25 އޯގަސްޓް 2021 - 06:59
ފިލްމެއްގެ މަސައްކަތް ނުކުރާތާ ފަސް އަހަރު ފަހުން އައިޝްވާރިއާ ރާއީ މިހާރު ކުޅެމުން އަންނަ ފިލްމު "ސެލްވަން ޕޮނިޔިން" ގައި އޭނާ ފެންނާނެ ގޮތް ސޯޝަލް މީޑިއާގައި ލީކްވެއްޖެ އެވެ.
ޓްވިޓާގައި ދައުރުވަމުން އަންނަ ފޮޓޯއެއްގައި ފެންނަނީ ފިލްމުގެ ސެޓްގައި މަންޒަރަކަށް އައިޝްވާރިއާ ނަލަހެދިގެން ހުއްޓަ އެވެ. އޭނާ ހުންނަނީ ރަތާއި ރަން ކުލައިގެ ސާޅީއެއް އަޅައިގެން ގަހަނާތަކުން ޒީނަތްތެރިވެގެންނެވެ.
މަނީ ރަތުނަމް ދެ ބަޔަކަށް ޑައިރެކްޓްކުރާ ތާރީހީ އެކްޝަން ޑްރާމާ "ސެލްވަން ޕޮނިޔިން" ގައި އައިޝްވާރިއާ ކުޅޭނީ ޑަބަލް ރޯލެކެވެ. އެއީ މަޔަކާއި ދަރިއެއްގެ ރޯލެވެ. އޭނާގެ ކެރެކްޓާތަކަކީ ނަންދިނީ/މަންދާކިނީ ދޭވީ އެވެ.
އައިޝްވާރިއާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު، ކަރަން ޖޯހަރްގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.
Omg..!! Aishwarya Rai Bachchan spotted on the sets of #PonniyinSelvan Really very excited to watch this movie😍 pic.twitter.com/kmMN5iv28A
— Goki (@Gokila81197469) August 24, 2021
"ސެލްވަން ޕޮނިޔިން" ގެ ޑައިރެކްޓަރާ އެކު އައިޝްވާރިއާ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 1994 ގައި މިސް ވޯލްޑްގެ ތާޖު ހާސިލުކުރުމަށް ފަހު، އެކްޓިން އަށް ނުކުތް ތަމަޅަ ފިލްމު އިރުވަރު (1997) ގެ އިތުރުން ގުރޫ (2007) އަދި ރާވަން (2010) އެވެ.
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ސެލްވަން ޕޮނިޔިން 1" ގެ ކާސްޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންނެވެ. ފިލްމުގެ ބަތަލަކީ ވިކްރަމް އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ތުރިޝާ، ކާތީ، ޖަޔަމް ރަވީ، ވިކްރަމް ޕްރަބޫ، ޕްރަކާޝް ޖާ، ޖަޔަރާމް އަދި ޝޮބީތާ ދުލިޕާލާ ހިމެނެ އެވެ.
"ސެލްވަން ޕޮނިޔިން" އަކީ 500 ކްރޯޑް ރުޕީސް (64.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާ ފިލްމެކެވެ. މިއީ ކުރީގެ މަޝްހޫރު ލިޔުންޔެރިޔާ ކަލްކީ ކްރިޝްނަމުރުތީ "ސެލްވަން ޕޮނިޔިން" ގެ ނަމުގައި 1955 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy