ދުނިޔެ / އަފްޣާނިސްތާން

ހަތިޔާރު ބަހައްޓާނީ ޝަރުތުތަކެއްގެ މަތިން: އަހްމަދު ޝާހު މަސްއޫދު

ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން އަސްކަރީ ޓޭންކެއްގެ މަތީގައި. --އޭއެފްޕީ

01 ސެޕްޓެމްބަރ 2021 - 13:52

ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައި، ތާލިބާނުންގެ ސަރުކާރާ ސުލްހަވާނީ، ވަކި ޝަރުތުތަކެއްގެ މަތިން ކަމަށް، އެ ސަރަހައްދުގެ ނުފޫޒު ގަދަ ވެރިޔާ، އަހްމަދު ޝާހު މަސްއޫދު ބުނެފި އެވެ.

ފޮރިން ޕޮލިސީ ނޫހަށް ދިން އިންޓަވިއުއެއްގައި އަހްމަދު މަސްއޫދު ބުނި ގޮތުގައި، ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓާނީ، އަފްގާނިސްތާނުގެ ސިޔާސީ ހުރިހާ ޕާޓީތައް ހިމެނޭ ސަރުކާރެއް އެކުލަވާލައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދޭ ނަމަ އެވެ.

"ހުރިހާ އެންމެންނާ އެކުގައި ވެރިކަން ހިއްސާކުރަން ތާލިބާނުން ނިންމައިފިއްޔާ، އަދި އަދުލުވެރިކަން ގާއިމުކޮށް އަފްގާނިސްތާނުގައި ދިރިއުޅޭ އެންމެންނަށް ހަމަހަމަކަމާއި މިނިވަންކަން ދޭން ތާލިބާނުން ނިންމައިފިއްޔާ، އަހަރެން މިހުރީ ހަތިޔާރު ބަހައްޓައި ފަހަތަށް ޖެހި، ސިޔާސީ ކަންކަމުން އެއްފަރާތްވާން ތައްޔާރަށް،" އަހްމަދު މަސްއޫދު ބުންޏެވެ.

ޕަންޖްޝޭރް ވާދީއަކީ، އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން، މިހާތަނަށް ތާލިބާނުންގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސެވެ. ތާލިބާނުން 1996-2001 އަށް އަފްގާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު ވެސް، ޕަންޖްޝޭރް ވާދީ އޮތީ ތާލިބާނުންގެ ކޮންޓްރޯލުން ބޭރުގަ އެވެ. އޭރު އެ ސަރަހައްދު އޮތީ، އަފްގާނު މުޖާހިދުންގެ ކުރީގެ ކޮމާންޑަރު އަހްމަދު ޝާހް މަސްއޫދަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.

އަހްމަދު ޝާހު މަސްއޫދު ބުނި ގޮތުގައި، ސިޔާސީ ހުރިހާ ޕާޓީތައް ބައިވެރިވާ އަދި ލާމަރުކަޒީ ސަރުކާރެއް ތާލިބާނުން ގާއިމުކޮށްގެން ނޫނީ، ތާލިބާނުންނާ އެކުގައި ސުލްހަ ގާއިމުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެނޫން ގޮތަކަށް ވެރިކަން ކުރަން ތާލިބާނުން ގަސްދުކޮށްފިއްޔާ، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިންނަށް ބޭރުގެ އެއްވެސް އެހީއެއް ނުލިބޭ ކަމަށެވެ. ނަމަވެސް އަވައްޓެރި ބައެއް ގައުމުތައް އޮތީ ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިންނާ އެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުރީގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން، ބައެއް ގައުމުތަކަށް މަޖުބޫރުވި ތާލިބާނުންނާ ގާތް ގުޅުމެއް ބާއްވަން. އެއީ މި ސަރަހައްދުގެ ފެނުގެ ސަބަބުންނާއި، އެ ގައުމުތަކުގެ ރައްޔިތުންނާއި ތާލިބާން ހަނގުރާމަވެރިންނާ ދެމެދު އޮތް ނަސްލީ ގުޅުމުގެ ސަބަބުން ވެސްމެ. އޭގެ ސަބަބުން އެ ގައުމުތައް ބަދަލުވެގެން ދިޔައީ، އަފްގާނިސްތާނުގެ ދުޝްމަނުންނަށް،" އަހްމަދު މަސްއޫދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަވައްޓެރި ގައުމުތައް، ތާލިބާނުންނާ ގާތް ވުމުގެ އަނެއް ސަބަބަކީ، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބުމެވެ. އެއީ، ތާލިބާންގެ ހަނގުރާމަވެރިންނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުވައިގެން، އެމެރިކާ ސިފައިންނަށް ވީހާ ބޮޑު ގެއްލުމެއް ދިނުމުގެ ބޭނުމުގައި ކަމަށް ވެސް އަހްމަދު ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454