ހައި ކޯޓު: ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލެއް ނުކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
09 ސެޕްޓެމްބަރ 2021 - 10:55
ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ އެޓާނީ ޖެނެރަލަށް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
އެ ކޯޓުން އެގޮތަށް ކަނޑައެޅީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް މީހަކު ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލާގައި ޖަވާބުދާރީވާން އެ ކައުންސިލަށް އެންގުމުން ކައުންސިލުން ޖަވާބު ދިނީ ކައުންސިލްގައި ވަކީލަކު ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ޖަވާބުދާރީވާން އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމުން އެ އޮފީހުން ހައި ކޯޓަށް އެންގީ ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ވަކި ގާނޫނީ ޝަހްސަކަށް ވާތީ އެ އޮފީހަށް ކައުންސިލްތައް ތަމްސީލު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަހްސުތަކަކަށް ވިޔަސް، ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރުމުގެ ބާރެއް ކައުންސިލްތަކަށް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ބިންތައް މިލްކުވަނީ ދައުލަތަށް ކަމަށް ވާއިރު، ދައުލަތުގެ ބިންތަކާ ގުޅޭ މައްސަލަތަކުގައި ލަފާ ދިނުމާއި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރަން ޖެހޭނީ އެޓާނީ ޖެނެރަލްގެ ފަރާތުން ކަމަށް އެ ހުކުމުގައިވެ އެވެ.
"ދިވެހިިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބިން މިލްކުވެގެން ވަނީ ދިވެހި ދައުލަތަށެވެ. ވީމާ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަކަށް ބުރައެއް ނުވެ އެވެ." އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ޖިނާއީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރުމަކީ އެޓާނީ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނު އަސާސީގައިި ބުނެފައިވާތީ އެޓާނީ ޖެނެރަލަށް ކައުންސިލްތައް ތަމްސީލު ނުކުރެވޭނެ ކަމަށް ބުނާ ބުނާ ރަނގަޅު ނޫން ކަމަށެވެ. އަދި ކައުންސިލްތަކަކީ ވަކިވަކި ސަރުކާރުތަކެއް ނޫން ކަމަށާއި އެހެންވެ، ދައުލަތުގެ މަސްލަހަތު ހިމެނޭ އެފަދަ މައްސަލަތަކުގައި އެޓާނީ ޖެނެރަލްގެ އޮފީހާއި ކައުންސިލްތަކާ ދެމެދު ގުޅުން ބާއްވަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
"ގާނޫނު އަސާސީގެ އަށް ވަނަ ބާބުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫނެވެ. ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
އެ މައްސަލަަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
ހައި ކޯޓުން އެގޮތަށް ނިންމިއިރު، ކައުންސިލްތަކާއި މިނިވަން މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލު ކުރަން ޖެހޭނީ އެޓާނީ ޖެނެރަލްގެ ފަރާތުން ކަމަށް ސުޕްރީމް ކޯޓުން ވެސް ކުރިން ނިންމި އެވެ. އެކަމަކު ފަހުން އެ ކޯޓުން ވަނީ އެ މުއައްސަސާތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލު ކުރެވޭނެ ކަމަށް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމަޖެހޭ
09 September 2021
ކައުންސިލްތަކަކީ ބަންޑާރަ ނާއިބުންތަ؟
އޮނަރަބްލް އަފީފު ދީދީ
09 September 2021
ދައުލަތުގެ ބަންޑާރަ ނައިބަކީ ވަޒީރުންގެ މަޖިލީހުގައި އިންނަވާންޖެހޭ ފަރާތެއްކަމަށް ޤާނޫޖުގައި ކަޑައަޅާފައިވާތީ އޭޖީގެ ތިޔަ ނިންމުމަކީ ސަރުކާރު ދެކޭގޮތް ކަމަށް ވުން އެކަށީގެންވޭ. # ޤއ ގެ 72 ހ އާއި ށ އަދި ޤއ ގެ 92 ގައި ބުނެއަމުރުކޮށްފައިވާ ލާމަރުކަޒީ ބާރުވެރިކަންދިނުމާއި، "ޤއ އިން ކަށަވަރުކޮށްދީފައިވާ އަސާސީހިދުމަތް ތަކުގެތެރެއިން ސާފުބޯފެނާއި ނަރުދަމާގެހިދުމަތްދިނުން ފަދަކަންކަމަށް ސަރުކާރު އެހާ އަހަމީއްޔަތެއް ނުދޭކަން" ބަންޑާރަނައިބު ބުނެދީފި.
ސުއޫދު
09 September 2021
ވަރަށް ހަމަޖެހޭ ހުކުމެއް
އޮނަރަބްލް އަފީފު ދީދީ
09 September 2021
ޤާނޫނުއަސާސީގައި ބުނެ އަމުރުކޮށްފައިވާ ކަންކަމުގެ ތެރެއިން މާލެ ނޫން ރަށްރަށަށް، ސަރަޙައްދުތަކަށާއި އެތަންތަނުގައި ވަޒަންވެރިވެ ދިރިއުޅޭ ރައްޔިތުނަށް ލިބެންޖެހޭ ދޭންޖެހޭ ގިނަ ޙައްޤުތަކަކަށް ސަރުކާރުން ވަނީ އަޅާނުލާ "ނޭގޭ ކަމެއްކަމަށް" ހަދާފަ. # މިގޮތުން ޤާނޫނުއަސާސީގެ 72 ހ އަދި ށ ގައި ބުނެ އަމުރުކޮށްފައިވާގޮތާއި ޙިލާފަށް އެރަށްރަށުގެ ގޮނޑިތަކަށް އެހެން ރަށްރަށުގެ މީހުން އިންތިޙާބުކުރަން ފުރުސަތުދިނުން ފަދަ އެތައްކަމެއް އެބަކުރޭ.
މަސްވެރިޔާ
09 September 2021
ބަރާބަރު އޮޅުންފިލުވާ ދެއްވުމެއް. ޝުކުރާން.
މާސްޓަރ
09 September 2021
ވާއެއް ނުވާއެއް ނޭގުނެއްނު. ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ހަިކޯޓުން ބަދަލު ކުރާނެ ގޮތެއް ނޭގުނު.