަށް ރިއާޔަތް ކޮށެވެ. ވީޑިއޯ ރިޕްލޭއިން ފެންނަ ގޮތުގައި އެ ބޯޅަ ވަނީ ގޯލް ލައިން ހުރަސްކޮށްފަ އެެވެ.

ޕެޒައުއޯލީ ބުނީ އެ ގޯލް ބަލައިނުގަތް މައްސަލައިގައި ރެފްރީންނަށް ހެދުނު ގޯހަށް، ބެންގަލޫރުގެ ކިބައިން އޭއެފްސީން މާފަށް އެދުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

"އެކަމަކު އެއް ކަމެއް ވެއްޖެ އަހަންނަށް އެހާ ބަލައިގަންނަން ފަސޭހަ ނޫން. އޭއެފްސީން ނުވަތަ ރެފްރީންގެ ފަރާތުން ވެސް އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކި އަޑެއް އަހަރެން ނާހަން. އެކަމާ މާފަށް އެދިފައި ނުވުން އެއީ ހިތާމަކުރާ ކަމެއް،" ބެންގަލޫރާއި މާޒިޔާ ކުޅޭ މެޗުގެ ޕްރީ ޕްރެސްގައި ޕެޒައުއޯލީ ބުންޏެވެ.

"ކޮންމެ މީހަކަށް ވެސް ގޯސް ހެދިދާނެ. އަހަންނަށް ވެސް ގޯސް ހެދިފައި އެބަހުރި. އަހަރެންގެ ކުޅުންތެރިންނަށް ވެސް ގޯސް ހެދިފައި އެބަހުރި. އެ މެޗުގައި ރެފްރީން ވެސް އަހަރެމެންނާ ދެކޮޅަށް ނިންމާފައި ވަނީ ރަނގަޅު ނިންމުމެއް ނޫން. ބީއެފްސީ (ބެންގަލޫރު އެފްސީ) އޮފީހަށް ނުވަތަ މެނޭޖުމެންޓަށް ވެސް ގުޅާފައި ބުނެވޭނެ އެކަމާ މާފަށް އެދެމޭ. އެއީ މައްސަލައެއް ނޫން. އަހަރެމެން މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް ކަންތައް ކުރަން. ރެފްރީން ވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް ކަންތައް ކުރެވޭތޯ ކަމަށް ވެދާނެ،" ޕެޒައުއޯލީ ބުންޏެވެ.

ބެންގަލޫރު އެފްސީ ޖެހި ބޯޅަ ގޯލް ލައިން އެތެރޭގައި

"ރެފްރީގެ މެނޭޖްމަންޓުން ނޫނީ އޭއެފްސީ އަށް ގުޅާފައި ބުނެވިދާނެ އަހަރެމެންނަށް ގޯހެއް ހެދިއްޖޭ. އެންމެންނަށް ވެސް ގޯސް ހެދޭނެ. ގޯސް ހެދުނު ކަމަށް ގަބޫލު ކުރަމަކީ ހުތުރު ކަމެއް ނޫން. އެއީ މުޅި ދުނިޔޭގެ އެންމެނަށް ވެސް ރަނގަޅު މިސާލެއް."

މިދިޔަ އަހަރު އޭއެފްސީ ކަޕް ޕްލޭއޮފްގައި މާޒިޔާ އަތުން ބަލިވުމުން ބެންގަލޫރު ގުރޫޕް ސްޓޭޖަށް ކޮލިފައެއް ނުވެ އެވެ. ޕެޒައުއޯލީ ބުނީ މާޒީވެފައިވާ މެޗަކުން ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެ މެޗުތަކުގެ އަސަރެއް ބެންގަލޫރަށް ނުކުރާނެ ކަމަށެވެ.

"މާޒިޔާ ދެ މެޗުން ބަލި ވިޔަސް ވަރަށް ރަނގަޅަށް ކުޅެފި. އެހެންވީމަ އަހަރެމެންގެ އިހްތިރާމް އެ ޓީމަށްޓަކައި އޮންނާނެ،" ޕެޒައުއޯލީ ބުންޏެވެ. "ނޭޕާލްގެ އާމީ ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ފެށިގެން އަހަރެމެން ޓީމުން ދަނީ ކުރިއެރުން ހޯދަމުން. އަހަރެމެން އުންމީދު ކުރަން މާދަމާ ވެސް އިތުރު ހަރުފަތަކަށް ދެވޭނެ ކަމަށް. އެއީ ނަފުސާނީ ގޮތުން ވެސް ކުޅުންތެރިންނަށް ވަރަށް މުހިންމު ކަމެއް."

ބެންގަލޫރުގެ ކޮންޓްރެކްޓް ޕެޒައުއޯލީ ފެބްރުއަރީ މަހު އާ ކުރީ ތިން އަހަރު ދުވަހަށެވެ. އޭނާ ކުރިމަތިލި ފުރަތަމަ މުބާރާތަކީ އޭއެފްސީ ކަޕެވެ. ކޮލިފައިންގެ މަރުހަލާތައް ކަޑަތުކޮށް ގުރޫޕް ސްޓޭޖަށް ވަދެވުނަސް އެއަށް ވުރެ ދުރަކަށް އެ ޓީމަކަށް ނުދެވުނެވެ. މި ނަތީޖާ އިން އޭނާ އަށް ޓީމުގައި ދެމިހުރެވޭނެތޯ ސުވާލު ކުރުމުން ޕެޒައުއޯލީ ބުނީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައިފި ކަމަށެވެ. އެހެންވެ އޭނާ އަށް މަގާމުގައި ހުރުމާމެދު ސުުވާލެއް ވެސް ނެތް ކަމަށެވެ.

"އަހަރެމެން މި ފެށީ އާ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް. މިދިޔަ ތިން މެޗުގައި ވެސް އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފި. އަހަންނަށް ހީވަނީ އަހަރެމެން މޮޅު ވެސް ވިހެން. އެހެންވީމަ އަހަންނަށް ހީވަނީ އަހަންނަށް ސަލާމަތް ވެވޭނެ ހެން. 100 ޕަސެންޓް ޔަގީން،" ކޯޗު ބުންޏެވެ.

އޭނާ ވަނީ، ބެންގަލޫރުން އޭއެފްސީ ކަޕުގައި ކުރިމަތިލި ނޭޕާލްގެ އާމީ ކްލަބާއި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އާއި ރާއްޖޭގެ ކްލަބު އީގަލްސްގެ ތަފާތު އަޅާ ކިޔައިފަ އެވެ.

"ނޭޕާލް ޓީމު ކުޅެނީ ތަފާތު ފުޓްބޯޅައެއް. އެހާ ބޮޑަށް ތަޖުރިބާ ހުރި ކަމަކަށް ފާހަގަ ނުކުރެވުނު، ސަބަބަކީ އެއީ ސިފައިންގެ ޓީމަކަށްވާތީ. ޕްލޭއޮފްގައި އަހަރެމެން ކުރިމަތިލި ރާއްޖޭގެ (އީގަލްސް) ޓީމަކީ މޮޅު ޓީމެއް އަދި ޑިފެންސިވްގައި ވެސް ވަރަށް އޮގަނައިޒް. ބަންގްލަދޭޝް (ބަށުންދަރާ) ފެނުނީ މާ ވަރުގަދަކޮށް. ސަބަބަކީ އެ ޓީމުގައި އެބަތިބި އިންޑިވިޖުއަލް މޮޅު ކުޅުންތެރިން. އާޖެންޓީނާ ރޮބީނިއޯ އަކީ އޭގެ ހެއްކެއް. އަދި ބަންގްލަދޭޝްގެ ޑިފެންޑަރު އެއީ ވެސް ރަނގަޅު ކުޅުންތެރިޔެއް،" ޕެޒައުއޯލީ ބުންޏެވެ.

"އަހަރެމެން މިހާރު ކުރިމަތިލާ ރާއްޖޭގެ ޓީމު (މާޒިޔާ) އަހަންނަކަށް އެހާ ބޮޑަކަށް ނޭނގެ. އަހަންނަށް ހީވަނީ އެ ޓީމު އޮތީ އެންމެ މަތީ ޖޯޝުގައިހެން. އޭއެފްސީ ކަޕް ތަޖުރިބާ ހޯދައިދޭން އެހެން ކުޅުންތެރިނަން ފުރުސަތު ދޭނެ ހެން. އިންޑިއާގެ ޓީމުތަކާ ރާއްޖޭގެ ޓީމުތަކުގެ ނަތީޖާ އަޅާކިޔާއިރު ހާއްސަކޮށް މިދިޔަ އަހަރު ބީއެފްސީގެ ނަތީޖާ ރަނގަޅެއް ނޫން. އެކަމަކު މިފަހަރު އަހަރެމެން ގުރޫޕް ސްޓޭޖަށް މިވަނީ ރާއްޖޭގެ ޓީމެއް ބަލިކޮށްފައި. އަދި ގުރޫޕް ސްޓޭޖު ނިންމާލަން ބޭނުން ވަނީ ވެސް ރާއްޖޭގެ ޓީމެއް ބަލިކޮށްފައި."

ބެންގަލޫރު އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454